ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި އިސްލާހުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޖޮއިންޓް ވެންޗާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ހައްގުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ހިއްސާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުން ހިމެނެ އެވެ.
އެ ބިލުގައިވާ އިތުރު ކަންކަން:
- ކައުންސިލުތަކަށް އާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުން
- މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން
މި އިސްލާހުގެ ދަށުން ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރަޖެހެ އެވެ.














