ގޮތަބަޔާގެ އިސްތިއުފާގައި ރާއްޖެ އަދާ ކުރި ދައުރަށް ނަޝީދު ތައުރީފު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިރޭ އިސްތިއުފާ ދެއްވިއިރު އެމަނިކުފާނު ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމުގައި ދިވެހި ސަރުކާރުން އަދާ ކުރި ދައުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތައުރީފް ކުރައްވައިފި އެވެ.

މިވަގުތު ސިންގަޕޫރުގައި ހުންނެވި ގޮތަބަޔާގެ އިސްތިއުފާ ސިޓީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ލިބުނުތާ ކުޑަ ވަގުތުކޮޅެއްފަހުން މިރޭ 7:06 ގައި ނަޝީދު އިނގިރޭސިބަހުން ޓުވިޓާގައި ލިިޔުއްވީ ލަންކާގެ ރައީސް އެ ގައުމުގައި ތާށިވެ، ފުރާނަފުޅަށް ގެއްލުންވާނެ ކަމަށް ބެލެވޭ ހާލަތެއްގައި ހުންނެވި ނަމަ އަދިވެސް އިސްތިއުފާ ނުދެއްވީސް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ގޮތަބަޔާ އަދިވެސް ލަންކާގައި ހުންނެވި ނަމަ، ފުރާނަ ގެއްލޭނެ ކަމުގެ ބިރު އޮތުމާއެކު އިސްތިއުފާ ނުދެއްވީސް،" ނަޝީދު ވިދާޅުވި އެވެ. "[މިކަމުގައި] ދިވެހި ސަރުކާރުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅުތަކަށް އަޅުގަނޑު ސާބަސް ދެން. އަޅުގަނޑުގެ ހެޔޮ ދުއާ ސްރީ ލަންކާގެ ރައްޔިތުންނަށް"

ރިޕޯޓުތައް ބުނާ ގޮތުގައި ގޮތަބަޔާ އިސްތިއުފާގެ ސިޓީ ރައްދު ކުރެއްވީ ސިންގަޕޫރުގައި ހުންނަވާ އީމެއިލްގެ ޒަރިއްޔާއިންނެވެ. ގޮތަބަޔާގެ އިސްތިއުފާ މަޖިލީހުން އަދި އިއުލާނު ނުކުރައްވަ އެވެ. އޭގެ ކުރިން އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން ކަށަވަރު ކުރަންޖެހެ އެވެ.

ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި އަނބިކަނބަލުންނާއެކު އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި ސްރީ ލަންކާގެ އަސްކަރީ އުޅަނދެއްގަ އެވެ. ސިންގަޕޫރަށް ވަޑައިގަތީ ރާއްޖޭގައި 32 ގަޑިއިރު ހޭދަ ކުރެއްވުމަށްފަހު އެވެ.

ގޮތަބަޔަ ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެމަނިކުފާނުގެ ގެކޮޅަށް ލަންކާގެ އާންމުން ވަދެގަތުމުގެ ކުޑައިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. ފުރަތަމަ މަސައްކަތް ކުރެއްވި ކަމަށްވަނީ ޑުބާއީއަށް ވަޑައިގަތުމަށެވެ.

ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވިއިރު ވައުދުވެވަޑައިގެންފައި އޮތީ އިއްޔެ މެންދުރު އިސްތިއުފާ ދެއްވާނެ ކަމަށެވެ. ފަހުން ރާއްޖޭގައި ހުންނަވައި ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޯނުން ގުޅުއްވައި ރޭ ދަންވަރު 12:00 ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގޮތަބަޔާ އިސްތިއުފާ ނުދެއްވި ނަމަވެސް މަގާމުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވަނީ އިއްޔެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ހަވާލު ކުރައްވައިފަ އެވެ. އެހެންކަމުން ވަގުތީ ގޮތުން ރައީސްގެ ބާރުތައް މިހާރު އޮތީ ރަނިލް އަތުގަ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ލަންކާގެ ރައްޔިތުން އެމަނިކުފާނުގެ ގެކޮޅަށް ވަދެގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. އެންމެ ފުރަތަމަ އެމަނިކުފާނު މަސައްކަތް ކުރެއްވީ ޑުބާއީއަށް ވަޑައިގަތުމަށެވެ. ނަމަވެސް ވީއައިޕީން ވަޑައިގަތުމަށް ލަންކާގެ އިމިގްރޭޝަނުން ހުއްދަ ނުދިނުމުން، އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގަތީ އެވެ.

އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާއެކު ރާއްޖެ ވަޑައިގެންނެވި ދެ އިންޖީނުލީ އެންޓެނޮވް-32 މަރުކާގެ ބޯޓުގައި އެމަނިކުފާނު ރާއްޖެ ގެންނެވުމަށް ސްރީ ލަންކާގެ އެއާފޯސްއަށް އަމުރު ކުރެއްވީ ހުދު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox