"މިހާރު ނޭނގެ އެޔެއް މިޔެއް. ސްކޫލު އެއް އަހަރުގަ ކުއްޖަކަށް އެބަ ފުރޭ ދެ އަހަރު. އެހެން ނޫނީ ސްކޫލު ހުޅުވޭއިރަށް ފޮތް، ފަންސޫރު އެއްޗެހި މި ހަމަކުރަނީ ޑިސެމްބަރުގަ މާލެ އައިސް. މިހާރު މި ޖެހެނީ އަހަރުގެ މެދުން އައިސް އެއްޗެހި ހަމަކުރަން،" ޗުއްޓީ ބަދަލު ކުރުމުން އެކަމާ ހިތްހަމަ ނުޖެހި ވާހަކަ ދައްކަމުން ބެލެނިވެރިޔަކު ބުންޏެވެ.
މަންމަމެން ބުނާ ގޮތުންނަމަ ރާއްޖޭގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އެމީހުން ހަނދާންވާން ފެށީއްސުރެ އަންނަނީ އަހަރުގެ ފަހުކޮޅަށް، ޑިސެމްބަރަށެވެ. އެ ނޫން ދުވަސްވަރެއްގައި ޗުއްޓީ އައިކަން ހަނދާންހުރީ އަހަރުގެ ފަހުކޮޅާ ދިމާވި ރޯދަ މަހެއްގަ އެވެ.
ނަމަވެސް އަހަރުގެ މެދަށް މެއި، ޖޫން އަށް ޗުއްޓީ ގެނައި ބަދަލާއެކު ޑިސެމްބަރުގެ ބޮޑު ޗުއްޓީ މި ވަނީ މާޒީ ވެފަ އެވެ. އެއީ ހަމައެކަނި ހަނދާނަކަށް ވެފަ އެވެ. ޑިސެމްބަރުގައި އަންނަނީ "ބޮޑު ޗުއްޓީ" ނޫން ކަމަށްވިޔަސް އެ ޗުއްޓީއަށް އިންތިޒާރު ކުރަނީ އެވެ.
މި ބަދަލާ ގުޅިގެން އެންމެ ގިނަ ބެލެނިވެރިން ހިތްހަމަ ނުޖެހުނީ މެއި، ޖޫންއަކީ ރާއްޖޭގެ ވިއްސާރަ މޫސުމަށްވާތީ އެވެ.
"ސްކޫލު ދަރިވަރުންގެ ބޮޑު ޗުއްޓީ، ރާއްޖޭގެ ހުޅަނގު މޫސުމުގެ ބޮޑު ވިއްސާރައަށް ބަދަލު ކުރުމަކީ ދަރިވަރުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް. މީގެ ސަބަބުން ޗުއްޓީގެ ބޭނުން އެންމެ އެދެވޭ ގޮތުގައެއް ނުހިފޭ. އަނެއްކާވެސް މި ތިބެން ޖެހެނީ "ރަށު ބަންދުވެ" "ގޭބަންދުވެ" ރަށުގައި ތަޅުލެވިފައި،" ބެލެނިވެރިއަކު ބުންޏެވެ.
ތައުލީމީ ދާއިރާ އާއި ދިރިއުޅުމުގެ ސަގާފަތަށް އައި އިންގިލާބީ ބަދަލެއް!
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ސްކޫލްތައް ބަންދުކުރަން ޖެހުނު ނަމަވެސް، ކިޔެވުން މެދުކަނޑާނުލައި އޮންލައިންކޮށް ކުރިއަށް ގެންގޮސް ސިލަބަސް ކަވަރު ކުރުމަށް 2020 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ދިގު ދަންމާލި އެވެ.
އެގޮތުން 2020 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން އެ އަހަރުގެ ޑިސެމްބަރަށް ނިންމާލި އެވެ. އަދި ޖެނުއަރީގައި އެ އަހަރުގެ ދެވަނަ ޓާމް ފެށި އެވެ. އެ އަހަރު ބަދަލު ކުރުމަށްފަހު މިދިޔަ އަހަރު އޮގަސްޓުގައި ފެށީ 2021 ވަނަ އަހަރުގެ އެކެޑަމިކް އަހަރެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ އަހަރު ނިންމާ ރިޕޯޓް ފޮތް ވަނީ ދީފަ އެވެ.
ދިރާސީ އަހަރަށް މި ގެނައި ބަދަލާ ގުޅިގެން، ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނީ މީލާދީ އަހަރުގެ މެދުތެރޭގަ އެވެ. އަދި މީލާދީ އަހަރުގެ ފަހުކޮޅު ފުރަތަމަ ޓާމު ޗުއްޓީގެ ގޮތުގައި ދެ ހަފުތާގެ ޗުއްޓީއެއް ލިބެ އެވެ.
