މަޖިލީހުގެ ޕްރޮޓޮކޯލަށް ނޭނގޭ: ނަޝީދުގެ ހައިސިއްޔަތެއް ނެތް

ނަޝީދު: އެމަނިކުފާނު ރޭ އެއާޕޯޓަށް ވަޑައިގެންނެވި ކަމެއް މަޖިލީހުގެ ޕްރޮޓޮކޯލަކަށް ނޭނގޭ - ފޮޓޯ: އަދަދު

ނަޝީދު: އެމަނިކުފާނު ރޭ އެއާޕޯޓަށް ވަޑައިގެންނެވި ކަމެއް މަޖިލީހުގެ ޕްރޮޓޮކޯލަކަށް ނޭނގޭ - ފޮޓޯ: އަދަދު

އޮފިޝަލަކާ ހަވާލާ ދެއްވާ ސީއެންއެންގައި ރިޕޯޓްކޮށްފައިވާ ގޮތުން ލަންކާގެ ރައީސް ގޮތަބަަޔާ ރާޖަޕަކްސަ އިންނެވި ހަނގުރާމަމަތީ ކުޑަ މަތިންދާބޯޓްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން ހުއްދަ ދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ބާރުއަޅުއްވަމުން ގެންދެވީމަ އެވެ.

އެކަމަކު, ނަޝީދު އެއާޕޯޓަށް ވަޑައިގެން އެކަން ކުރެއްވި ހައިސިއްޔަތާއި އެކަމަށް އެމަނިކުފާނަށް ލިބޭ ގާނޫނީ ބާރާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަޝީދުގެ ރަސްމީ ހައިސިއްޔަތު ކަމަށްވާ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެފަދަ އަމުރެއް އެއާ ޓްރެފިކް ކޮންޓްރޯލްގެ މައްޗަށް ކުރުމުގެ ބާރެއް ނޯންނާނެ އެވެ. ހަމައެހެންމެ, ނަޝީދު ރޭ އެއާޕޯޓަށް ވަޑައިގެންނެވިކަން މަޖިލީހުގެ އިދާރާއަށް އެނގިފައިނުވާ ކަމަށް ވެސް އެތަނުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެހެންވީއިރު, މަޖިލީހުގެ ރައީސް އެއާޕޯޓަށް ވަޑައިގެންނެވީ ވެސް އަމިއްލަ ހައިސިއްޔަތުންނެވެ.

މަޖިލީހުގައި ޕްރޮޓޮކޯލް ސެކްޝަނެއް އޮންނައިރު, މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ކުރައްވާ ކޮންމެ މޫވްމެންޓެއް އަންގަ އެވެ. ޕްރޮޓޮކޯލްގެ ދަށުން ސެކިއުރިޓީ އާއި މަޖިލީހުގެ އޮފިޝަލުން ހަރަކާތްތެރިވެ އެވެ. ނަމަވެސް, މަޖިލީހުގެ އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ރޭ ނަޝީދު އެއާޕޯޓަށް ވަޑައިގަންނަވާ ކަމެއް މަޖިލީހުގެ ޕްރޮޓޮކޯލަށް އަންގާފައެއް ނުވެ އެވެ.

މަޖިލީހުގެ ޕްރޮޓޮކޯލްގެ ތެރެއިން މަޖިލީހުގެ ރައީސް ވަޑައިގެންނެވިނަމަ, އެ ތަނުގައި މަޖިލީހުގެ އޮފިޝަލުން ވެސް ހަރަކާތްތެރިވީސް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް, ރޭ ނަޝީދު އެއާޕޯޓްގައި އުޅުއްވާ ވީޑިއޯއިން ފެންނަ ގޮތުގައި އަރިހުގައި ތިއްބެވީ ބޮޑީގާޑުން އެކަންޏެވެ. ގޮތަބަަޔާއަށް ރާއްޖެ އެތެރެވެވުނުކަން ޔަގީން ކުރެއްވުމަށްފަހު, ނަޝީދު އެތަނުން ވަޑައިގެންނެވި އެވެ.

ސިޔާސީ އަދި އިގުތިސޯދީ އަނދަވަޅެއްގައި އޮތް ލަންކާގެ ބޮޑުވަޒީރު ކަމާ މިފަހުން ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމްސިންހަ ވަނީ ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް ހާއްސަ ސަފީރެއްގެ ގޮތުގައި ނަޝީދު ހަމަޖައްސަވާފަ އެވެ. ސިޔާސީ ގޮތުން ރަނިލްއާ ގާތް ގުޅުމެއް އޮންނަ ނަޝީދު, ގޮތަބަަޔާ ރާއްޖެ އެތެރެވާން ބާރުއެޅުއްވީ ރަނިލްގެ އެދިވަޑައިގަތުމަކަށް ކަމަށް ބެލެވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ގޮތަބަަޔާ ރާއްޖެއަށް ވަޑައިގެންނެވީ ރަނިލް މެދުވެރިކޮށް ރާއްޖެ އެތެރެވެވޭނެކަން ނަޝީދުގެ ފަރާތުން ޔަގީން ކުރެއްވުމަށްފަހު އެވެ. މީގެކުރިން ނަޝީދު ވެސް ސިޔާސީ ގޮތުން ލަންކާއިން ހިމާޔަތް ހޯދާފައިވެ އެވެ. އެއީ, ރަނިލްގެ އެހީތެރިކަމާއެކު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހައްޖަށް ވަޑައިގެން ގައުމުން ބޭރުގައި ހުންނެވިއިރު, ގޮތަބަަޔާއަށް ހިމާޔަތް ދިނުމާމެދު ސަރުކާރުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ. ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަދި އެމަނިކުފާނުގެ އޮފީހުގެ މީޑިއާ ޑިޕާޓްމަންޓުގެ ބޭފުޅުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނު ނުނަންގަވާތީ ކޮމެންޓެއް ނުލިބުނެވެ. ސިފައިންގެ މީޑިއާ ޑިޕާޓްމަންޓުން ވެސް މިހާތަނަށް ފޯނެއް ނުނަގަ އެވެ. ފޮރިން މިނިސްޓްރީން ބުނީ މިވަގުތު އެ އޮފީހުން އެއްޗެއް ނުބުނާނެ ކަމަށެވެ.

