ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާ އެކު ޒުވާން ވޮލީބޯޅަ ކުޅުންތެރިޔާ، މާއިދު މުހައްމަދު ހަލީލްގެ ކޮންޓްރެކްޓެއް އޮތުމާއި އެ ދެ ކްލަބުން މައިލޯ ގައުމީ ވޮލީ ބޯޅަ ލީގުގައި ވާދަކުރަން ހުށަހެޅި ޓީމު ލިސްޓުގައި މާއިދުގެ ނަން ހިމަނާފައިވާތީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެ މައްސަލައިގައި މާއިދު ސަސްޕެންޑްކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ގައުމީ ވޮލީ ޓީމުން މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ހިމެނުނު މާއިދު، 23، ވަނީ ދާދި ފަހުން ނިމުނު ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ދިވެހި ސިފައިންގެ ކްލަބަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މުބާރާތަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ވަނީ ގައުމީ ވޮލީ ލީގު ފަށައިފަ އެވެ. ވޮލީ ލީގަށް ޓީމު ލިސްޓުތައް ހުށަހެޅިއިރު، ދެ ޓީމަކުން މާއިދު ޓީމު ލިސްޓުގައި ހިމަނާފައިވާތީ، ވީއޭއެމުން ވަނީ މާއިދާއި ދެ ޓީމުގެ އޮފިޝަލުން ހާޒިރުކޮށްފަ އެވެ.
މާއިދުގެ މައްސަލަ ވީއޭއެމަށް އެންމެ ފުރަތަމަ ހުށަހެޅީ ޕޮލިސް ކްލަބުންނެވެ. އެއީ އެ ކްލަބްގެ ކޮންޓްރެކްޓެއްގައި ހުރެ، އެހެން ކްލަބަކަށް ކުޅެމުން އަންނާތީ އެވެ. އެ މައްސަލަ އާއި ދެ ޓީމެއްގެ ލިސްޓުގައި މާއިދު ހިމެނޭ މައްސަލައިގައި ވީއޭއެމަށް މާއިދު ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވުމުން، މާއިދު ވަނީ ދެ ކްލަބާ އެކު ވެސް ކޮންޓްރެކްޓެއް އޮންނާނެ ކަމަށް ބުނެފަ އެވެ.
މައްސަލައިގައި "ސުލްހަވެރި ހައްލެއް" ހޯދަން ވީއޭއެމުން ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބަށް ދިން މުހުލަތުގައި އެކަން ކޮށްފައިނުވާތީ ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ވޮލީބޯޅަ ސީޒަނުގައި ބާކީ އޮތް ދެ މުބާރާތް ކަމަށްވާ ގައުމީ ވޮލީ ލީގާއި ގައުމީ މުބާރާތަށް މާއިދު ސަސްޕެންޑްކުރުމަށެވެ.
"މި ގޮތަށް ނިންމުމުގައި ވީއޭއެމުން ވާނީ ދެ ކްލަބްގެ މަސްލަހަތަށް، ކުޅުންތެރިޔާގެ މަސްލަހަތަށް، ދެން މުބާރާތުގައި ބައިވެރިވެފައިވާ އެހެން ކްލަބްތަކުގެ މަސްލަހަތަށް ވެސް އިސްކަންދީފައި، އެ ގޮތުން މި ވަގުތަށް ބަލާއިރު، މާއިދުގެ އިއުތިރާފުން ދެ ޓީމުގައި ވެސް އޭނާގެ ކޮންޓްރެކްޓް އޮތުމުން ވީއޭއެމަށް ފެންނަނީ މާއިދު ކުރިއަށް އޮތް ދެ މުބާރާތަށް (ގައުމީ ލީގާއި ގައުމީ މުބާރާތް) ސަސްޕެންޑްކުރަން،" ވީއޭއެމުން ބުންޏެވެ.
ވީއޭއެމުން މި މައްސަލައިގައި ގޮތެއް ނިންމާފައިވަނީ މާއިދު ދެ ކްލަބެއްގެ އެގްރީމެންޓްގައި ސޮއިކޮށްފައިވާތީ ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުންނެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ވޮލީ ޓީމުން ކުޅުނު މެޗުގެ ތެރެއިން މާއިދު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މާއިދު އާއި އާއިލާގެ ނުރުހުން ޕޮލިސް ކްލަބަށް، ދިފާއުގައި ކޯޓަށް ދާން ތައްޔާރު
މިދިޔަ އަހަރު މަހަށް ދިއުމަށް ދ. އަތޮޅުގައި މާއިދު ހުއްޓައި، ޕޮލިސް ކްލަބްގެ ކޯޗު، ފަތުހުﷲ ވަހީދު (ފައްލޯ)ގެ އެދުމަށް މާއިދު މާލެ ފޮނުވަން، އޭނާގެ ބައްޕަ، މުހައްމަދު ހަލީލް ނިންމި އެންމެ ބޮޑު ސަބަބަކީ، ޕޮލިހުން މާއިދަށް ވަޒީފާ ލިބޭނެކަމުގެ ޔަގީންކަން ދިނުމުންނެވެ.