ކޮވިޑާ ގުޅިގެން ތައުލީމީ ދާއިރާއަށް ގެނައި އެންމެ ބޮޑު ބަދަލަކީ ދިރާސީ އަހަރު ފެށޭ ދުވަސް ބަދަލުކުރުމެވެ. ޖެނުއަރީގައި ފެށި ފެށުން ނިމުމަކަށް ގެނެސް އޮގަސްޓަށް ބަދަލުކުރުމެވެ.
އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް އެތައް ބަޔަކު ބުނަމުން ދިޔަ އިރުވެސް މިނިސްޓްރީން އެގޮތަށް ނިންމަވާފައިވަނީ، ގިނަ ފަރާތްތަކަކުން ދިރާސީ އަހަރު ބަދަލުކުރުމަށް އެދެމުންދާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އެގޮތަށް ބަދަލުކުރި އިތުރު ސަބަބެއް ކަމަށް ބުނީ ކޮވިޑުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށާއި ތަރައްގީއަށް ދިމާވެފައިވާ ބޮޑު ގެއްލުމުން އަރައިގަތުމަށް 2020 ވަނަ އަހަރު ފެށުނު ދިރާސީ އަހަރު 2021 ވަނަ އަހަރުގެ ޖޫންގައި ނިމޭގޮތަށް ފަސްކޮށްފައިވުމާއި، ބެލެނިވެރިންނަށް ދަރިންނާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަގުސަދުގައި ކަމަށެވެ.
ނަމަވެސް މިކަމާ ދެކޮޅުހަދާ ފަރާތްރަކުން ބުނަމުންދަނީ މި ބަދަލަކީ އެއްވެސް ބަލާލުމެއް ނެތި ނިންމި ނިމްމުމެއް ކަމަށެވެ.
"ރަނގަޅަށް ދިރާސާކޮށްލުމެއް ނެތި، ޕާޓީގެ ބަޔަކު ފްްލޯޓްކުރަމުން ދިޔަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ނިންމާލި ނިންމުމެއް. އެމީހުންގެ މައިގަނޑު އާގިއުމަންޓަކީ، އަހަރު ފަހުކޮޅަށް ޗުއްޓީ އޮތީމަ، ކްރިސްމަސް އަދި އާ އަހަރާ ދިމާވާތީ ފްލައިޓް ޓިކެޓާއި ހޮޓެލް ބުކިން އަގުބޮޑުވުމާއި ބާރު ބޮޑުވުމާއި، ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ހައިސީޒަނަށް ވީމަ އެފަދަ ދާއިރާތަކުގައި މަސައްކަތް ކުރާމީހުންނަށް ޗުއްޓީ ނަގަން ދަތިވުން،" ބެލެނިވެރިޔަކު މިކަމާ ދެކޮޅަށް ނުރުހުން ފާޅުކުރަމުން ބުންޏެވެ.
މީގެ ސަބަބުން ކުރީގަ ބައެއް އާދަތަކަށް ބަޮޑެތިި ބަދަލުތައް ގެންނަން ޖެހުނު ކަމަށް ވެސް ބެލެނިވެރިން ބުނެ އެވެ.
"މިއީ ރިސޯޓު މުވައްޒަފުންނަށާއި ސިޔާސީ ވެރިންނަށް ގެނައި ބަދަލެއް"
ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު ނުވަތަ ޕީކް ސީޒަން އަކީ ޑިސެމްބަރު/ޖެނުއަރީ އެވެ. އެއީ މި ދުވަސް ދިމާވަނީ ނަސޯރާއިން ފާހަގަކުރާ ކްރިސްމަސް ދުވަހާއި އާ އަހަރުގެ ފެށުން ފާހަގަ ކުރާ ދުވަސްވަރަށް ވުމުންނެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުން ނަފާ ހޯދާ ބަޔަކަށް ވެފައި ވާއިރު މި ދުވަސްވަރު ވަނީ އެ ދާއިރާއަށް އެންމެ ރަނގަޅު އާމްދަނީއެއްލިބޭ ދުވަސްވަރަށެވެ. ހަމަ އެކަނި ރިސޯޓުތަކުންނެއް ނޫނެވެ. ރަށްރަށުގެ ގެސްޓްހައުސްތަކާއި ހޯމް ސްޓޭއަށް ދޫކުރާ ގެތައް ވެސް ފަތުރުވެރިން އައިސް ފުރާލަ އެވެ.
