ލަންޑަން (ޖުލައި 15) - ޗެލްސީގެ ކީޕަރު، އެޑޮއާޑް މެންޑީގެ ނަޒަރުގައި ކްރިސްޓަލް ޕެލަސްގެ ފޯވާޑް ކްރިސްޓިއަން ބެންޓެކޭ އާއި މެންޗެސްޓާ ސިޓީން އަލަށް ސޮއި ހޯދި އާލިން ބްރައުޓް ހާލަންޑާ ދެކޮޅަށް ނުކުންނަން ޖެހުނަސް ތައްޔާރުވާން ޖެހޭނީ އެއް ގޮތަކަށް ކަމަށް ބުނެފި އެވެ.
ކުރިން އެސްޓަން ވިލާ އާއި ލިވަޕޫލް އަދި މިހާރު ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ބެންޓެކޭ, 31, ވަނީ ކެރިއަރުގައި 453 މެޗުން 142 ގޯލު ޖަހައިފަ އެެވެ. ރެޑްބުލް ސަލްޒްބާގާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުމަށް ފަހު މި ފަހަރު 61 މިލިއަން ޑޮލަރަށް ސިޓީ އަށް ބަދަލުވި ހާލަންޑް, 21, ވަނީ ކެރިއަރުގައި 181 މެޗުން 134 ގޯލު ޖަހައިފަ އެވެ.
ކުރިއަށް އޮތް ސީޒަނުގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން، ރަން ބޫޓު ހޯދާނެ ކުޅުންތެރިއަކީ ހާލަންޑް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކަމާ ބެހޭގޮތުން، ޗެލްސީގެ ކީޕަރު މެންޑީ ދެކޭގޮތެއް އޮޅުންފިލުވަން މީޑިއާ އިން ސުވާލުކުރުމުން އޭނާ ދިން ޖަވާބަށް ގިނަ މީޑިއާތަކެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
"އަހަރެން، ހާލަންޑަށް ބަލާއިރު ދެކެނީ އަހަރެން ޕެލަސް އަށް ކުޅޭ ބެންޓެކޭއާ މެދު ވެސް ދެކޭގޮތަށް. މި ބުނަނީ ސިޓީ އާއި ޕެލަސްގެ ދެމެދު އޮތް ތަފާތުގެ ވާހަކައެއް ނޫން. މި ބުނަނީ ސްޓްރައިކަރަކާ ދެކޮޅަށް ކުޅޭއިރު ވިސްނަން ޖެހޭނީ އޭނާ ގޯލު ޖެހިޔަނުދީ ހިފަަހައްޓަން، އެ އަށް ބަލާއިރު މި އޮތީ ހަމަހަމަ ވިސްނުމެއް،" މެންޑީ ބުންޏެވެ.
"އަހަރެން އެ މީހުން ކުޅޭގޮތުގެ ވާހަކަ ނުދައްކާނަން. އަހަރެން ދައްކަން އޮތީ އަހަރެން ކޮންމެ ކުޅުންތެރިއަކާ ދެކޮޅަށް ނުކުންނައިރު ވެސް ކަންކަން އޮތްގޮތް ދަސްކުރަން،"
ފްރާންސްގެ ރެެނެސް އަށް 25 މިލިއަން ޑޮލަރު ދިނުމަށް ފަހު ޗެލްސީން މެންޑީ ގަތީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހުގަ އެވެ،
ކުރު މުއްދަތެއްގެ ތެރޭގައި އެންމެ މަތީ ލެވަލަށް ދިޔަ މެންޑީ ވަނީ ފީފާގެ މޮޅު ކީޕަރު މަގާމު ހޯދުމުގެ އިތުރުން، ޗެލްސީން ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މެންޑީ ޗެލްސީ އަށް ގަތީ، ކުރިން އެ ކްލަބްގެ ޓެކްނިކަލް އެންޑް ޕާފޯމަންސް އެޑްވައިޒަރަކަށް ހުރި، ކުރީގެ އެއް ވަނަ ކީޕަރު، ޕީޓަ ޗެކްގެ ލަފާގެ މަތިންނެވެ. މިދިޔަ މަހުގެ ނިޔަަލަށް ޗެކް ޗެލްސީގެ މަގާމު ދޫކޮށްލާފައިވާއިރު، މެންޑީ ވަނީ ޗެކް ދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މެންޑީ ވަނީ ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ބަޔާން މިއުނިކަށް ބަދަލުވުމަކީ ޕްރިމިއާ ލީގަށް ލިބުނު ދެރައެއް ކަމަށް ބުނެފަ އެވެ.