މާއިދު ވެސް ބޭނުންވީ ވޮލީން ކުރިއަށްދާއިރު، ވަޒީފާއެއްގައި ހުރެގެން ލިބޭ ފުރުސަތެއްގައި ކަމަށްވާތީ، ޕޮލިސް ކްލަބުން ފަހިވި ފުރުސަތުގެ ބޭނުން ހިފަން އޭނާ ނިންމީ އެެވެ.
"މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ގާތްގަނޑަކަށް އަަށް މަސް ވަންދެން ޕޮލިހުން ވަޒީފާ ދޭނެ ކަމަށް ބުނެ ހިފެހެއްޓި، އެހެން ދަމުން ގޮސް އެއް ދުވަހު އެންގީ އުޅެމުން އައިތަން ހުސްކުރަން، އެ ހިސާބުން ގޮތް ހުސްވީ، ދެން ފުރުސަތު ދިނީ އެމްއެންޑީއެފް އިން، އެ މީހުން ޓީމުން ޖާގަ ދީފައި ޖޮބް ދޭން ބުނީމަ ޖޮއިން ކުރީ،" މާއިދު، "އަދަދު" އަށް ބުންޏެވެ.
މާއިދު ވަނީ ދެެ ކްލަބެއްގައި ކޮންޓްރެކްޓެއް އޮންނާނެ ކަމަށް "އަދަދު" އިން ކުރި ސުވާލަށް ވެސް އެއްބަސްވެފަ އެވެ. އެކަމަކު، މާއިދުގެ ޝަކުވާ އަކީ ޕޮލިހުން އޭނާ އަށް ދިން ކޮންޓްރެކްޓާ އެއްގޮތަށް އަމަލުނުކުރާ ކަމެވެ.
މާއިދު ބުނީ ކޮންމެ މަހަކު ވަކި ވަރަކަށް ރުފިޔާ ދޭ ގޮތަށް ޕޮލިސް ކްލަބުން އޭނާއާ އެކު ކޮންޓްރެކްޓެއް ހަދާފައި، އެ އަށް ފުރިހަމަ އަށް އަމަލުނުކޮށް، ދެން ޕޮލިސް ކްލަބުން ދެއްކީ ވޮލީބޯޅަ ސީޒަނަށް އެއްކޮށް 10،000 ރުފިޔާ ދޭން ނިންމާފައިވާ ބައެއް ކަމަށެވެ.
"ޕޮލިސް ކްލަބުން ކޮންމެ މަހަކު ވަކި ވަރެއް ދޭން ބުނެފައި، އެ އަށް އަމަލުނުކޮށް މި ދައްކަނީ މުބާރާތަށް އެއްކޮށް ދޭ ފައިސާއެއްގެ ވާހަކަ، އެއީ އެއް ނޫން އެއްބަސްވި ގޮތަކީ، ވަޒީފާ ދޭން ބުނީމަ އެއްބަސްވީ މަހުން މަހަށް ކޮންޓްރެކްޓާ އެއްގޮތަށް ވެސް ފައިސާ ދޭން، އެކަމަކު، އަށް މަސް ވީއިރު ވެސް އެކަމަށް ކުރިއެރުމެއް ނައި، މާޔޫސްވާ ހިސާބަށް ދިޔަ،" މާއިދު ބުންޏެވެ.
"މި އަހަރު ތެރޭގައި، އެމްއެންޑީއެފް އަށް، ޖޮބަށް ވަންނަން އުޅުނީމަ (ޕޮލިސް ކްލަބުން ބަހައްޓާފައި ހުރި ތަނުން) ނެރެލީ، އިރުއޮއްސުމުގެ ކުރިން ތަން ހުސްކުރާށޭ އެންގީ، އަމިއްލަ އަށް ކުއްޔަށް ތަނެއްގައި ހުރިހާ ދުވަހެއްގައި އުޅެފައި، ސިފައިންގެ އިން ހަމަޖެއްސި ތަނެއްގައި މި އުޅެނީ،" މާއިދު ބުންޏެވެ.
އެސޯސިއޭޝަން ކަޕް ފަށައިގެން މާއިދު، ސިފައިންގެ ޓީމަށް ކުޅެމުން ދަނިކޮށް، ޕޮލިހުން ވީއޭއެމަށް މައްސަލަ ހުށަހެޅީ ސިފައިންނާއި ޕޮލިސް ބައްދަލުކުރަން އޮތް މެޗު އޮތް ދުވަހު އެވެ. އެކަން ވީއޭއެމުން ވެސް ކަށަވަރުކޮށްދިނެވެ.
މާއިދު ބުނީ އޭނާ ޕޮލިހާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައިދޭން ފައްލޯ ކޯޗު ގާތުގައި އެދުމުން އެ ގޮތަށް އެ ކަން ކޮށްދީފައިނުވާ ކަމަށާއި ޕޮލިހާއި ސިފައިންގެ މެޗު ކުޅެން އޮތް ދުވަހު އެ މައްސަލަ ވީއޭއެމަށް ހުށަހަޅައި، އޭނާ އަށް ނުކުޅެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަން ފެށުމުން އެކަމާ ހިތާމަކުރި ކަމަށެވެ.
މާއިދުގެ އެދުމަކީ އޭނާ އަށް މި ދިމާވި ގޮތް އެހެން ކުޅުންތެރިއަކަށް ނުވުމެވެ. މާއިދުގެ ބައްޕަ، ހަލީލް ވެސް އެ ވިސްނުން އިސްކޮށް، މާއިދު އާއި އާއިލާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޕޮލިސް ކްލަބް ގޮވައިގެން ކޯޓަށް ދާން ނިންމީ ވެސް ގިނަ ސަބަބުތަކެއް ހުރުމުންނެވެ.
"އަޅުގަނޑުމެންނަކީ މާލޭގައި ތަނެއް ކުއްޔަށް ހިފައިގެން ކުއްޖެއް ބަހައްޓައިގެން ކުޅެން އެކަނި ބެހެއްޓޭ ފެންވަރުގެ ބައެއް ނޫން. އެކަމަކު، ޕޮލިސް ކްލަބުން ފުރުސަތު އެބައޮތް ކަމަށް ބުނެ، ފައްލޯ އެ ގޮތަށް ވައުދުވީމަ ފޮނުވީ. ދ އަތޮޅުގައި މަހަށް ދާން ގޮސް ހުއްޓައި، މާއިދު ގެންދިޔައީ، ގެންގޮސްފައި އަށް މަސް ވީއިރު ވެސް ވައުދުވި ވަޒީފާއެއް ނުދެވުނު،" ހަލީލް ބުންޏެވެ.
"ދެން ބަހައްޓާފައި ހުރި ތަނުން ނެރެލީމަ، ސިފައިންގެ ވަޒީފާ އާއި ކުޅުުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައި، މާއިދު އެ ގެންދިޔައީ. އަޅުގަނޑުގެ ވެސް އެދުމަކީ މާއިދު އަށް ވަޒީފާއެއްގައި އުޅެވި ކުޅެވޭ ގޮތްވުން، ޕޮލިހުން ގުޅީމަ ފޮނުވީ ވެސް އެކަމަށްޓަކައި، އެކަމަކު، ކަންތައް ދިމާވީ އިހާނެތިކޮށް، ޕޮލިސް ކްލަބުން ވައުދުވި ގޮތަށް ކަމެއް ނުކުރި،"
ހަލީލް ބުނީ ޕޮލިސް ކްލަބް ގޮވައިގެން މާއިދު އަށް މި ގެއްލުނު ވަގުތުގެ ބަދަލު ހޯދަން ކޯޓަށް ގޮސްގެން އޭނާ އަށް ކާމިޔާބު ނުލިބުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި އެކަމަކު ވެސް އެ ގޮތަށް ކުރިއަށްދާން ނިންމީ "އަމިއްލަ ދަރިފުޅުގެ ހައްގުގައި ކުރެވުނު ކަމެއް ކުރަން" ކަމަށެވެ.

އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން މާއިދު: އެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި.-- ފޮޓޯ: އިމޭޖަސް.އެމްވީ
ދެ ކްލަބެއްގެ ކޮންޓްރެކްޓްގައި މާއިދު ސޮއިކޮށްފައި އޮތުމުން އޭނާ އަށް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް މާއިދުގެ ބައްޕަ އެއްބަސްވެ އެވެ. އެކަމަކު، ދެ ކްލަބަކަށް މާއިދު ސޮއިކުރަން ޖެހޭ ހިސާބަށް ކަންތައްތައް ދިޔައީ ކީއްވެތޯ އާއި ސޮއިކުރި ކޮންޓްރެކްޓްގައި ބުނެފައިވާ ކަންކަމަށް އަމަލުކޮށްފައިވޭތޯ އޮޅުން ފިލުވަން ޖެހޭނެ ކަމަށް ހަލީލް ބުނެފައިވެ އެވެ.
