ނިއުކާސަލް (ޖުލައި 16) - ނިއުކާސަލް ޔުނައިޓެެޑުން ރެއާލް މެޑްރިޑްގެ ހުނަރުވެރި ވިންގް، މާކޯ އަސެންސިއޯ ގަންނަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަސެންސިއޯ، 26، ރެއާލާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އާސެނަލުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނުތަނުން އަސެންސިއޯގެ ސޮއި ހޯދަން މަސައްކަތް ކުރި ނަމަވެސް ރެއާލުން އޭނާ ދޫކޮށްލަން ކިޔާ އަގު 35 މިލިއަން ޑޮލަރުގައި އުޅޭތީ ވަނީ އެ ޑީލާ އެއްގޮތަށް ކުރިއަށް ދިއުން ވަނީ މަޑުޖައްސާލައިފަ އެވެ.
ނިއުކާސަލުން އަސެންސިއޯ ހޯދުމުގެ ރޭހަށް ވަދެ، އޭނާ ގަންނަން 28 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން އަންނަނީ ތައްޔާރު ވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ނިއުކާސަލް އިން އޮތީ އާސެނަލުން އަސެންސިއޯ އަށް ދޭން ކިޔާ މުސާރަ އަށް ވުރެ ބޮޑު އަގެއް ދޭން ތައްޔާރަށެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓް ތެރޭގައި އަސެންސިއޯ ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ފަހަކަށް އައިސް އޭނާ އަށް ރެއާލް މެޗުތަކުން ފުރުސަތު ލިބޭ މިންވަރު މަދުވެފައިވުމެވެ. އަނެއްކޮޅުން، ދާދި ފަހުން ރެއާލުން ބްރެޒިލްގެ ވިންގް، ރޮޑްރީގޯގެ ކޮންޓްރެކްޓް އާ ކުރިއިރު، އަސެންސިއޯ އަށް އާ އެއްބަސްވުމެއް ނުދޭ ސަބަބަކީ އޭނާ ދޫކޮށްލަން ތައްޔާރުވުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަސް މިލިއަން ޑޮލަރުގެ އަގަކަށް ރެއާލުން 2014 ވަނަ އަހަރު އަސެންސިއޯ ގަތީ ރެއާލްގެ އެމްބަސަޑަރު، މަޝްހޫރު ޓެނިސް ތަރި، ރަފައެލް ނަޑާލްގެ ލަފާގެ މަތިންނެވެ. ރެއާލަށް ބަދަލުވުމަށް ފަހު ވެސް ލޯން އެއްބަސްވުމެއްގެ ދަށުން އަސެންސިއޯ ވަނީ މަޔޯކާ އާއި އެސްޕަންޔޯލަށް ކުޅެފަ އެވެ.
އަސެންސިއޯ ވަނީ ރެއާލަށް ކުޅެދިން 235 މެޗުން 49 ގޯލު ޖަހައި 24 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ރެއާލާ އެކު ޖުމްލަ 13 ތަށި އުފުލާލިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ލަލީގާ އަދި ފީފާ ކްލަބް ވޯލްޑް ކަޕް، ކޮންމެ މުބާރާތެއް ތިން ފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ނުފޫޒާ އެކު އޮތް ނިއުކާސަލް އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިހާތަނަށް ދެ ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އެއީ ބާންލީގެ ކީޕަރު ނިކް ޕޯޕް އާއި ލިލް އިން ގަތް ޑިފެންޑަރު، ސްވެން ބޮޓްމަން އެވެ.












