ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގަން ބަޔަކު އުޅުމުން އެތަނުގައި ފުލުހުން ހަރަކާތްތެރިވި ގޮތް ބަލަން, ރިވިއުއެއް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އަދި، އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.

އެ ފާޑުކިޔުންތައް އޮތްވައި މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާ ހިނގުމަށް މެދުވެރި ސަބަބުތައް ބަލައި ދިވެހި ފުލުހުންގެ ހިދުމަތުން ރެސްޕޮންޑްކުރި ގޮތުގެ އިންޓާނަލް ރިވިއުއެއް ކުރާނެ ކަމަށެވެ.
ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު, މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ސީރިއަސް ކުށެއްގެ ގޮތުގައި ކަމަށާއި ހަމަނުޖެހުން ހިންގުމުގެ ޒިންމާވާ މީހުން ގާނޫނުގެ ކުރި މައްޗަށް ގެންނަވާނެ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި, ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންނެވެ.
އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.
މިއަދު އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި, ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ޕީޕީއެމް އޮފީހުން ދިދަތައް ނެރޭ މަންޒަރު ފެނެ އެވެ. މުހައްމަދު އިސްމާއިލަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ.
ޕީޕީއެމްގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ އެ ދިދަތައް އެ ޕާޓީގެ ފަރާތުން އެ ހަރަކާތް ހިންގި މީހުންނަށް ފޯރުކޮށްދިން ކަން މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް, ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މިއަދުގެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަތަކަކީ ސީދާ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެއް ކަމެއް ޔަގީން ނުވާ ކަމާއި އެކަން ޖެހޭނީ ބަލާށެވެ.
އެކަމަކު ތޮލާލު ވިދާޅުވި ގޮތުގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާ ކޮންމެ އެފަދަ ކަމަކަށް ވަސީލަތްތައް ފޯރުކޮށްދޭން އާންމު ރައްޔިތުން ހިންގާ ހަރަކާތަކަށް އެދުމުން އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ.












