މި މަހު 13 ވަނަ ދުވަހު ފަށަން އެފްއޭއެމުން ނިންމާފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
ޖުމްލަ 16 ޓީމު މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އެ ގޮތުން ގްރޫޕް އޭ ގައި ހިމެނެނީ ނިއު އާއި ވިކްޓަރީގެ އިތުރުން، ބީޖީ ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކްލަބް އޯވަންއޯ، އެލްޓީ ސްޕޯޓްސް، ކްލަބް ޓީނޭޖް އަދި ލޮރެންޒޯ ސްޕޯޓްސް ކްލަބް އެވެ.
ގްރޫޕް ބީގައި ހިމެނެނީ، ޓެންޓް ސްޕޯޓްސް ކްލަބް، ކްލަބް ޕީކޭ، ދިވެހި ސިފައިންގެ ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ބިސް ބުރު ސްޕޯޓްސް ކްލަބް، ޖޭޖޭ ސްޕޯޓްސް، ބުރު ސްޕޯޓްސް އަދި ކެޕިޓަލް ސިޓީ އެވެ.

މިހާރު ޝެޑިއުލް ރޭވިފައި އޮތްގޮތުން މި މަހު 24 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރާ މެޗު އޮންނާނެ އެވެ. ވިކްޓަރީ އެންމެ ފަހުން ރަސްމީ މެޗެއް ކުޅެފައިވަނީ 2019 ވަނަ އަހަރު އެވެ. ނިއު އެންމެ ފަހުން ރަސްމީ މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރު އެވެ. ނިއު އާއި ވިކްޓަރީ އޮތް ގްރޫޕުގައި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު މަހިބަދޫ އާއި ބީޖީ ސްޕޯޓްސް ކްލަބް ވެސް އެބައޮތެވެ.
ވިކްޓަރީން ދަރަނި ދެއްކުމުން ސަސްޕެންޝަން އުވާލީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގަ އެވެ. ނިއު އިން ޖޫރިމަނާ އާއި ދަރަނިތައް ދެއްކުމުން ސަސްޕެންޝަނުން ސަލާމަތްވީ މިދިޔަ ހަފްތާގަ އެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ. ސެމީ ފައިނަލަށް ފަހު ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ހޮވޭނެ އެވެ. ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައި ކުޅޭނީ މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕް އެވެ. އެ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.
ޓާފް ދަނޑާއި ގަލޮޅު ދަނޑު އަދި ވިލިނގިލީ ދަނޑުގައި ވެސް ދެ ވަނަ ޑިވިޝަނުގެ މެޗުތައް ކުޅޭނެ އެވެ. މިއީ އެހެން އަހަރުތަކާ ހިލާފަށް ގިނަ ޓީމުތަކުގެ މެދުގައި ކުޅެވޭ ފޯރިގަދަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެކެވެ. ވަރުގަދަކޮށް ތައްޔާރުވަމުން އަންނަ ޓީމުތަކަށް ބަލާއިރު، ވިކްޓަރީ ނުކުންނާނީ ލަންކާގެ ކޯޗު ޕަކީރު އަލީގެ އިރުޝާދުގެ ދަށުންނެވެ. ނިއުގެ ކޯޗަކީ ސޮބާހު މުހައްމަދު (ސޮބާ) އެވެ. ޖޭޖޭގެ ކޯޗަކަށް އަހުމަދު ނިމާދު (ނިމާ) ހަމަޖައްސާފައިވާއިރު، ބުރުގެ ކޯޗަކީ އާފިއު މުހައްމަދު އެވެ.












