މިދިޔަ މަހު 20-28 އަށް، އެފްއޭއެމް ފައުންޑޭޭޝަނާއި ދި ކޮމަންވެލްތު އަދި ފުޓްބޯލް ފޯ ޕީސް ގުޅިގެން، ރާއްޖޭގެ ތިން ސަރަހައްދެއްގައި ފުޓްބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރަން ސޭފްގާޑިން ޕްރޮގްރާމްގެ ވޯކްޝޮޕްތަކެއް ބާއްވައިފަ އެެވެ. މި ވޯކްޝޮޕްގައި ފުޓްބޯލް ފޯ ޕީސްގެ އެމްބަސަޑަރެއްގެ ގޮތުގައި، އިނގިރޭސި ޔޫތު ގައުމީ ޓީމުތަކާއި އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑާއި އިނގިރޭސި އެކި ކްލަބްތަކަށް ކުޅުނު، އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ މައިކަލް ޗޯޕްރާ ވަނީ ބައިވެރިވެފަ އެވެ.
"އަހަރެންގެ އުމުރުން 38 އަހަރު، ރާއްޖޭގައި މި ހޭދަވި ހަފްތާއެއްހާ ދުވަސް ތެރޭގައި އަހަރެން އާ ގިނަ ކަންތައްތަކެއް ދަސްކޮށްފިން،" ސޭފްގާޑިން ޕްރޮގްރާމާ ބެހޭގޮތުން "އަދަދު" އަށް ދިން އިންޓަވިއުއެއްގެ ތެރެއިން ޗޯޕްރާ ބުންޏެވެ.
އެފްއޭއެމުން އިސްނަގައިގެން ހިންގި މި ޕްރޮގްރާމް މި ފަހަރު ކުރިއަށްދިޔައީ ތިން ސަރަހައްދެއްގަ އެވެ. އެއީ ކ. މާލެ، ބ. އޭދަފުށި އަދި އައްޑޫގަ އެވެ. މީގެ ތެރެއިން އައްޑޫގައި ވޯކްޝޮޕް ބޭއްވުމުގެ އިތުރުން ޕީސް ޓޯނަމެންޓްގެ ނަމުގައި ކުރު މުބާރާތެއް ވެސް ވަނީ ކުޅެފަ އެވެ.

ނިއުކާސަލް ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން މައިކަލް ޗޯޕްރާ.
ފުޓްބޯލް ފޯ ޕީސްއާ ގުޅިގެން އެމްބަސަޑަރެއްގެ ގޮތުގައި ޗޯޕްރާ ގިނަ އަހަރުތަކެއް މަސައްކަތް ކޮށްފައިވާއިރު، އޭނާ ދެކޭ ގޮތުގައި އެ ފަދަ މަގާމެއްގައި ހުރެ، އޭނާ އަށް އޮތީ ނުހަނު މުހިންމު ރޯލެކެވެ.
"އަހަރެމެން އެންމެނަށް ވެސް އެނގޭ ގިނަ ގައުމުތަކުގައި ކުޑަކުދިންނަށް މި ހުރި ޗެލެންޖްތައް. އެހެންވެ، އަހަރެމެން ފުޓްބޯލް ފޯ ޕީސް ތެރެއިން މި މަސައްކަތް ގިނަ އަހަރުތަކެއް ވަންދެން މި ކުރިއަށް ގެންދަނީ، އުންމީދަކީ މި ހަފްތާއެއްހާ ތެރޭގައި ރާއްޖޭގައި މި ކުރި މަސައްކަތް ކުރިއަށް އޮތްތަނުގައި ގިނަ ފަހަރުތަކެއްގެ މަތިން ކުރުން،" ޗޯޕްރާ ބުންޏެވެ.
"ކުދިންނާއި ބެލެނިވެރިންނަށް މި ކަމުގެ މުހިންމު ކަމުގެ މައުލޫމާތު ދެވެން ހުރި އެންމެ ފުންމިނަކަށް ދޭންވީ، ކޯޗުންނަށް ވެސް އެ މައުލޫމާތު ދޭން ޖެހޭ، މިދިޔަ އަހަރުތަކުގެ މަސައްކަތުން ވެސް ނަތީޖާ ފެނިފައިވޭ،"
ޗޯޕްރާ ބުނީ މި ޕްރޮގްރާމް ހިންގަން އައިއިރު، އޭނާ އަށް ރާއްޖޭގެ ފުޓްބޯޅައާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، ރާއްޖެ ކަހަލަ ފުޓްބޯޅައިގެ އާ ތަނަކަށް އައިސް ކުރެވުނު ތަޖުރިބާ އާއި މީހުންނާ ވާހަކަ ދައްކައިގެން ހޯދުނު މައުލޫމާތުގެ މައްޗަށް ބަލައި، ވިސްނުންތަކެއް އައިސްފައިވާ ކަމަށެވެ.
"އަހަންނަށް މި ވޯކްޝޮޕްގެ ތެރެއިން ދިވެހިންގެ ފަރާތުން ލިބުނު ފީޑްބެކް، ކުުޅުންތެރިންނާއި ބެލެނިވެރިން ދެން ކޯޗުންގެ ފަރާތުން، އެ މީހުން ކަންކަން ބޭނުންވަނީ ހަމައެކަނި މި ވަގުތަކަށް ނޫން، މުސްތަގުބަލަށް، އުންމީދަކީ އެ އެދުންތައް ފުރިހަމަ ކޮށްދޭން ވެސް މި މަސައްކަތް ކުރިއަށް ގެންދިއުން،" ޗޯޕްރާ ބުންޏެވެ.
"އުންމީދަކީ މި ކަހަލަ މަސައްކަތެއްގެ ތެރެއިން ވެސް ޔޫރަޕްގައި ކުޅެވޭނެ ކުޅުންތެރިންތަކެއް އުފެދުން. އެއީ އަހަރެންގެ ނަޒަރުގައި ހާސިލްކުރަން މަސައްކަތް ކުރަންވީ ކަމަކީ، ދެކެންވީ ހުވަފެނަކީ އެއީ، އެކަން ހާސިލް ވެސް ކުރެވޭނެ. ރާއްޖޭގެ އެއް ކުޅުންތެރިއަކު ވިޔަސް ޔޫރަޕްގައި ކުޅޭތަން ދެކެން ބޭނުންވާނެ ގިނަ މީހުން ތިބޭނެ،"

ސަންޑަލެންޑަށް ގޯލެއް ޖަހައިދިނުމަށް ފަހު ޗޯޕްރާ އުފާފާޅުކުރަނީ.
ދެކުނު އޭޝިއާ ސަރަހައްދުގެ ކުޅުންތެރިންނަށް ޖުމްލަކޮށް ފުޓްބޯޅައިގެ ތެރެއިން ހުރި ޗެލެންޖްތައް ނުހަނު ގިނަ އެވެ. ގިނަ ކުޅުންތެރިންނަށް ގިނަ ގޮންޖެހުންތައް ގިރާކުރަން ޖެހެނީ ޔޫތު ލެވަލްގަ އެވެ. އެކަންކަމާ ކުރިމަތިލާން ޖެހޭއިރު ނުބައި ނިންމުންތަކެއްގެ ސަބަބުން ކެރިއަރު ހަލާކުވާ ފަހަރު ވެސް އާދެ އެވެ. ސޭފްގާޑިން ފަދަ މުހިންމު ކަމެއް އުނގަނަައިދޭން ޖެހޭ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.
ޗޯޕްރާ ދެކޭ ގޮތުގައި ފުޓްބޯޅައިގެ ތެރެއިން ބޮޑެތި ކަންކަން ހާސިލްކުރަން ބޭނުންވާނަމަ އިންވެސްޓް ކުރަންވީ ކުޑަކުދިންނާއި ޖޫނިއާ ލެވަލްގެ ރަނގަޅު، ދެމެހެއްޓެނި ޕްރޮގްރާމް ތަކަށެވެ.
"އަހަންނަށް އެނގޭ މިހާރު މި ތަނުގައި (ރާއްޖޭގައި ބޮޑު ލީގެއް ކުޅޭ. ދެން ކުޅެންވީ ޖޫނިއާ ލީގުތައް، އޭރުން ގިނަ ކުދިންގެ ބައިވެރިވުން މީގެ ފެންނާނެ. ގިނަ ކުޅުންތެރިން ޒުވާން އުމުރުގައި ރަނގަޅަށް ކުޅެން ފަށައިފިއްޔާ މަޑުމަޑުން ނަމަވެސް އޭގެ ނަތީޖާ ގައުމީ ޓީމުން ފެންނާނެ، ދެން، ގައުމީ ޓީމު ރަނގަޅުވިއްޔާ އެ އޮތީ މުޅި ގައުމު އެކަތިގަނޑެއްގެ ގޮތުގައި ވެފައި. އަހަރެން އަބަދުވެސް މި ބުނަމުން އަންނަނީ ކޮންމެވެސް ސަބަބަކާ ހުރެ ނަމަވެސް ފުޓްބޯޅަ އަކީ އެންމެން އެއްބައިވަންތަ ކުރާ އެއްޗެކޭ،" ޗޯޕްރާ ބުންޏެވެ.
އެފްއޭއެމުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، މުޖުތަމައުގައި އުޅޭ ކުޑަކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ޔަގީންކޮށްދިނުމުގެ ބޭނުމުގައި އެފްއޭއެމް ފައުންޑޭޝަންގެ ބެލުމުގެ ދަށުން "އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ" ލޯންޗްކުރިތާ މާގިނަ ދުވަހެއް ނުވެ، ބައިނަލްއަގުވާމީ ގުޅުންތައް ވަނީ ވަރުގަދަވެފަ އެވެ. ސާފްގެ ސޭފްގާޑިން ކޮމިޓީ ލީޑުކުރުމުގެ ޒިންމާ ވެސް ހަވާލުކުރީ ފުރަތަމަ ރާއްޖެއާ އެވެ. އެއީ މި ކަމަށް އަހުލުވެރިވެ، ކުރިއަށްދާން ރާއްޖޭން މަސައްކަތް ފަށާފައިވާތީ އެވެ.
"މީގެ 10 މަސް ކުރިން އެފްއޭއެމް އިން ކުރަން ފެށި ސޭފްގާޑިން މަސައްކަތުގައި މިހާރު އައިސްތިބި ހިސާބު ވަރަށް ރަނގަޅު، އަހަރެމެންނާ ވެސް ގުޅުން ބަދަހިވެއްޖެ. މީގެއިން އެންމެނަށް ވެސް އާ ކަންތައްތަކެއް ދަސްވާނެ،" ޗޯޕްރާ ބުންޏެވެ.
"އަހަރެންގެ އުމުރަކީ 38، އަހަރެން ރާއްޖޭގައި މި ހޭދަކުރި ހަފްތާގައި ވެސް ގިނަ ކަންތައްތަކެއް ދަސްވި. އެކަން އެ ގޮތަށް ވާނެ އެފްއޭއެމަށް ވެސް ކަންތައްތައް ދަސްކޮށް، ކުރިއަށްދާން މަސައްކަތް ކުރި ވަރަކަށް ނަތީޖާ ފެންނާނެ،"

ޗޯޕްރާ، "އަދަދު" އަށް ދިން އިންޓަވިއުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އިންގްލެންޑް ޔޫތު ލެވަލްގެ 16، 17، 19، އަދި އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޗޯޕްރާ ވަނީ އިންގްލެންޑް ގައުމީ ޓީމާ އެކު 2000 ވަނަ އަހަރު 16 އަހަރުން ދަށުގެ ޔޫރޯ އާއި 2002 ވަނަ އަހަރު 19 އަހަރުން ދަށުގެ ޔޫރޯގައި ކުޅެފަ އެވެ.
ނިއުކާސަލް އަށް ކުޅެމުން ޕްރިމިއާ ލީގުގެ ތާރީހުގައި ބަދަލު ކުޅުންތެރިއަކު ޖެހި އެންމެ އަވަސް ގޯލު ޖެހީ ޗޯޕްރާ އެވެ. އެ ގޮތުން ސަންޑަލެންޑް ކޮޅަށް 2006 ވަނަ އަހަރު ޗޯޕްރާ ގޯލު ޖެހީ ކުޅެން އެރިތާ 15 ސިކުންތު ތެރޭގަ އެވެ. އޭގެ ފަހުން މިވީ 16 އަހަރު އަދި އެ ރެކޯޑް މުގުރައިނުލެވެ އެވެ.
އިންޑިއާގެ ސުޕަ ލީގު ކެރަލާ ބްލާސްޓާސް އަށް ވެސް ކުޅުނު ޗޯޕްރާ ވަނީ 2011 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި އިންޑިއާ ގައުމީ ޓީމަށް ކުޅެން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން އެ ފުރުސަތު ޗޯޕްރާ އަށް ނުދިނެވެ.
ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން ހުރި ނަމަވެސް ޗޯޕްރާ އަންނަނީ ދަށް ޑިވިޝަން ލެވަލްގައި އަދިވެސް ކޮންމެވެސް ވަރަކަށް ބޯޅަ ކުޅެމުންނެވެ. ފުޓްބޯލް ފޯ ޕީސްގެ އެމްބަސަޑަރެއްގެ އިތުރުން އޭނާ އަކީ ފުޓްބޯޅަ އޭޖެންޓެއް ވެސް މެ އެވެ.
"ފުޓްބޯޅަ ތަރިން ރާއްޖެ އަންނަންވީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލާކަށް ނޫން"
ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ގައުމީ ޓީމަށް ފުރަތަމަ ފަހަރު މެޗެއް ކުޅުނު ކާޝިފް ސިއްދިގީ (ކާޝް)، އޭނާގެ ނަމުގައި ފައުންޑޭޝަނެއް ހެދީ 2011 ވަނަ އަހަރު އެވެ. އޭގެ ދެ އަަހަރު ފަހުން ފުޓްބޯލް ފޯ ޕީސް އިންޓަނޭޝަނަލްގެ މަސައްކަތް ފަށައި، ކޯ-ފައުންޑަރެއްގެ ގޮތުގައި ކާޝް މަސައްކަތް ފެށިއިރު، އޭނާ އަށް ބޮޑު ހިތްހަމަޖެހުމަކީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނާ ބަދަހި ގުޅުމެއް އޮތުމެވެ.