އެހެންކަމުން އެ ފަދަ ތަންތަުގައި މަސައްކަތް ކުރާ މީހުންނަށް ޗުއްޓީ ހޯދަން އުނދަގޫވެ އެވެ.
"ރިސޯޓް މުވައްޒަފުން ވޯޓު ހޯދަން އެމީހުނަށް ފަހިވާގޮތަށް ހަމަޖެއްސިކަމެއްތީ. ދަރިވަރުންނަށް ކޮށްދިން ކަމެއްނޫން. ދަރިވަރުންނަށް ކޮށްދިން ކަމެއް ނަމަ ޖޫން ޖުލައި އަށް ދިމާވާގޮތަށް އެކަމެއް ނުކުރާނެންނު،" ބެލެނިވެރިއަކު ނުރުހުން ފާޅުކުރަމުން ބުންޏެވެ.
މަސްވެރިކަމަކީ ދިވެހިންގެ ލޭނާރޭ ބުނާ އުސޫލުން މިހާރު ފަތުރުވެރިކަން މި ވަނީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބަށް ބަދަލުވެފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާ ނުކުރާ އާއިލާއެއް ނެތް ނަމަވެސް މިއީ އެވެރިންނަށް ރަނގަޅަކަށް ގެނައި ބަދަލެއް ކަމަށްބުނެ ބެލެނިވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަނެއް ބަޔަކު ބުނީ މިއީ ސިޔާސީ ވެރިންނަށް ރަނގަޅަކަށް ބަދަލުކުރި ނިންމުމެއް ކަމަށެވެ. ސަބަބަކީ މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށްދާ ދުވަސްވަރާވެސް ދިމާވާތީ އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަކަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓު މަހަށް އެޑިޔުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެން، މަޖިލީހުގެ ޗުއްޓީއާ ދިރާސީ އާ އަހަރުގެ ޗުއްޓީއާ ދިމާކުރުމަށް ވަނީ މަޖިލީހުގެ ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.
ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށީގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
"މިއީ ހަމަ މަޖިލީސް މީހުންނަށް ދިން ޗުއްޓީއެއް. އެ ބޭފުޅުންގެ ދަރިންނަށް ޗުއްޓީ ލިބޭނުން އޭރަށް. ރާއްޖެއިން ބޭރަށް ގޮސްލާ މަޖާ ކޮށްލަން. އަހަރުން ނިކަމެތި މީހާ ހުންނަން މިޖެހެނީ ކަނޑު މަޑު ވާނެ އިރެއްގެ އިންތިޒާރުގަ. މީޑިއާ ތަކުން ގޮވަނީ ކަނޑު މައްޗަށް ނޭރުމަށް،" ކުރިން ވާހަކަ ދެއްކި ބެލެނިވެރިޔާ ބުންޏެވެ.
"މިއީ ތައުލީމީ ދާއިރާއަށް މިހާތަނަށް ގެނައި އެންމެ ރަނގަޅު ބަދަލު،"
ޗުއްޓީ ބަދަލު ކުރުމުގައި ވެސް ބެލެނިވަރިންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. އެއީ ހަމައެކަނި ރިސޯޓު މުވައްޒަފުންނަށް ބަދަލުކުރި ކުރުމެއް ނޫން ކަމަށް ދެކޭ ބަޔަކުވެސް އުޅެ އެވެ. ބޮޑު ޗުއްޓީއަށް މި ގެނައި ބަދަލަކީ "ރަނގަޅު" ނިންމުމެއް ކަމަށްވެސް ބައެއް ބެލެނިވެރިން ދެކެ އެވެ.
"ޖުލައި މަހު ޗުއްޓީ ލިބޭތީ މިހުރީ އައިސް މެލޭޝިޔާގައި. ޑިސެމްބަރުގަ ނަމަ ނާދެވޭނެ. މީ ވަރަށް ރަނގަނޅު ނިންމުމެއް ޖުލައި މަހައް ޗުއްޓީ ބަދަލު ކުރުން،" ޗުއްޓީ ބަދަލު ކުރުމުން އެކަމާ ހިތްހަމަޖެހުނު ބެލެނިވެރިއަކު ބުންޏެވެ.
އެންމެ ގިނަ ބަލެނިވެރިންނަށް ޖޫން، ޖުލައިގެ ޗުއްޓީ ކަމުނުދިޔައީ ވިއްސާރަ ދުވަސް ވަރަކަށް ވުމުން ނަމަވެސް މިއީ އަބަދު ދެމި އޮންނަ ކަމެއް ނޫން ކަމަށް ވެސް ބައެއް ބެލެނިވެރިން ބުންޏެވެ.
"ވަރަށް ރަނގަޅު ނިންމުމެއް މިއީ. ޖޫން، ޖުލައިގެ ވިއްސާރަވަނީ އެކި އަހަރުތަކުގަ އެކި ވަރަށް. މިދިޔަ އަހަރުތަކުގައި ޖޫން ޖުލައިގެ މޫސުން އޮތީ ނުލާހިކު ރީތިކޮށް،" އޭނާ ބުންޏެވެ.
ޗުއްޓީއަކީ ދަރިވަރުން ހިތް އުފާކޮށްދިނުމަށާއި ކިޔެވުމުގެ އިތުރުން އެ ކުދިންގެ ސިކުނޑިތައް ހަމަޖައްސާލުމަށް ދޭ ހުސް ވަގުތުކޮޅެކެވެ. އެއް ބަޔަކު ދަތުރު ދިއުމާއި އެކި ކުޅިވަރުތަކަށް ވަގުތު ހުސްކުރާ ދުވަސްވަރެވެ.
"ބޮޑުޗުއްޓީ އަކީ މަޖަލުގެ ދުވަސްތަކެއް ކަމަށް ދެކޭ މީހުނަށް މިދުވަސްވަރު ކަމަކު ނުދާނެ، ކުރިން ނޮވެމްބަރު މަސް ނިމި ޑިސެމްބަރު ފެށޭ ހިސާބުގައި ވެސް ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ. ގެ ބަންދުގައި މީހުން ތާށިވެފައި ނެތްކަން އެނގޭ ހެއްކަކީ ހުރިހާ ފްލައިޓް ދަތުރުތަކެއް އޮވާ ބުކް ވެފައި ވުމުން،" މި ދުވަސްވަރު ޗުއްޓީއަށް ރަނގަޅު ކަމަށް ބުނެ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުންޏެވެ.
އޭރާއި މިހާރު ޗުއްޓީގެ ތަޖުރިބާ؛ ޓީޗަރުން ވެސް މިކަމާ ދެކޮޅު
ރާއްޖޭގެ އެކި ހިސާބުތަކުން ޓީޗަރުންނާ މިކަމާ ވާހަކަ ދެއްކިއްޖެ އެވެ. އެ ހުރިހާ ޓީޗަރުންވެސް ތިބީ ސްކޫލު ބޮޑު ޗުއްޓީ ވިއްސާރަ ދުވަސްވަރަކަށް ބަދަލުކުރުމުން އެކަމާ ހިތްހަމަނުޖެހިފަ އެވެ.
"އަސްލު އިމްތިހާނަށް ކުދިން ތައްޔާރު ކުރުމުގައި ވެސް މި ބަދަލުގެ ސަބަބުން ގޮން ޖެހުންތަކެއް ކުރިމަތިވޭ. މައްސަލައަކީ ދޭތެރެ ދޭތެރެއިން ކިޔެވުން މެދު ކެނޑުން. ޓާމު ބަންދަށް ދެ ހަފުތާ ލިބުނީމަ ޓީޗަރުން ޗުއްޓީއަށް ދަނީ. ދެން އިމްތިހާނަށް ތައްޔާރުވާއިރު އަނެއްކާ ފަށަން ޖެހެނީ. އޭލެވެލްއަށް ކިޔަވާދޭ ސްކޫލްތަކަށް މި ކަން މާ ބޮޑުވޭ،" ޗުއްޓީ ބަދަލު ކުރުމުން ކަންބޮޑުވުން ފާޅުކުރަމުން އުތުރުގެ ރަށެއް ކިޔަވައިދޭ ޓީޗަރަކު ބުންޏެވެ.
ވަރަށް ގިނަ ޓީޗަރުންނާ މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކިއްޖެ އެވެ. ނަމަވެސް މިއީ ޗުއްޓީ ދިނުމަށް އެންމެ ރަނގަޅު ދުވަސްވަރު ކަމަށް ބުނާ އެެއްވެސް ޓީޗަރަކާ ދިމައެއް ނުވި އެވެ.
ކިޔަވައިދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އާއިލާއާ އެއްކޮށް ވަގުތު ހޭދަކޮށްލަން ޓީޗަރުންނަށް ވެސް ލިބެނީ ބޮޑު ޗުއްޓީގަ އެވެ. އެންމެން އެއްތަންވެ އެއްކޮށް ސަކަރާތް ޖަހާލާ މަޖާކޮށްލަން ލިބޭ އެ ވަގުތުކޮޅު ވެސް ވިއްސާރަވެ ގެއްލުނީ އެވެ.
"ކުރން ނަމަ ޗުއްޓީގަ ދެވޭނެ. ވަރަށް ޕްލޭންތައް ކުރިން. ވިއްސާރަވީމަ އެއްވެސް ކަމެއް ނުވި. އާއިލާ އެންމެން ޕިކްނިކް ދާން، ނައިޓްފިޝިން ކަހަލަ ކަންކަން ވެސް ރޭވިން. އެކަމަކު އެ ހުރިހާ ކަމެއް ކެންސަލްވީ ކަނޑުގަދަވެގެން،" ޕްރައިމެރީ ގްރޭޑެއްގައި ކިޔަވައިދޭ ޓީޗަރަކު ބުންޏެވެ.
"މިހާރު އޮކުޓޫބަރު، ނޮވެންބަަރަށް އިމްތިހާނު ބަދަލުކޮށްފަ ޖުލައިގަ މުދައްރިސުން ޗުއްޓީގަ. ދެން ލިބެނީ އޮގަސްޓް އެކަނި އިމްތިހާނަށް ތައްޔާރު ވުމަށް،" ޗުއްޓީ ބަދަލު ކުރުމުން ހިތްހަމަ ނުޖެހި ވާހަކަ ދެއްކި ޓީޗަރަކު ބުންޏެވެ.
ޗުއްޓީ އަހަރުގެ މެދަށް ބަދަލުކުރީ 17،000 މީހުން ހިމެނޭ ސާާވޭއަކަށްފަހު؛ ބަދަލެއް ނުކުރާނެ!
"ޗުއްޓީ ބަދަލު ކުރީ ވަރަށް ފުޅާ ދާއިރާއެއްގަ މަޝްވަރާ ކުރުމަށްފަހު. ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މި ދާއިރާއާ ގުޅުންހުރި މީހުންނާ މަޝްވަރާ ކުރުމަށްފަހު. ގާތްގަނޑަކަށް 17،000 އެއްހާ މީހުންގެ ހިޔާލު ހޯދާ، ސާވޭއެއް ކޮށްފައި މި ނިންމުން ނިންމީ،" ޗުއްޓީއަށް ބަދަލު ގެނައި ސަބަބު ހާމަކުރަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "އަދަދު" އަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އެ ސާވޭގެ ތެރެއިން ގިނަ ފަރާތްތަކުން މިގޮތަށް މި ބަދަލު ގެނައުމަށް ތާއިދު ކުރެއްވި ކަމަށެވެ. އަދި މިކަމާ ގުޅިގެން ތައްޔާރުކުރެވުނު ކަރުދާހާ ގުޅިގެން ތަޖުރިބާކާރުންނާ ވާހަކަ ދައްކާ މަޝްވަރާ ކުރެވުނު ކަމަށް އިހްސާން ވިދާޅުވި އެވެ.
މިހާރު ބަދަލުކޮށްފައިވާ ޗުއްޓީ ދުވަސްވަރަކީ ޖޫން، ޖުލައިގެ ގަދަ ވިއްސާރައާ ދިމާވާ ދުވަސްވަރު ކަމަށް ބެލެނިވެރިން ބުނި ނަމަވެސް މިނިސްޓްރީ މި ނިންމުން ނިންމީ މެޓް އޮފީހާ ވެސް މަޝްވަރާކޮށް ދިރާސާ ކުރުމަށްފަހު ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމުގެ ކުރިން މެޓް އޮފީހާ އެކު ފާއިތުވި 10 އަހަރުގެ މޫސުން ދިރާސާކުރި. ވަރަށް މަދު އަހަރެއްގަ ޖޫން، ޖުލައިގަ ވިއްސާރައާ ދިމާވަނީ. އެހެންކަމުން މާޒީއަށް ބަލާ ޖޫން،ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ބުނެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 30 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ފާއިތުވި ހަފްތާއެއްހާ ދުވަސް އެއްކޮށް ދިޔައީ ވިއްސާރަކޮށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަ އަލިވާން ނެތް ކަމަށް މެޓުން ބުނެ އެވެ. އެކަމުގެ ކަންބޮޑުވުންތައް ޓީޗަރުންނާއި ބެލެނިވެރިން ވެސް ފާޅުކޮށްފައިވެ އެވެ.
ނަމަވެސް ޗުއްޓީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓްރީން ބުނެ އެވެ.
"ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު މިހާރު މި އޮތްގޮތަށް ޗުއްޓީ ބަދަލުކުރީ. އަލުން ކުރީގެ ގޮތަށް ޗުއްޓީ ބަދަލު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް. ނުކުރާނެ ބަދަލެއް. މިހާރު މި އޮތް ގޮތަށް އޮންނާނީ ދެން ހަމަ ކޮންމެ އަހަރަކުވެސް،"












