މި މަހުގެ ނިޔަލަށް ސުންގަޑި ހަމަވާ ޓެކްސްތަކާ ގުޅޭ ބަޔާންތައް ހުށަހެޅުމާއި ފައިސާ ދެއްކުމާ ގުޅޭ ކަންކަން ދުރާލާ އިންތިޒާމުތައް ފުރިހަމަކުރަން މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތީރިޓީ (މީރާ)އިން ހަނދާންކޮށްދީފީ އެވެ.
ސުންގަޑި ހަމަވާ ޓެކްސްތަކާ ގުޅޭ ކަންކަން ފުރިހަމަކުރަން މީރާއިން ހަނދާންކޮށްދިނީ މިނިވަން ދުވަސް ޗުއްޓީ އާއި ހަފުތާ ބަންދާ އެކު އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ސަރުކާރާއި ބޭންކުތައް ބަންދުކުރާތީ އެވެ.
އެގޮތުން ޖުލައި 31 ގައި ސުންގަޑި ހަމަވާ ތިން ޓެކުހަކާ ގުޅޭ ބަޔާން ހުށަހަޅާ ފައިސާ ދައްކަން މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެއީ:
- 2022 ވަނަ އަހަރުގެ ޖޫން މަހަށް ހުށަހަޅަންޖެހޭ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
- 2022 ވަނަ އަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން
- 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ހުށަހަޅަންޖެހޭ ޖީއެސްޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން
މި ޓެކްސްތަކުގެ ތެރެއިން އިންކަމް ޓެކްސްގެ އިންޓަރިމް ބަޔާން ހުށަހަޅަން ޖެހެނީ މިދިޔަ އަހަރު 20،000ރ. އިން މަތިން ޓެކްސް ދެއްކި މީހުންނާއި ވިޔަފާރިތަކުގެ އތުރުން މި އަހަރު އަލަށް އިންކަމް ޓެކްސް ދައްކާ މީހުންނާއި ވިޔަފާރިތަކުގެ ތެރެއިން 20،000ރ. އަށް ވުރެ ޓެކުހުގެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ނަމަ އެވެ.
މިކަމާ ގުޅޭގޮތުން މީރާއިން ނެރުނު އިއުލާނުގައި ބުނި ގޮތުގައި މި ހުރިހާ ޓެކުހަކާ ގުޅޭ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންކަން މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ކުރެވޭނެ އެވެ. މިއީ ހުރިހާ ވަގުތެއްގައި ވެސް ބޭނުންކުރެވޭ ހިދުމަތެއް ކަމުން އޮންލައިންކޮށް ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރަން އެ އިދާރާއިން އެދެ އެވެ.










