އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ބީޖީ ސްޕޯޓްސް އަތުން 2-0 އިން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ގުރޫޕް ދޭއްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ނިއު ތާވަލްގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އެލްޓީ ސްޕޯޓްސް ކްލަބް އެވެ. ތިން ވަނައިގައި، ހަ ޕޮއިންޓާ އެކު އޮތީ ކްލަބު ޓީނޭޖް އެވެ. ހަތަރު ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ނިއު އިން މިރޭގެ މެޗު ފެށީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ގާނާގެ މިޑްފީލްޑަަރު ތޯރިގު ޖެބްރިން ފުރަތަމަ 11 އަށް ނުލަ އެވެ.
މެޗުގެ ހަތް ވަނަ މިނިޓުގައި ނިއުގެ ވިންގް، އާދަމް ޝަހީމް (އާނާ) ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ފޯމުގައި ހުރި ގާނާގެ ފޯވަޑް ކޯފީ އޮވޫސޫ ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް، ބީޖީގެ ގޯލްކީޕަރު އަބްދުލް މަޖީދު ވިޝާން ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން، ނިއު އަށް ލިބުނު ކޯނަރަކުން ބީޖީގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކޯފީ ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް، ބީޖީގެ ޑިފެންޑަރެއް ވަނީ ގޯލުގެ ރޮނގުމަތިން އެ ބޯޅަ ދިފާއުކޮށްފަ އެވެ.
ނިއު އިން ލީޑު ނަގަން މަސައްކަތްކުރި ނަމަވެސް، މެދުތެރެއިން ކުރިއަށް ދޭ ބޯޅަތައް މަދުވެ، ހަމަލާތައް އުފެއްދުން ދަށްވުމާ އެކު، ނިއުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވަނީ މެޗުގެ 28 ވަނަ މިނިޓުގައި ތޯރިގު ކުޅެން އަރުވައިފަ އެެވެ.
ނިއު އިން ލީޑު ނެގީ މެޗުގެ 33 ވަނަ މިނިޓުގައި ކޯފީ ޖެހި ލަނޑުންނެވެ. ނިއުގެ ޝަހީމް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، މި ފަހަރު ކޯފީ ބޮލުން ގޯލުގެ ތެރެއަށް އަމާޒުކޮށްލީ ބީޖީގެ ގޯލްކީޕަރު ވިޝާނަށް އެ ބޯޅަ ދިފާއުކުރާނެ ފުރުސަތެއް ނުދީ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވެސް ލަނޑު ޖަހަނެ ރަނގަޅު ފުރުސަތުތައް އުފެއްދީ ނިއު އިންނެވެ. ކައުންޓާ އެޓޭކްގައި ބީޖީ އަށް ވެސް ހަމަލާއެއް އުފައްދަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުމެއް އެ ޓީމަކަށް ނުހިފުނެވެ.
މެޗުގެ 59 ވަނަ މިނިޓުގައި ކޯފީ އަށް އިތުރު ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު، ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް، ބީޖީގެ ކެޕްޓަން އިސްމާއިލް ހަމްދޫން ވަނީ ފަހަތުން އަރައި، މޮޅު ޓެކަލްއަކާއެކު އެ ބޯޅަ ދިފާއުކޮށްފަ އެވެ.
ނިއުގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ މުހައްމަދު ލިޔާހު އެވެ. މެޗުގެ 67 ވަަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ލިޔާހަށް، ނިއުގެ ތޯރިގް ދިން ޕާސް ރިސީވްކޮށްލުމަށް ފަހު، ލިޔާހު ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފުގައި ބީޖީ އަށް ވެސް ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބީޖީގެ މުހައްމަދު ނާއިލް ފޮނުވާލި ބޯޅަ ނިއުގެ ގޯލްކީޕަރު މިފްދާދު އަހުމަދު ދިފާއުކުރި އެވެ. އަދި ރީބައުންސްގައި ނިކުތް ބޯޅަ، ބީޖީގެ ހުޒެއިފާ އިބްނު ހުސެއިން އަށް ގޯލާ އަމާޒެއް ނުކޮށްލެވުނެވެ.
ދެ ވަނަ ޑިވިޝަންގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ކުޑަ ހެންވޭރާ ދެކޮޅަށް ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ކްލަބު ޕީކޭއާ ދެކޮޅަށް ނުކުންނާނީ ބިސްބުރު ސްޕޯޓްސް ކްލަބެވެ.











