އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ލޮރެންޒޯ ސްޕޯޓްސް ކްލަބް 6-0 އިން ބަލިކޮށް ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބް ގަލޮޅު ދަނޑަށް އެނބުރި އައުން ބޮޑު މޮޅު މޮޅަކުން ފާހަގަކޮށްފި އެވެ.
އެފްއޭއެމާއި ފީފާ އިން ދިން ސަސްޕެންޝަނުން ތިން އަހަރަށް ފަހު ސަލާމަތްވެ، ނިއު މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނައިރު، މި ފަހަރުގެ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަަމަ މެޗުގައި މި މަހު 17 ވަނަ ދުވަހު ޓީނޭޖް އަތުން 2-1 އިން މޮޅުވި މެޗު ކުޅުނީ ޓާފް އެއް ނަމްބަރު ދަނޑުގަ އެވެ. ލޮރެންޒޯ ކުޅުނު ފުރަތަމަ މެޗުން ވަނީ އެލްޓީ ސްޕޯޓްސް ކްލަބް އަތުން 5-0 އިން ބަލިވެފަ އެވެ.
ނިއުގެ ދެ ވަނަ މެޗު މިރޭ އެ ކްލަބްގެ ސަޕޯޓަރުންގެ ބެރުގެ އަޑާ އެކު ގަލޮޅު ދަނޑުގައި ކުޅުނުއިރު، މިއީ 30 ނޮވެމްބަރު 2018، ވަނަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދިވެހި ޕްރިމިއާ ލީގުގައި 4-4 އިން އެއްވަރުވި މެޗަށް ފަހު ގަލޮޅު ދަނޑުގައި ނިއުގެ ފުރަތަމަ މެޗެވެ.
މިއީ 1328 ދުވަސް ތެރޭ ނިއު އިން ގަލޮޅު ދަނޑުގައި ރަސްމީ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ނިއުގެ އުޒްބެކިސްތާން މިޑްފީލްޑަރު، ފާރޫގު އަތުން ބޯޅަ ހޯދަން، ލޮރެންޒޯ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މިރޭގެ މެޗު ފަށައިގެން ނިއު އިން ލޮރެންޒޯގެ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފަށައި، މެޗުުގެ ކޮންޓްރޯލް ނަގައިގެން ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރަން މަސައްކަތް ފެށި އެވެ. އެ ގޮތުން މެޗުގެ ފުރަތަމަ 10 ވަރަކަށް މިނިޓް ތެރޭ، ނިއުގެ ގާނާ ފޯވާޑް ކޯފޫ އަވޫސޫ އާއި ގާނާގެ މިޑްފީލްޑަރު، ތޯރިގް ޖެބްރިން އަދި އަހުމަދު ސުހެއިލް (ބަމްޕުޗު) އަށް ލިބޭ ބޯޅަތަކުގައި ދިޔައީ ނުރައްކާ ކުރަމުންނެވެ.
ނިއުގެ ކެޕްޓަން، ކުރިން ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ އަށް ކުޅުނު، މުހައްމަދު ރިފާއު (އަސްކާ) އަށް އަނިޔާވެގެން ފުރަތަމަ 10 މިނިޓް ތެރޭ ވަނީ ބަދަލުކޮށްފަ އެވެ. އަސްކާގެ ބަދަލުގައި ކުޅެން އެރީ، ކުރިން ތިމަރަފުށީ ފުޓްބޯޅަ ޓީމާ އެކު 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މިޑްފީލްޑަރު އިބްރާހިމް ސިނާހު (ސިނާ) އެވެ. ސިނާ ވަނީ މިދިޔަ އަހަރުތަކުގައި ދެ ވަނަ ޑިވިޝަނުގައި އެކި ޓީމުތަކަށް ކުޅެފަ އެވެ.
