ލަންޑަން (ޖުލައި 25) - ޗެލްސީ ހިންގުމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން އެ ޓީމުން ޓްރާންސްފާ މާކެޓްގައި ގެންނަން ބޭނުންވި ބައެއް ކުޅުންތެރިންގެ ޑީލްތައް ނުނިންމުމުން ބޯލީ އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓާ އެކު ހުރި ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަތް ފަހުން އެ ޓީމަށް ނިންމުނީ ދެ ޓްރާންސްފާ އެވެ. ޖުމްލަ އެކު 100 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ދައްކާ ގޮތަށް ޗެލްސީން ވަނީ ނަޕޯލީގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ އާއި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިންގެ ޑީލް ނިންމައިފަ އެވެ.
އެކަމަކު، ޗެލްސީން ގަންނަން ބޭނުންވި އެހެން ކުޅުންތެރިން ކަމަށްވާ، ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ، މެންޗެސްޓާ ސިޓީގެ ނޭތަން އަކޭ، ލީޑްސް ޔުނައިޓެޑްގެ ރަފީނިއާ އަދި ސެވިއްޔާގެ ޖޫލްސް ކުންޑޭގެ ސޮއި ހޯދިފައިނުވެ އެވެ.
ބޯލީ ބޭނުންވާ މޮޑެލަށް ޗެލްސީ ހިންގުމުގެ ގޮތުން އެ ޓީމުގެ އެކި މަގާމުގައި ތިބި ފަރާތްތައް ބަދަލުކުރި ނަމަވެސް އަދި މިހާތަނަށް ޓްރާންސްފާ މާކެޓްގައި އެ ކްލަބްގެ ހިންގުމުގެ މޮޑެލްގެ ނަތީޖާއެއް ނުފެނެ އެވެ. އެ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ޗެލްސީގެ ޗެއާމަން ބްރޫސް ބަކް އާއި ޑިރެކްޓަރު މަރީނާ ގްރަނޯސްކާއިއާ އަދި ޓެކްނިކަލް އެންޑް ޕާފޯމަންސް އެޑްވައިޒަރު، ޕީޓަ ޗެކް ވަނީ މަގާމުން ވަކިވެފަ އެެެވެ. އެ މަގާމުތަކުގެ ޒިންމާތައް މި ވަގުތު ހަވާލުކުރެވިފައިވަނީ ބޯލީގެ ގްރޫޕުން ބޭނުންވާ މީހުންނާ އެވެ. އެކަމަކު، މަސައްކަތުގެ ސްޕީޑް ހުރީ ވާދަވެރި އެހެން ޓީމުތަކަށް ވުރެން ފަހަތުގަ އެވެ.
ބޯލީއާ ގާތް ފަރާތްތަކާ ހަވާލާދީ އިނގިރޭސި މީީޑިއާ އިން ރިޕޯޓްކުރާގޮތުގައި އޭނާ ހުރީ ބައެއް ޑީލްތައް ނުނިންމުމުން ކަންބޮޑުވެފަ އެވެ. ހާއްސަކޮށް ލީޑްސް ޔުނައިޓެޑުން ރަފީނިއާ ގަންނަން ހުރިހާ ކަމެއް ނިންމާފައި އޮއްވައި، ފަހު ވަގުތު ރަފީނިއާގެ ނިންމުން ބަދަލުވެ، އޭނާ ބާސެލޯނާ އަށް ސޮއިކުރުމުން ޗެލްސީގެ ސީނިއާ މެނޭޖްމަންޓްގެ ނުތަނަވަސްކަން ބޮޑުވި އެވެ.
ޔޫރަޕްގެ އެކި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ބޯލީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލެވަންޑޯސްކީ، ޕީއެސްޖީގެ ނޭމާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ތެރެއިން ކުޅުންތެރިއަކު ހޯދަން ބޭނުންވި އެވެ. ލެވަންޑޯސްކީ ބާސެލޯނާ އަށް ސޮއިކުރިއިރު، ރޮނާލްޑޯ އާއި ނޭމާގެ މުސްތަގުބަލާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.
ޕްރީ ސީޒަން ޓުއާގައި އާސެނަލް އަތުން 4-0 އިން ޗެލްސީ ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ޓްރާންސްފާގެ ކަންތައްތައް ބޭނުންވާ ގޮތަށް ނުދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން، ޓުޗެލް ބުނީ މި ވަގުތު ވެސް ޗެލްސީ އަށް އޮތީ އެއް މައްސަލަތަކެއް ކަމަށާއި މިހާރު މި އޮތީ ގާތްގަނޑަކަށް ހަމަ މިދިޔަ އަހަރުގެ ޓީމު ކަމަށެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީ ޓީމަށް އިތުރު ތިނެއް ނޫނީ ހަތަރު ކުޅުންތެރިއަކު ގެންނަން ޓުޗެލް ބޭނުންވެ އެވެ.












