ދައުރުވަމުންދާ ވީޑިއޯތަކެއްގައި ސިޔާސީ އިސް ބޭފުޅުންތަކެއް ކަމަށް ބެލެވޭ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކުގައި ފެންނަ ކަމަށް ބުނާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް ފުރި ކަމަށް ބުނާ ވާހަކަ ކަމާ ބެހޭ އިދާރާތަކުން ދޮގުކޮށްފި އެވެ.
އަލަމްގީރް ރާއްޖޭން ފުރާފައިވާ ކަމަށް ބުނެ އޭނާގެ ނަން ލިޔެފައިވާ ޓިކެޓެއްގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެއީ އެއްވެސް ހަގީގަތެއް ހިމެނޭ ވާހަކައެއް ނޫން ކަން ފުލުހުންނާއި އިމިގްރޭޝަނުން ވެސް ވަނީ "އަދަދު"އަށް ކަށަވަރުކޮށްދީފަ އެވެ.
ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށްފަހު ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ވަކީލު ނާޒިމް ސައްތާރު ވަނީ ފުލުހުން ހާޒިރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ބަންގްލަދޭޝް މީހާގެ ބަޔާނެއް ވެސް ފުލުހުން ނެގި އެވެ.