ފުޓްބޯލް ފޯ ޕީސް މެދުވެރިކޮށް އެކިއެކި ޕްރޮގްރާމްތައް ހިންގަން، ކާޝް އަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އެހީތެރިކަން ލިބެ އެވެ. ގިނަ ގައުމުތަކާ ގުޅިގެން ފުޓްބޯޅައިގެ އެކި ޕްރޮގްރާމް ކާޝް ހިންގަނީ ފުޓްބޯޅައިގެ ތަރިންގެ ސަޕޯޓާ ވެސް އެކުގަ އެވެ. ރާއްޖޭގައި ކުރިއަށްދިޔަ، ވޯކްޝޮޕްގައި ޗޯޕްރާ ބައިވެރިވިއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަށް ޗޯޕްރާ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސް ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވާޑް ލުއިސް ސަހާގެ މެސެޖެއް ވެސް ފޯރުކޮށްދީފަ އެވެ.

ފުޓްބޯލް ފޯ ޕީސްގެ ކޯ-ފައުންޑަރު، ކާޝް ސިއްދިގީ، "އަދަދު" އަށް ދިން އިންޓަވިއުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކާޝް ދެކޭގޮތުގައި ރާއްޖެ އަކީ ފުޓްބޯޅަ ތަރިން ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އޮތުމުގެ ފައިދާ ވެސް މި ގައުމަށް ލިބެން ޖެހޭނެ އެވެ. އެ ފަދަ ފުރުސަތުތައް ހޯދޭނެ ގޮތްތަކަށް މަސައްކަތް ވެސް ކުރަން ޖެހޭނެ އެވެ.
"އަހަރެން ބޭނުން މިތަނަށް އަންނަ ފުޓްބޯޅަ ކުޅުންތެރިން މެދުވެރިކޮށް ރާއްޖެ އަށް ކަމެއް ކޮށްދޭން. އަހަރެންގެ ވިސްނުމަކީ މިތަނަށް އަންނަ ކުޅުންތެރިން ހަމައެކަނި ޗުއްޓީ ހޭދަކޮށްލާފައި ދާ ބަޔަކަށް ވާން ނޭދެން. އަހަރެން ބޭނުން އެ މީހުންނަކީ ރާއްޖޭގެ ކުދިންނަށް ކަމެއް ކޮށްދޭ ބަޔަކަށް ހަދަން. އަހަރެން ބޭނުން އެހެން އަންނަ ތަރިން މި މުޖުތަމައު އަށް ކަމެއް ކޮށްދޭތަން ދެކެން،" ކާޝް ބުންޏެވެ.
"މިދިޔަ ހަފްތާގައި ޖަމެއިން ޑެފޯ އައި ރާއްޖެ އަށް. އޭނަ އަކީ ފުޓްބޯލް ފޯ ޕީސްގެ ބައިވެރިއެއް. އަހަންނަށް ނޭނގޭ އޭނަ ރާއްޖެ އައި ކަމެއް. އަހަންނަށް އެނގުނު ނަމަ އޭނަ މި ތަނަށް ގެނެސް ޕްރޮގްރާމްގައި ބައިވެރި ކުރުވާނަން، މި ތަނަށް (ރާއްޖެ އަށް) އެބަ އާދޭ ވަރަށް ހައި ޕްރޮފައިލް މީހުން ނޫނީ ކުޅުންތެރިން، އެ މީހުންގެ ހެޔޮ ނުފޫޒު ރަނގަޅު ގޮތުގައި އަހަރެމެން ބޭނުންހިފައި، ރަނގަޅު މުޖުތަމައު އެއް ފުޓްބޯޅައިގެ ތެރެއިން ބިނާކުރަން މަސައްކަތް ކުރަންޖެހޭ،"
ރާއްޖޭގައި ފުޓްބޯޅައިގެ ޖީލުތަކެއް ބިނާކުރަން ބަލާއިރު، ފުޓްބޯލް ފޯ ޕީއެސް އޭގެ ބައިވެރިިއަކަށްވާން ބޭނުންވާ ކަމަށް ކާޝް ވަނީ ބުނެފަ އެވެ. އަދި ހަފްތާއެއްގެ މުއްދަތަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި މި ކުރިއަށް ގެންދެވުނު ޕްރޮގްރާމަކީ ފެށުމެއްގެ ގޮތުގައި ބަލައި، މުސްތަގުބަލުގައި އެފްއޭއެމާ ގުޅިގެން މަސައްކަތްތަކެއް ކުރަން ފުޓްބޯލް ފޯ ޕީސް އިން ބޭނުންވެ އެވެ.