އަސްކަރީ މަތިންދާބޯޓެއް އެ ގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭނީ ހާރިޖީ ގުޅުމުގެ ތެރޭން ފޮރިން މިނިސްޓްރީގެ ހުއްދަ ލިބިގެން ޑިފެންސް މިނިސްޓްރީގެ ވެސް ރުހުމާއެކު, އެ ބޯޓަކާ ބެހޭ ހުރިހާ މައުލޫމާތެއް ދިނުމަށްފަހު އެވެ. ގޮތަބަަޔާ ދަތުރުކުރި މަތިންދާބޯޓަށް ވެސް ދިވެހި ސަރުކާރުން ހުއްދަ ދިނީ އެގޮތުގެ މަތިން ކަމަށް އެނގިފައިވީ ނަމަވެސް, އެ ހުއްދަ ދިންއިރު ގޮތަބަަޔާ ބޯޓުގައި އިންނެވި ކަމެއް ނޭނގޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ބޯޓު ޖެއްސުމުގެ ކުރިން އެ މައުލޫމާތު ލިބުމާއެކު, ޖެއްސުމުގެ ހުއްދަ ނުދީ ހިފަހައްޓައިގެން އެއާޕޯޓްގެ އޮފިޝަލުން ތިއްބައި, އެންމެފަހުން އެކަން ދޫކޮށްލަން ޖެހުނީ ނަޝީދުގެ ބާރުއެޅުއްވުންތަކާއެކު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ލަންކާގެ އެއާ ފޯސްއިން ބުނާ ގޮތުގައި, އަސްކަރީ މަތިންދާބޯޓް ރާއްޖެ ގޮސްފައިވަނީ އެކަމަށް ރައީސް ގޮތަބަަޔާ އަމުރު ކުރެއްވުމުން ގާނޫނީ އުސޫލުގެ ތެރެއިންނެވެ.

ގޮތަބަަޔާ އަދިވެސް ރާއްޖޭގައި ހުންނެވިކަމަށް ނޫނީ މިހާރު ދުބާއީއަށް ފުރާވަޑައިގެންނެވިކަމެއް ސާފުނުވާއިރު, ސަރުކާރަށާއި ނަޝީދަށް ލަންކާ އަދި ރާއްޖޭގައި ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. މި ނޫހުން ރައީސް ނަޝީދަށް ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވާތީ އެމަނިކުފާނުގެ ކޮމެންޓެއް ވެސް މިހާތަނަށް ވަނީ ނުލިބި އެވެ.

"މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، ގޮތަބަޔާ ފިއްލެވުމަށް އެހީތެރިވަޑައިގަންނަވަނީ ހެޔޮ ވެރިކަމަށް ވަކާލާތު ކުރައްވާ ކަމަށް ވިދާޅުވާ މުހައްމަދު ނަޝީދު. ސްރީ ލަންކާ ރައްޔިތުންނަށް އިންސާފު ކޮބައިތޯ؟ އެތައް މިލިއަން ބައެއް ދަތިހާލުގައި ޖެއްސި ގޮތަބަޔާއަށް އަމާން ވެއްޓެއް ހޯއްދަވައިދެއްވީ ކީއްވެގެންތޯ؟،" ލަންކާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޝިހާރު އަނީސް އޭނާގެ ޓުވިޓާ އެކައުންޓުގައި ލިޔެފައިވެ އެވެ.

މަޖިލީހުގެ ތިން މެންބަރުން ތަމްސީލް ކުރާ އެމްއެންޕީއިން ވަނީ މިކަމުގައި ސަރުކާރުން އަމަލު ކުރި ގޮތް ބެލުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އަދި, އިދިކޮޅުގެ ގިނަ މެންބަރުން ގެންދަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުގައި ހުންނަވައި ނަޝީދު އަމަލު ކުރެއްވި ގޮތް ކުށްވެރިކުރަމުންނެވެ.

އެގޮތުން, މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި, އަސްކަރީ އުޅަނދެއް އެހެން ގައުމަކަށް ދަތުރުކުރާނަމަ, ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީގެ ހުއްދަ އޮންނަން ޖެހޭއިރު, ފެނިގެން ދަނީ ވެރިކަން ކުރާ ބާރުގެ ބާރު ކެނޑޭތަން ކަމަށެވެ. މިކަމުގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސްގެ މަގާމު ހިތްޕުޅަށް ހެޔޮވަރު ގޮތަށް ބޭނުން ނުކުރައްވާ, ސްރީލަންކާ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާ, މަޖިލިސް ރައީސް ބޭނުންވިޔަސް ނުކުރެވޭނެ ކަންކަން ހުންނާނެ, ސްރީލަންކާގެ ރައްޔިތުންގެ ވިންދާ ދެކޮޅަށް ރާއްޖޭން ކުރާ ކަންކަމުގެ ފުރިހަމަ ޒިންމާ ރައީސް ސޯލިހް ނަގަން ޖެހޭނެ," ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox