އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ކްލަބް ޓީނޭޖް އަތުން 2-1 އިން ކުރިހޯދައި، ފުޓްބޯޅަ އަށް އެނބުރިއައުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މޮޅަކުން ފާހަގަކޮށްފި އެވެ.
ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފީފާ އާއި އެފްއޭއެމުން 2019 ވަަނަ އަހަރު ޖެނުއަރީ މަހު ސަސްޕެންޑްކޮށްފައި އޮތް ނިއު އަށް އަދަބުން ސަލާމަތްވެވުނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަން ބޯމަތިވެފައިވަނިކޮށެވެ. ނިއު އިން 1324 ދުވަސްތެރޭ ރަސްމީ މެޗަކަށް ނުކުތް ފުރަތަަމަ ފަހަރު މިރޭ މި ވަނީ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި ޓީނޭޖް ބަލިކޮށްފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މިރޭގެ މެޗުގެ 14 ވަނަ މިނިޓްގައި ނިއު އިން ލީޑުނެގީ ގާނާގެ ފޯވާޑް ކޯފޫ އޮވޫސޫ ޖެހި ގޯލުންނެވެ. ފުރަތަަމަ ހާފު ނިއު އިން ނިންމާލީ ލީޑުގަައި އޮވެ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ޓީނޭޖުން އެއްވަރުކުރި އެވެ. ޓީނޭޖްގެ ގޯލު ޖެހީ އަހުމަދު އަލީ އަފީފީ އެވެ.

ލަނޑު ޖެހުމަށް ފަހު ނިއުގެ ގާނާ ފޯވާޑް ކޯފޫ އޮވޫސޫ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
ޓީނޭޖުން ނަތީޖާ ހަމަހަމަ ކުރުމާ އެކު ބަދަލުތައް ގެެނެސްގެން ނިއު އިން އަލުން ލީޑުނެގޭތޯ މަސައްކަތް ފެށި އެވެ. އެ ގޮތުން ނިއު މޮޅުވި ގޯލު ޖެހީ ވެސް އޮވޫސޫ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި އޮވޫސޫ ނިއު އަށް ދެ ވަނަ ގޯލު ޖަހައިދިން ފަހުން، ލީޑު ސަލާމަތްކޮށް، މޮޅަކާ އެކު މުބާރާތް ފަށަން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
މިރޭގެ މެޗުގެ ކުރިން، އެންމެ ފަހުން ނިއު ރަސްމީ މެޗަކުން މޮޅުވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު ހަތް ވަނަ ދުވަހުގައި އެ ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ ސްޕޯޓްސް ކްލަބް އަތުންނެވެ.
ސަސްޕެންޝަނުން ސަލާމަތްވެ، ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ކުޅޭއިރު، އެ ޓީމު އޮތީ ނިއުއާ އެއް ގްރޫޕެއްގަ އެވެ. މި މަހު 24 ވަނަ ދުވަހު ނިއު އާއި ވިކްޓަަރީ ކުޅޭ މެޗު އޮންނާނެ އެވެ. ވިކްޓަރީން ވަނީ ސަސްޕެންޝަނަށް ފަހު އެނބުރި އައި މެޗުގައި 2-1 އިން ބީޖީ ސްޕޯޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ދެ ވަނަ ޑިވިޝަނުގައި މިއަދު ހަވީރު ކުޅުނު މެޗުން އެލްޓީ ސްޕޯޓްސް ވަނީ 5-0 އިން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އެލްޓީގެ ގޯލުތައް ޖެހީ އިސްމާއިލް ވިފާގު (އިއްސޭ) އާއި އާދަމް ލަރީފް (ރޮނާ) ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، ހަފީޒް މުހައްމަދު އެވެ.
މާދަމާ ދެ ވަނަ ޑިވިޝަނުގައި އޮތީ ޓެންޓް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ކުޅޭ މެޗާއި ކްލަބް ޕީކޭ އާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ. މާދަމާ ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު ވެސް އޮތުމުން ދެ ވަނަ ޑިވިޝަން މެޗުތައް ކުޅޭނީ ޓާފް އެއް ނަމްބަރު ދަނޑުގަ އެވެ.