ލޮރެންޒޯގެ ގޯލު ހުޅުވަން ނިއު އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 22 ވަނަ މިނިޓްގަ އެވެ. ނިއުގެ ފުރަތަމަ ގޯލު ޖެހީ ގާނާ މިޑްފީލްޑަރު ތޯރިގު އެވެ. ނިއުގެ ކުރިއަށް ކުޅޭ މުހައްމަދު ލިޔާހު ދިން މޮޅު ބޯޅައެއް އޭރިއާތެރެއިން ހޯދައި، ތޯރިގު ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލޮރެންޒޯގެ ޑާޑާ (ކ) ކައިރިން ނިއުގެ އާނާ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް،.އެމްވީ
ނިއު އިން ލީޑުނެގިތާ ތިން މިނިޓް ފަހުން ލޮރެންޒޯ އަށް ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ކުރިން ދ. ކުޑަހުވަދޫ ޓީމާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު އިރުފާން އާދަމް ނަސީރު (ޑާޑާ) ނެގި ހުރަހެއް ޖަހަން އޭރިއާތެރެއަށް މުޅިން ހުސްކޮށް އެރި، ނަސޫހު ސައީދު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ނިއު އިން ވަނީ މެޗުގެ 32 ވަނަ މިނިޓްގައި ލިޔާހު ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. ނިއުގެ އުޒްބެކިސްތާން މިޑްފީލްޑަރު، ފާރޫގު ހައިދޯރޯފް ދިން ބޯޅައެއް އޭރިއާތެރެއިން ހޯދައި، ކުރިން އީގަލްސް އަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ލިޔާހު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ރޮނގުކައިރިން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައި، ތޯރިގު ވަނީ ނިއު އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.
ފުރަތަަމަ ހާފު ނިމުމުގެ ކުރިން، ނިއު އިން އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ނިއުގެ ކޯފޫ ވަނީ އެ ޓީމަށް ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. ލޮރެންޒޯ ފަހަތުން ދޫވި ބޯޅައެއް ހޯދައި، ކޯފޫ މި ގޯލު ޖެހީ ލޮރެންޒޯގެ ކީޕަރު އަހުމަދު ސައިފް ކައިރިން ނައްޓާފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ނިއު އަށް ކުޅޭ އާދަމް ޝަހީމް (އާނާ) ނެގި ހުރަހަކުން އޭރިއާތެރެއިން ފުއްމައިގެން، އަރައި ބޮލުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ތޯރިގު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ނިއުގެ ތޯރިގު (ވ) ހެޓްރިކް ހެދި ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ކުރިން ތުރުކީގެ ޓްރަބްޒޮންސްޕޯ އާއި ސައުދީ އަރަބިއްޔާގެ ދެ ވަނަ ޑިވިޝަނުގައި ކުޅެފައިވާ ތޯރިގަކީ ނިއުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ގޭމްޕްލޭނުގައި މުހިންމު ކުޅުންތެރިއެކެވެ. ދެ ވަނަ ހާފްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ވެސް އޭނާ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި ތޯރިގު ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އޭނާ ގޯލު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށްވާތީ އެ ގޯލު ބަލައިނުގަނެ އެވެ.
ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، އާދަމް އަބްދުލް ލަތީފް (ލައްޗޭ)ގެ ކޯޗުކަމުގައި ކުޅޭ ލޮރެންޒޯ ކޮޅަށް ދެ ވަނަ ހާފްގައި އިތުރު ގޯލުތަކެއް ނުވަނުމުގައި އެ ޓީމުގެ ކީޕަރު ސައިފް މުހިންމު ހަމަލާތަކެއް ހުއްޓުވި އެވެ. އެކަމަކު، ނިއު އިން ދެ ވަނަ ހާފްގައި ވެސް ގޯލު ޖެހުމުގައި ކާމިޔާބު ހޯދި އެވެ. ސިނާ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އަލީ އަޒުމީ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އަޒުމީ އަކީ ދެ ވަނަ ހާފްގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ.
އޭގެ ފަހުން ނިއު އަށް ހަތް ވަނަ ގޯލެއް ޖަހައިދޭން، އެ ޓީމުގެ ކޯފޫ އަށް ލިބުނު ފުރުސަތުން ގޯލު ކުރިމަތިން ހުސްކޮށް އަރައި، ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ނިއު އިން ދެން ކުޅޭ މެޗުގައި ނުކުންނާނީ މި މަހު 24 ވަނަ ދުވަހު، ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ސަސްޕެންޝަނުން ސަލާމަތްވެގެން މި ފަަހަަރުގެ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ވިކްޓަރީ ފުރަތަމަ މެޗުން 2-1 ބީޖީ ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ދެ ވަނަ މެޗުގައި ރޭ ވަނީ އެލްޓީއާ 1-1 އިން އެއްވަރުވެފަ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީނޭޖުން ވަނީ 6-0 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ޓީނޭޖްގެ މިސްރު ފޯވާޑް އަލީ އަފީފީ ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ތިން ގޯލު ޖެހީ އަހުމަދު މުހައްމަދު (އައްމަޑޭ) އަދި ނާޖިހު މުހައްމަދު އެެވެ.











