ފީނާ ވޯލްޑް ޗެމްޕިއަންޝިޕް: ރާއްޖޭގެ ޓީމަށް ޖުމްލަ 10 ގައުމީ ރެކޯޑް!

Jun 27, 2022, 2:23 AM
ފީނާ ވޯލްޑް ޗެމްޕިއަންޝިޕް: ރާއްޖޭގެ ޓީމަށް ޖުމްލަ 10 ގައުމީ ރެކޯޑް!

ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށްދާ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ފެތުންތެރިންގެ ޓީމުން 10 ގައުމީ ރެކޯޑް އާކޮށް މުބާރާތް ނިންމާލައިފި އެވެ.

މިދިޔަ އަހަރު ޔޫއޭއީގައި ބޭއްވި ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ނުވަ ގައުމީ ރެކޯޑެއް މުގުރާލައިފަ އެވެ. މި ފަހަރު އެއް ރެކޯޑް އިތުރެވެ. މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރީ ހަމްނާ އަހުމަދާއި އައިޝަތު ސައުސަން، މުބާލް އައްޒާމް އިބްރާހިމް އަދި މުހައްމަދު އާން ހުސެއިން އެވެ.

ރާއްޖޭން އާ ކުރި 10 ރެކޯޑްތަކަށް ބަލާއިރު، އޭގެ ތެރެއިން ތިން ގައުމީ ރެކޯޑެއް އާ ކުރީ ސައުސަން، 34، އެވެ. މީގެ އިތުރުން މުބާލް ދެ ރެކޯޑެއް އާ ކުރިއިރު، އާން ތިން ރެކޯޑް އާ ކުރިއިރު، ހަމްނާ ވަނީ ރެކޯޑެއް އާ ކޮށްފަ އެވެ. އަނެއް ރެކޯޑް އާ ކުރީ މިކްސް ޓީމު އިވެންޓުގަ އެވެ.

ސައުޝަން، މި ފަހަރު އެންމެ ފުރަތަމަ އާ ކުރީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ. އެ ރެކޯޑް އާކުރީ 01.18.76 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. ސައުސަން ވަނީ އެ ރެކޯޑް މި ފަހަރުގެ މުބާރާތުގައި ދެ ވަނަ ފަހަރަށް އާ ކޮށްފަ އެވެ. ސައުސަން 100 މީޓަރ ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އަނެއްކާ އާކުރީ 01.18.58 އިން މެޑްލޭ ރިލޭ އިވެންޓްގައި 100 މީޓަރ ބެކްސްޓްރޯކް ގެ ލެންތު ފުރިހަމަ ކޮށްގެންނެވެ.

މީގެ އިތުރުން، ސައުސަން، 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އާ ކުރީ މި ފަހަރުގެ މުބާރާތުގައި 02.53.55 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މީގެ ކުރިން 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް ވެސް އޮތީ ސައުސަން އަތުގަ އެވެ. އެއީ 2018 ވަނަ އަހަރު، އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު ސައުސަން ރެކޯޑް ހެދީ 02.57.90 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މިއީ 4.35 ސިކުންތުގެ ކުރިއެރުމެކެވެ.

ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، މުބާލް އާ ކޮށްފައިވަނީ 05.14.91 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާ ކޮށްފައިވަނީ ވެސް މުބާލް އެވެ. އެއީ، 2018 ވަނަ އަހަރު، އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް މުބާލް ފުރިހަމަ ކޮށްފައިވަނީ 05.35.41 އިންނެވެ. މި ފަަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ނިބާލް މި އިވެންޓް ފުރިހަމަކުރި ޓައިމިންއާ އަޅާކިޔާއިރު، މިއީ 20.50 ސިކުންތުގެ ކުރިއެރުމެކެވެ.

މުބާލް ވަނީ ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑްވެސް އާ ކޮށްފަ އެވެ. މުބާލް މި ރެކޯޑް އާކޮށްފައިވަނީ 02.36.74 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓް އެންމެ ފުރަތަމަ ފަތާފައިވަނީ 2019 ވަނަ އަހަރު ބޭއްވި 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އަހުމަދު އައްޒާން ޒާހިދު އެވެ. އެ މުބާރާތުގައި 200 މީޓަރ ބަޓަފްލައި އިވެންޓް އައްޒާން ފުރިހަމަ ކޮށްފައިވަނީ 03.03.11 އިންނެވެ.

ކުރިއެރުންތަކެއް ހޯދަމުން އަންނަ ފެތުންތެރިޔާ، އާން، ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 01.05.77 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މިއީ 3.30 ސިކުންތުގެ ކުރިއެރުމެކެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އައުކޮށްފައި ވަނީ، 2021 ވަނަ އަހަރު ބޭއްވުނު ގޯލްޑަން އޮލާންޑޯ އިވެންޓްގައި އަލީ އިމްއާން އެވެ. އިމްއާން، އެ ފަހަރު 100 ބެކްސްޓްރޯކް އިވެންޓް ނިންމީ 01.09.07 ގެ ޓައިމިން އަކުންނެވެ.

ފެތުންތެރިޔާ އާން އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އާން ދެން އާ ކުރި ދެ ރެކޯޑަކީ ފިރިހެނުންގެ ލޯންް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓާއި ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ އެވެ. ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާން އާ ކުރީ 00.29.57 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އާކުރީ، 2019 ވަނަ އަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އަލީ އިމްއާން، 00.30.86 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.

ފިރިހެނުންގެ ލޯންްގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާން އާކުރީ ފްރީސްޓައިލް ރިލޭ އިވެންޓްގައި 100 މީޓަރުގެ ލެންތު 00.56.96 އިން ފުރިހަމަ ކޮށްގެންނެވެ. މިއީ 10 އަހަރު ފަހުން އާ ކުރެވުނު ރެކޯޑެެކެވެ. މި ރެކޯޑް ކުރިން އޮތީ ލަންޑަން 2012 އޮލިމްޕިކް ގޭމްސްގައި ރެކޯޑް ހެދި އަހުމަދު ހުސާމް އަތުގަ އެވެ. އެ ފަހަރު 100 މީޓަރު ފްރީސްޓައިލް އިވެންޓް ހުސާމް ފުރިހަމަ ކޮށްފައިވަނީ 00.57.53 ގެ ޓައިމިން އަކުންނެވެ.

މިދިޔަ އަހަރުގެ ރަނގަޅު ކާމިޔާބީތަކެއް ހޯދި ހަމްނާ، އަންހެނުންގެ ލޯންްގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާ ކުރީ 00.34.53 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އާ ކުރީ ސައުސަން އެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 00.35.41 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ލޯންގްކޯސް މިކްސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓްގެ ގައުމީ ރެކޯޑް އާކުރީ 04.18.44 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މިއީ 7.47 ސިކުންތުގެ ކުރިއެރުމަކާ އެކީ އާ ކުރެވުނު ގައުމީ ރެކޯޑް އެކެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އޮތީ 2019 އަހަރު ބޭއްވި ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި 04.25.91 އިން އިވެންޓް ފުރިހަމަ ކުރި ޓީމު އަތުގަ އެެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ނިންމާލުމަށް ފަހު ގައުމީ ފެތުންތެރިން މިއަދު ރާއްޖެ އެނބުރި އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox