ނިއު އަށް ދެ ވަނަ ޑިވިޝަނުގައި ވާދަކުރެވުމުގެ އުންމީދު ބޮޑު: ވާސިފް

Jun 23, 2022, 11:12 AM
ނިއުގެ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވާސިފް ވާހަކަ ދައްކަވަނީ.--

ނިއުގެ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވާސިފް ވާހަކަ ދައްކަވަނީ.--

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުރާ މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ކްލަބްގެ ޗެއާމަން އަހުމަދު ވާސިފް ވިދާޅުވެއްޖެ އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޝަނެއްގައި އޮތް ނިއު އިން ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ނިންމުމަށް އެފްއޭއެމާ ވަނީ ފައިސާ ހަވާލުކޮށްފަ އެވެ. އެ ގޮތުން ނިއު އިން ހަވާލުކުރި 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ)، ފީފާ މެދުވެރިކޮށް ކުޅުންތެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ވެސް ވަނީ ބުނެފަ އެވެ.

ނިއުގެ ޗެއާމަން ވާސިފް، މިއަދު "އަދަދު" އަށް ވިދާޅުވީ އެފްއޭއެމުން ކުޅުންތެރިންނަށް އެ ފައިސާ ހަވާލުކޮށްދިނުމުން އެ ކުޅުންތެރިން އެކަން ފީފާ އަށް އަންގާނެ ކަމަށާއި އެ ހިސާބުން ފީފާ އިން ނިއު އަށް ދީފައިވާ ޓްރާންސްފާ ބޭން ނަގާނެ ކަމަށެވެ. އަދި ފީފާގެ އަދަބުން ސަލާމަތްވާއިރު، އެފްއޭއެމްގެ ސަސްޕެންޝަން ވެސް އުވާލާނެ ކަމަށް ވާސިފް ވިދާޅުވި އެވެ.

ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު މިހާރު ދީފައި އޮތީ އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށެވެ. ނިއު އިން އެ ކްލަބްގެ ދަރަނި ދެއްކިހާ އަވަހަށް އެފްއޭއެމްގެ އެކްސްކޯ އިން އެ ކްލަބްގެ ސަސްޕެންޝަން އުވާލާ ގޮތަށް، އެ ކޮމިޓީ އަށް ބާރު ދިނީ މި މަަހު ކުރީކޮޅުގައި ބޭއްވި އެފްއޭއެމް އަހަރީ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ މެޖޯރިޓީންނެވެ.

"އަޅުގަނޑުމެންނަށް ދެ ވަނަ ޑިވިޝަންގައި ބައިވެރިވެވޭހާ ތަނަށް ކަންކަން ނިންމަން މި އޮތީ ވަރަށް ކުރު މުއްދަތެއް ހަގީގަތުގައި. އެކަަމަކު، ވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު އަޅުގަނޑުމެންނަށް ވަގުތު އޮއްވައި ކަންކަން ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދު ބޮޑު، އެހެންވުމުން، އަންނަ މަހު ހަތަރު ވަނަ ދުވަހު ފަށަން ނިންމާފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން ނިއު ފެނުމުގެ ފުރުސަތު ބޮޑު،" ވާސިފް ވިދާޅުވި އެވެ.

ސަސްޕެންޝަން މައްސަލަ އަށް ހައްލު ލިބި ނިއު އަށް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރެވޭނެ ކަމަށް ބަަލައި، ނިއު އިން އަންނަނީ ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ކުރަމުންނެވެ. ވާސިފް ވިދާޅުވީ ޕްރެކްޓިސް ފެށީ ތައްޔާރީ ހާލަތުގައި ތިބުމަށް ކަމަށާއި ދެ ވަނަ ޑިވިޝަންގައި ވާދަކުރެވޭނެ ކަމުގެ އުންމީދު ބޮޑުވުމުން ބިދޭސީ ކުޅުންތެރިން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ގޮތުން ނިއު އިން ގެންނަން ނިންމާފައިވަނީ ގާނާ ދެ ކުޅުންތެރިންނާއި މިސްރާއި އުޒްބެކިސްތާނުން ކުޅުންތެރިއެކެވެ.

"ފީފާގެ މި ބޭން ނިމޭނެ ކަމަށް މި ބަލަނީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި، އެހެންވީމަ، ބިދޭސީ ކުޅުންތެރިން ގެންނަން ތައްޔާރަށް މި ތިބީ،" ވާސިފް ވިދާޅުވި އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިހާރު ޝެޑިއުލްކޮށްފައި އޮތީ އަންނަ މަހު ހަތަރު ވަނަ ދުވަހު ފަށާ ގޮތަށެވެ.

ވާސިފް އަކީ ނިއުގެ ބޯޑުގައި ކުރިން ވެސް މަސައްކަތް ކުރެއްވި ފަރާތެކެެވެ. ނިއު ސަސްޕެންޝަނުގައި އޮއްވައި، މީގެ ތިން މަސް ކުރިން ނިއުގެ ސަޕޯޓަރުން އިސްވެ، އުފެއްދި ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިންތިހާބީ ޗެއާމަނަކީ ވާސިފް އެވެ.

ރޭޑިއަންޓުން ސޮބާގެ ކޯޗުކަމުގައި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޓީމެއް އެކުލަވާލުމުގެ މަސައްކަތުގައި އުޅެނިކޮށް ރޭޑިއަންޓްގެ ކަންކަން ހުއްޓާލަން ޖެހުނީ ރޭޑިއަންޓަކީ ނިއުގެ ސްޕޯޓިން ސަކްސެސާގެ ގޮތުގައި އޭއެފްސީން ކަނޑައެޅުމުންނެވެ. ރޭޑިއަންޓަށް ކުރިއަށް ދެވެން އޮތީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކަމަށްވާތީ، އެ ޓީމުގެ ކަންކަން ކުރިއަށް ނުގެންގޮސް ރޭޑިއަންޓްގެ ގިނަ މެމްބަރުންތަކެއްގެ މަސައްކަތާ އެކު ނިއު ރޭޑިއަންޓްގެ ކަންކަން އަލުން ފަށައިގަތީ އެވެ.

ވާސިފް މީގެ ކުރިން ވިދާޅުވީ ނިއުގެ ކަންކަން ހަމަޖެހިގެން ކްލަބް ހިނގައިގަންނަން ފެށުމާ އެކު ނިއުގެ ދެ ވަނަ ޓީމުގެ ގޮތުގައި ރޭޑިއަންޓް ވެސް ކުރިއަށް ގެންދިއުމުގެ ވިސްނުން އެބައޮތް ކަމަށެެވެ.

ނިއު އިން ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމުގެ ކަންކަން ނިންމުމާ ގާތަށް އައިސްފައިވާއިރު، ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމުގައި ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ދިވެހި ކުޅުންތެރިންނަށް ފައިސާ ދައްކާ ގޮތަށެވެ. އެނގިފައިވާ ގޮތުގައި ދިވެހި ބައެއް ކުޅުންތެރިން ވަނީ ނިއު އިން ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދުން ބައެއް އުނިކޮށްދޭން ވެސް އެއްބަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox