ލަންޑަން (ޖުލައި 8) - އެކާވީސް ވަނަ ގަރުނުގައި އާސެނަލްގެ އެކެޑަމީން ނެރުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު، ޖެކް ވިލްޝެއާ، އުމުުރުން 30 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ވިލްޝެއާ އެންމެ ފަހުން ކުޅެފައިވަނީ ޑެންމާކްގެ ސުޕަ ލީގުގެ ކްލަބް، އާރްހަސް ޖިމްނަސްޓިކްފޮރެނިން (އޭޖީއެފް) އަށެެވެ. އެ ޓީމަށް މި ސީޒަނުގެ ނިިޔަލަށް ކުޅުނު ވިލްޝެއާ ވަނީ މިއަދު އޭނާ ފުޓްބޯޅައިން ރިޓަޔާކުރިކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފަ އެވެ.
"ފުޓްބޯޅައިގައި އަހަރެންގެ ވަރަށް އާދަޔާހިލާފު ކަންތައްތައްކެއް ތަޖުރިބާކުރެވި ކާމިޔާބީތަކެއް ހޯދުނު ދަތުރެއް ނިންމައިލާން މި ނިންމީ،" ވިލްޝެއާ، އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ލިޔެފައިވެ އެވެ.
"ބަގީޗާގައި ބޯޅަ ފައިޖަހައި ވަގުތު ހޭދަކުރަން އުޅުނު ކުޑަކުއްޖެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން ފަށައި، އެންމެ ލޯބިވި ކްލަބް، އާސެނަލްގެ ކެޕްޓަންކަން ކުރެވުނު، ގައުމީ ޖޯޒީ ލައިގެން ވޯލްޑް ކަޕެއްގައި ކުޅެފިން، ޔަގީނުން ވެސް ފުޓްބޯޅައިގައި ދެކުނު ހުވަފެންތަކުގައި އަހަރެން ކުލަޖައްސައިފިން،"

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ވިލްޝެއާ ދަނޑު މަތީގައި އިށީނދެގެން.-- ފޮޓޯ: އޭއެފްޕީ
އުމުރުން 16 އަހަރުގައި އާސެނަލްގެ ސީނިއާ ޓީމަށް ކުޅެން ފެށި ވިލްޝެއާ، ވަނީ ސީނިއާ ޓީމަށް 197 މެޗު ކުޅެ، އެ ޓީމާ އެކު އެފްއޭ ކަޕް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.
އާސެނަލަށް 2008 އިން 2018 އަށް ކުޅެދިންއިރު، ލޯން އެއްބަސްވުމެއްގެ ދަށުން ބޯލްޓަން ވެންޑާސް އާއި ބޯންމައުތަށް ކުޅުނެވެ. އާސެނަލް ދޫކޮށް، ފުލްޓައިމް ކޮންޓްރެކްޓެއްގައި ވިލްޝެއާ ވަނީ 2018-2020 އަށް ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެފަ އެވެ. އޭގެ ފަހުން ބޯންމައުތަށް ކުޅުމަށް ފަހު މި އަހަރު ފެބްރުއަރީގައި ގުޅުނީ ޑެންމާކުގެ އޭޖީއެފް އަށެވެ.
އިންގްލެންޑްގެ ހަތަރު އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅުނު ވިލްޝެއާ ވަނީ ސީނިއާ ޓީމަށް 34 މެޗު ކުޅެދީފަ އެވެ. ވިލްޝެއާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި އިންގްލެންޑް ޓީމަށް ކުޅެފަ އެވެ.

2016 ވަނަ އަހަރުގެ ޔޫރޯގައި އައިސްލެންޑްގެ ބޮޑްވާސަން ކައިރިން ވިލްޝެއާ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ވިލްޝެއާ އެންމެ ފަހުން އިންގްލެންޑަށް ކުޅުނީ 2016 ވަނަ އަހަރު އެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ.
އަވަހަށް ފުޓްބޯޅަ ކެރިއަރު ނިންމާލަން ވިލްޝެއާ ބޭނުންވި އެންމެ ބޮޑު ސަބަބަކީ ތަކުރާރުކޮށް ކުރިމަތިވަމުން އައި އަނިޔާގެ މައްސަލަ އެވެ. އެންމެ ފަހުން ޑެންމާކްގެ އޭޖީއެފް އަށް ކުޅުނުއިރު ވެސް އަނިޔާގެ މައްސަލަ ތަކާ ހެދި ވިލްޝެއާގެ ފިޓްނަސް އަށް ވަނީ އަސަރުކޮށްފަ އެވެ. އެހެންވެ، ބޭނުންވާ ލެވަލަށް އޭނާ އަށް ނުކުޅެވުނެވެ.
ވިލްޝެއާ ރިިޓަޔާކުރަން ނިންމީ، އޭޖީއެފް އިން އޭނާގެ ކޮންޓްރެކްޓް އާ ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަނިކޮށެވެ. ވިލްޝެއާ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް) އާއި އޭޝިއާގެ ބައެއް ގައުމުތަކުގެ ކްލަބްތަކުން ވެސް އޮފާތަކެއް ލިބިފައި އޮއްވައި، އޭނާ ނިންމީ ކެރިއަރު ނިމުމަކަށް ގެންނާށެވެ.
އިންޑިވިޖުއަލް އެވޯޑްސް އަށް ބަލާއިރު، ވިލްޝެއާ ވަނީ ޕްރޮފެޝަނަލް ފުޓްބޯލް ޕްލޭޔާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އެންމެ މޮޅު ޔޫތު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2011 ވަނަ އަހަރު ހޯދައިފަ އެވެ.












