ވިލާ ކޮލެޖުގެ އިންސްޓިޓިއުޓު ފޯ ރިސާޗު އެންޑް އިނޮވޭޝަނުން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗު އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި) އިއްޔެ ފަށައިފި އެވެ.
މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަހަރުގެ ކޮންފަރެންސްގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ރީފްރޭމިކް އަވާ ފިއުޗާ: ޕްލޭސިން ޕީޕަލް އެޓް ދަ ސެންޓާ" ނުވަތަ މުސްތަގުބަލު ބައްޓަން ކުރުމުގައި އިންސާނުންނަށް އަހަންމިއްޔަތުކަން ދިނުމެވެ. މިއީ 2016 ގައި ފެށި މި ކޮންފަރެންސް ބާއްވާތާ ހަވަނަ ފަހަރެވެ.
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ގުދުރަތީ ނިޒާމަށް ގެއްލުން ނުވާނެ ގޮތަކަށް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން، ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަން ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމީ ތަރައްގީގައި ދިރާސާގެ މައްޗަށް ބިނާވާ މައުލޫމާތުތަކުގެ މުހިންމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ސިޔާސަތުތައް ބިނާކުރުމުގައި މިފަދަ ދިރާސާތަކުގެ ނަތީޖާތަކަށް ބިނާވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަހަރުގެ ކޮންފަރެންސަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނައުމަށް މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކޮންފަރެންސެއް ކަމަށް އިއްޔެގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހްމަދު އަންވަރު ވިދާޅުވި އެވެ.

ސިޔާސީ، ގާނޫނީ، ސައިކޮލޮޖީ، ތައުލީމު، ވިޔަފާރި، ފައިނޭންސް، ތިމާވެއްޓާއި ޓެކްނޮލޮޖީ، ސިއްހީ ދާއިރާ، ނާސިން އަދި ސޯޝަލް ވޯކް، ބަސް، މީޑިއާ އަދި ކޮމިއުނިކޭޝަން، ދީން، ސަގާފަތް އަދި އާދަކާދަ އާއި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން މި ކޮންފަރެންސްގައި މަޝްވަރާކުރާނެ އެވެ.
ހަމައެހެންމެ، އިންޑިއާ، މެލޭޝިއާ، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ފާހަގަކޮށްލެވޭ ބޭފުޅުން ކީނޯޓް ސްޕީޗު ދެއްވާނެ އެވެ. މުޅި ޖުމްލަ 66 ރިސާޗު ކަރުދާހެއް މި ކޮންފަރެންސަށް ހުށަހަޅައި ބަހުސް ކުރާނެ އެވެ.













