ޓީސީން އީގަލްސް ބަލިކޮށް ތިން ވަނައިގައި ހަމަޖެހިލައިފި

Jul 11, 2022, 1:08 PM
ޓީސީގެ ހަމްދޫން (ކ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ހަންނަ މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ޓީސީގެ ހަމްދޫން (ކ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ހަންނަ މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނައިގައި ހަމަޖެހިލައިފި އެވެ.

މިއީ އީގަލްސްގެ ކޯޗުކަމާ މުހައްމަދު އާތިފް (އާތީ) ހަވާލުވިފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. މިއީ މި ފަހަރު ލީގުގައި ޓީސީން އީގަލްސް ބަލިކުރި ފުރަތަމަ ފަހަރެވެ. ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އަތުން ޓީސީ ވަނީ 1-0 އިން މޮޅުވެފަ އެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅާ އެކު ޓީސީ ލީގުގެ ތިން ވަަނައިގައި އޮތީ 17 މެޗުން 26 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ކްލަބް ވެލެންސިއާ އަށް ވަނީ 16 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

އީގަލްސް ލީގުގެ ދެ ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް ބަލިވުމުން އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލީގުގެ އެއް ވަަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގަން ވަނީ ފުރުސަތު ލިބިފަ އެވެ. މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ 16 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ މާދަމާރޭ ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ވަނީ އަލުން ފުރަަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަނެއްކޮޅުން، ޓީސީން ވަނީ ޒުވާން މިޑްފީލްޑަރު، އަލީ އިޝްފާގު ހަސަން މަޖީދު އާއި ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. މިއީ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކެޕްޓަންކަން ކުރި އިޝްފާގަށް ފަހަކަށް އައިސް ޓީސީން އަންނަނީ ގިނަ ފުރުސަތު ދެމުންނެވެ.

އީގަލްސް އިން މެޗު ފަށައިގެން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، އެ ޓީމުގެ އެޓޭކްތައް ހުއްޓުވަން ޓީސީ ޑިފެންޑަރުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނިޓްގަ އެވެ. މިއީ ޓީސީގެ މިސްރު ފޯވާޑް އޮމަރު ސަލާހު އީގަލްސް ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، އީގަލްސްގެ ހެލްމެޓު ފައިގައި ޖެހިފައި ވަން ގޯލެކެވެ.

ޓީސީގެ މިސްރު ޑިފެންޑަރު އަލާ (ކ) އީގަލްސްގެ ކެޕްޓަން ސިފާއު ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ނަތީޖާ ހަމަހަމަކުރަން އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެ، މެޗުގެ 26 ވަނަ މިނިޓްގައި އެ ޓީމުގެ އަހުމަދު ރިޒްވާން (ރިޒޭ) ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާތެެރެއިން ޓީސީގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ޖެހި ޝޮޓް އަމާޒުވީ ޓީސީގެ ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ އަތަށެވެ.

ލީޑުފުޅާކުރަން މެޗުގެ 32 ވަނަ މިނިޓްގައި ޓީސީން ފުރުސަތެއް ހޯދި އެވެ. އެ ޓީމުގެ ފުލްބެކް، ހަމްދޫން އަބްދުލް ލަތީފް އީގަލްސްގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ދިނީ މުއްޓި އަށެވެ. މުއްޓި ޖެހި ބޯޅަ އީގަލްސްގެ ކީޕަރު ހަަސަން އަލީފް އިބްރާހިމް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 38 ވަނަ މިނިޓްގައި އޭރިއާބޭރު ރޮނގުކައިރިން އީގަލްސްގެ ސްޕެއިން މިޑްފީލްޑަރު، އެންހެލް މުނޯޒް ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ކުޅުންތެރިއަކު ކައިރިން ނައްޓާފައި ވަދެ، ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އިންމަ ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ފަސް ވަނަ މިނިޓްގައި އީގަލްސް އަށް ނަތީޖާ ހަމަަހަމަކުރަން ލިބުނު ޕެނަލްޓީ އަކުން ރިޒޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. މިއީ ޓީސީގެ ޑިފެންޑަރު، މުހައްމަދު އަޖުފާން އޭރިއާތެރެއިން އީގަލްސްގެ އިންމަ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން އީގަލްސް އިން ޓީސީ ހާފްގެ ތެރޭގައި ބޯޅަ ހިފަަަހައްޓައިގެން ގިނަ އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން ރިޒޭ ނެގި ހުރަހެއް އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ޓީސީގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. އީގަލްސްގެ ބްރެޒިލް ފޯވާޑް ބްރޫނޯ ވިނީޝިއުސް ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ 81 ވަނަ މިނިޓްގައި އީގަލްސް އަށް ލިބުނު ހިލޭ ޖެހުމަކުން ރިޒޭ ހުރަސްނެގުމުގެ ބަދަލުގައި ތިރިތިރިން ހަންނަ އަށް ދިން ބޯޅަ ފޮނުވާލުމުން ގޯލުގެ ދަނޑީގައި ޖެހިފައި، ބޯޅަ އަމާޒުވީ ކީޕަރު ސުޖަން އަތަށެވެ.

އިތުރު ވަގުތުގައި އީގަލްސްގެ ރިޒޭ އަށް ވަނީ ރަނގަޅު ދެ ފުރުސަތު ލިބިފަ އެވެ. ޓީސީގެ އަޖުފާން ފަހަތަށް ދިން ބޯޅައެއް ހޯދައި، ރިޒޭ ޖެހި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވި އެވެ. އޭގެ ފަހުން ކޯނަރަކުން ހަންނަ ނެގި ބޯޅަ ރިޒޭ، އޭރިއާތެރެއިން ވޮލީ އަކުން ފޮނުވާލި ނަމަވެސް އެ ބޯޅަ ފެނުޖެހިފައި ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ. މެޗު ފަށާނީ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox