އަންނަ އޮގަސްޓު މަހުގެ ކުރީކޮޅު ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ސޯލިހު އެގައުމަށް ވަޑައިގަންނަވާނީ އޮގަސްޓު 2 ނުވަތަ 3 ގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހަމައެކަނި ވަޑައިގަންނަވާނީ ވެރިރަށް ދިއްލީއަކަށް ނޫނެވެ.
އޭގެ އިތުރުން، އިންޑިއާގެ ވިޔަފާރީގެ ހަބު ކަމަށްވާ މުމްބާއީއަށް ވެސް ރައީސް ސޯލިހު ވަޑައިގަންނަވާނެ އެވެ. އެއީ، ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.
މި ދަތުރުފުޅާ ގުޅޭ ގޮތުން އަދި ރައީސް އޮފީހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަތީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސެމްބަރު 2018 ގަ އެވެ. ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ފަހަރަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ނަރެންދުރަ މޯދީ ވަޑައިގެންނެވި ފުރަތަމަ ގައުމަކީ ވެސް ރާއްޖެ އެވެ.

ރައީސް ސޯލިހު 2019 ވަނަ އަހަރުގެ ތެރޭގައި ނުރަސްމީ ދަތުރުފުޅެއްގައި ބެންގަލޫރަށް ވެސް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މަޝްވަރާ ކުރެއްވީ ރާއްޖޭގައި ކްރިކެޓު ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންނެވެ.
އިންޑިއާ އަދި ރާއްޖޭގެ ގުޅުން ރައީސް ސޯލިހުގެ ވެރިކަމުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު އެގައުމުގެ އެހީގައި ރާއްޖޭގައި އަންނަނީ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހިންގަމުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދަށް އަރުވާފައިވާކަން ރިޕޯޓުކުރި އިއްޔެ އެވެ.
- ހިތުގެ މައި ލޭ ހޮޅި ފުއްޕައި ލޭ ގަނޑުވުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ކަމެއް ކަމަށްވާ ލޭ ހޮޅި ފަޅައިގެން ދިޔުމުގެ ކުރިން ފުރަތަމަ ފަހަރަށް އޯޕެން ސާޖަރީއަކަށް ނުގޮސް އެ މައްސަލަ ހައްލުކުރުމަށް ކާމިޔާބު އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- މާލޭގައި ފެންވަރު ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުކުރަން, މިނީ ބަހުގެ ހިދުމަތް ދޭން ފެށުމަށް ބޭނުންވާ ބަސްތައް ރާއްޖެ ގެނައީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ދަނޑު މައްޗަށް ނުކުތުމާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު ސޮބާހު ބުނީ:
ފުރަތަމަ ކަމަކީ، ޓީމަށް ކުޅެވޭގޮތް ވުން. ދެން، އެއީ ވަރަށް ބޮޑު ކާމިޔާބެއް. ހިތްހަމަޖެހޭ އެކަމަށް. އެ ހިސާބުން މި ނިމުނީކީ ނޫން. ދެން، މިއީ އެންމެ މުހިންމު މަރުހަލާ. މިހާރު ސަޕޯޓަރުންގެ އެކްސްޕެކްޓޭޝަން (އުންމީދުތައް) އެ ހުރީ އަހަރެމެން ފުރަތަމަ ޑިވިޝަނަށް އަރަން،
ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 5-0 އިން ކާމިޔާބުކޮށް މާޒިޔާއިން ވަނީ ލީގު ހޯދުމާ ގާތަށް ޖެހިލާފައި. ލީގުގައި މާޒިޔާ އަށް ބާކީ އޮތް ތިން މެޗުން ޗެމްޕިއަންކަން ކަށަވަރުކުރަން ބޭނުންވަނީ ދެ ޕޮއިންޓް --- ފޮޓޯ: އިމޭޖަސް.އެމްވީ
ދިރާސާތަކުން ކިޔާލުމަށް
މިއީ ރާއްޖޭގައި ދަނޑުވެރިކަން ކުރާ މިންވަރު ދެނެގަތުމަށާއި ގައުމީ އުފެއްދުންތެރިކަމަށް ދަނޑުވެރިކަމުން ކުރާ އަސަރުތައް ދެނެގަތުމުގެ އިތުރުން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ގޮތް ދެނެގަތުމަށް ފިޝަރީޒް މިނިސްޓްރީން ސްޓެޓިސްޓިކްސް ބިއުރޯއާ ގުޅިގެން 2019 ގައި ކޮށްފައިވާ ދިރާސާއެކެވެ.