"އެހެންވެ، މި ހުރިހާ ކަމެއް ބަލަން އަޅުގަނޑު ބޭނުން. އެއީ މިއަދު މާއިދު އަށް އެ ވީ ގޮތް އެހެން ކުއްޖަކަށް ވާން ބޭނުމެއް ނޫން. މާއިދުގެ ހައްގުގައި އަޅުގަނޑު ތެދުވަން، މި ފިޔަވަޅު އަޅާކަން (ކޯޓަށް ދާކަން)، ފައްލޯ އަށް ވެސް ވާނީ އަންގާފައި، އެއީ އަހަރެން ވަރަށް ގާތްކޮށް ދެކިގެން ފައްލޯ އަށް ކުރި އިތުބާރަކާ އެއްކޮށް މާއިދު ފޮނުވަން ނިންމީ،" ހަލީލް ބުންޏެވެ.
"ކުޅެން ނުގޮސް، މާއިދު މަހަށް ދާން މަޑުކުރިނަމަ ޔަގީނުން ވެސް އާއިލާ އަށް ފައިސާ ލިބޭނެ،"
ހަލީލް ބުނީ މާއިދު އަކީ ކުޑައިރުއްސުރެ ވޮލީ ބޯޅަ އަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށާއި ވަޒީފާގެ ގޮތުން ސިފައިން ނޫނީ ޕޮލިހާ ގުޅެން ވެސް ބޭނުންވި ކަމަށެވެ. އެއީ އެ ދެ މުއައްސަސާ އަށް ނިސްބަތްވާ ކްލަބްތަކަކީ ވޮލީބޯޅައިގައި އިސްކޮށް އުޅޭ ދެ ޓީމު ކަމަށްވާއިރު، މާއިދު ދެ ޓީމަށް ސޮއިކުރީ ފުރުސަތު ލިބޭ ޓީމަކާ އެކު ކުރިއަށް ދިއުމަށް ކަމަށް ވެސް ހަލީލް ބުނެފައިވެ އެވެ.
މާއިދަށް ރަނގަޅަށް ކުޅެވެން ފެށުމާ އެކު މި ދިމާވި ކަންތައްތަކުގެ ސަބަބުން ވޮލީން ކުރިއަށް ދާން މާއިދަށް މި ގެއްލުނު ފުރުސަތުގެ ޒިންމާ ކޮންމެ ވެސް ބަޔަކު ނަގަން ޖެހޭނެ ކަމަށް ހަލީލް ދެކެ އެވެ. އެކަންކަން ވޮލީބޯލް އެސޯސިއޭޝަނާ މަޝްވަރާ ކުރަން ވެސް މާއިދުގެ ބައްޕަ، ހަލީލް ހުރީ ތައްޔާރަށެވެ.
ފައްލޯ: ހުރިހާ ކަމެއްގައި އަމަލުކުރީ މަސްލަހަތަށް ބަލާފައި
އެންމެ ފުރަތަމަ ވާހަކަ ދެކެވުނު ގޮތަށް މާއިދަށް ޕޮލިހުގެ ވަޒީފާ ދިނުމަށް ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ. އަދި މާއިދު ޕޮލިސް ކްލަބަށް ނޭނގި ދިވެހި ސިފައިންގެ ކްލަބަށް ބަދަލުވީ ޕޮލިހުގެ ވަޒީފާގެ ކަންތައްތައް ނިންމައިދޭން ވަރަށް ގިނަ ކަންކަން ކުރެވުނު ފަހުން ކަމަށް ވެސް ފައްލޯ ބުނެފައިވެ އެވެ.
ޕޮލިހަށް މާއިދު ވައްދަން ކުރަން ޖެހޭ ކަންކަމުގެ ތެރެއިން ރެކޯޑްތައް ސާފުކުރިއިރު، ގިނަ ކަންކަން ބަލަން ޖެހުމުން ލަސްތަކެއް އައި ނަމަވެސް ކަންތައްތައް ގޮސްފައި އޮތީ ރަނގަޅަށް ކަމަށް ފައްލޯ ބުންޏެެވެ.
ވޮލީބޯލް އެސޯސިއޭޝަނަށް މާއިދުގެ މައްސަލަ ހުށަހަޅަން ނިންމި އެންމެ ބޮޑު ސަބަަބަކީ ޕޮލިހުގެ ކޮންޓްރެކްޓްގައި ހުުރެފައި އެހެން ކުޅުންތެރިން ވެސް ދިޔަ ރަނގަޅު އުސޫލުގެ ތެރެއިން މާއިދު އެކަން ކޮށްފައިނުވާތީ ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެންގެ ކިތަން ކުޅުންތެރިންތޯ (ނިމިދިޔަ އެސޯސިއޭޝަން ކަޕްގައި) އެހެން ޓީމުތަކަށް އެ ކުޅުނީ، އެހެން އެއްވެސް ކުޅުންތެރިއެއްގެ މައްސަލައެއް ނުޖެހި އެންމެ ކުޅުންތެރިއަކު (މާއިދު) މިހެން ވީމަ އެބަ ޖެހޭ ވީ ގޮތް ވެސް ބަލާލަން،" ފައްލޯ ބުންޏެވެ.
ޒުވާން ވޮލީ ކުޅުންތެރިންތަކެއް ބިނާކުރަން ޕޮލިސް ކްލަބުން 2019 ވަނަ އަހަރުން ފެށިގެން މަސައްކަތް ފަށައި، ކޮވިޑާ ހެދި ގިނަ މަޑުޖެހުންތަކެއް އައި ކަމަށް ފާހަގަކޮށް ފައްލޯ ބުނީ މާއިދު އަކީ ޕޮލިސް ކްލަބުން ބޭނުންވެގެން މުސްތަގުބަލަށް ހޯދި ކުޅުންތެރިއެއް ކަމަށެވެ.
އެކަމަކު، މާއިދު ފަހު ވަގުތު ޕޮލިހަށް އެންގުމެއް ނެތި، ވާދަވެރި އެހެން ޓީމަކާ ގުޅުނީމަ، ޕޮލިސް ކްލަބުން ވެސް އެ އޮންނަ އުސޫލެއްގެ ތެރެއިން ކުރިއަށް ދިޔައީ ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
"އެސޯސިއޭޝަނަށް ދިޔައީ މާއިދު އަނެއް ޓީމަށް ކުޅޭތަން ފެނުނީމަ، އެ ހިސާބުން ހުރިހާ ކަމެއް ނިމުނުކަން އެނގުނީ، ދެން އަޅުގަނޑުމެންގެ ކޮންޓްރެކްޓް އޮތް ކުޅުންތެރިއެއް އެހެން ޓީމަކަށް ދިޔައީމަ އެ މައްސަލަ ކަމާ ބެހޭ ފަރާތަކަށް އަންގަން ޖެހޭ ކަމަށް ގަބޫލުކުރަނީ، މީގެ ކުޅުންތެރިޔާ އާއި ކްލަބްގެ މަސްލަހަތަށް ބަލާފައި އެސޯސިއޭޝަނުން އެ އޮތީ ގޮތެއް ނިންމާފައި ދެއްތޯ،" ފައްލޯ ބުންޏެވެ.
ޕޮލިސް ކްލަބުން މަސައްކަތް ކުރަނީ ގައުމީ ޓީމަށް ވެސް ކުޅެ، ގައުމު ތަމްސީލްކުރެވޭ ފެންވަރުގެ ކުޅުންތެރިންތަކެއް އެ ކްލަބްގެ ތެރެއިން އުފެއްދުމަށް ކަމަށާއި މާއިދު އަށް ވެސް މި އަހަރު ކުރީކޮޅުގައި ގައުމީ ޓީމަށް އެރުނީ ޕޮލިސް ކްލަބުން އޭނާ އަށް ދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
މާއިދުގެ މި މައްސަލައިގައި އޭނާގެ އާއިލާ އިން ކޯޓަށް ދިއުމާ ބެހޭގޮތުން ސުވާލުކުރުމުން ފައްލޯ ބުނީ އެއީ މީގެ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކުރުމަށް ވުރެ، މީގެ ހުރިހާ ފަރާތެއްގެ މަސްލަހަތަށް ބަަލައި، އެންމެ ރަނގަޅަށް ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ކޯޓަށް ދިއުމަކީ މީގެ އެންމެ ރަނގަޅު ގޮތްނަމަ އެކަން ކުރަން ޖެހޭ އެހެން ފަރާތްތަކެއް ވެސް އެބަހުރި ކަމަށް ފައްލޯގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.













