ވެހިކަލް ޗެކް ޕޮއިންޓެއް ގާއިމްކޮށްގެން ވެހިކަލްތައް ޗެކްކުރުމުގައި އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖައްސި ފުލުހަކަށް އަނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރަސްފަންނު ސަރަަހައްދު ބޮޑުތަކުރުފާނު މަގުގައި އިއްޔެ ޗެކްޕޮއިންޓް ޖަހައިގެން ޓްރެފިކް ފުލުހުން ތިއްބަ އެެވެ.
އެ ވަގުތު އެ މަގުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން, އެކަމަށް ތަބާނުވެ ބާރްސްޕީޑްގައި އެ ސައިކަލް އެ ތަނުން ދިޔުމަށް މަސައްކަތް ކުރި އެވެ. އެކަމުގެ ތެރޭގައި އެ ސައިކަލުން ޖެހި އެތަނުގައި ހުރި ފުލުހަކަށް އެކި ވަރުގެ އަނިޔާވި އެވެ.
އެ ފުލުސް މީހާއަށް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް ލިބިފައިނުވީ ނަމަވެސް, ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެނގިފައިވެ އެވެ.
މިކަމާ ގުޅިގެން ފުލުހާއި އައިޖީއެމްއެޗްގެ ބަހެއް ނުލިބެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ބާރްސްޕީޑްގައި އިއްޔެ ސައިކަލް ދުއްވި ޒުވާން ފިރިހެނާގެ އަތުގައި ލައިސެންސެއް ނެތެވެ. އޭނާއަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނުއިރު ސައިކަލް ފަހަތުގައި އިން ފުރާވަރުގެ ފިރިހެން ކުއްޖާއަށް ވެސް އަނިޔާވެފައިވެ އެވެ.
މީގެކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި ވާއިރު ވަޒީފާ އަދާކުރަމުން ދިޔަ ބައެއް ފުލުހުން ނިޔާވެފައި ވެސް އެބަ ހުއްޓެވެ. އެގޮތުން ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން ޖައްސައި 2013 ޖޫން 01 ވަނަ ދުވަހު ޝަހީދުކޮށްލި، ބ.ހިތާދޫ، ނަސީމީވިލާ ޕޮލިސް ކޯޕްރަލް މިސްބާހު އަބްދުﷲ ފާހަގަ ކޮށްލެވެ އެވެ.












