ހައްޖުގެ އަޅުކަން ކުރުމަށް މި އަހަރު ރާއްޖޭން މައްކާއަށް ފުރާ ދިވެހިން މި ޖޫން މަހުގެ ފަހުކޮޅު ސައުދީއަށް ފުރާ ގޮތަށް އަދި އަނބުރާ އައުން މި އަންނަ ޖުލައި މަހު ފަހުކޮޅަށް ހަމަޖެހިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު "އަދަދު"އަށް ވިދާޅުވީ ދިވެހި ހައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވަނީ ތިން ގްރޫޕަކަށް ބަހަލާއިގެން ތިން ފްލައިޓެއްގައި ދަތުރު ކުރާ ގޮތަށެވެ.
މި ގޮތުން ފުރަތަމަ ފްލައިޓް ފުރަނީ ޖޫން މަހުގެ 26 ވަނަ ދުވަހުގަ އެވެ. ދެވަނަ ފްލައިޓް ފުރަނީ ޖޫން މަހުގެ 29 ވަނަ ދުވަހުގަ އެވެ. އަދި އެންމެ ފަހު ފްލައިޓް ޖުލައި މަހުގެ ދެވަނަ ދުވަހުގަ އެވެ.
ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އޮތީ ޖުލައި މަހުގެ 20 ވަނަ ދުވަހުގަ އެވެ. ދެވަނަ ފްލައިޓް އޮތީ ޖުލައި މަހުގެ 23 ވަނަ ދުވަހުގަ އެވެ. އަދި ފަހު ފްލައިޓް އޮތީ ޖުލައި މަހުގެ 27 ވަނަ ދުވަހުގަ އެވެ.
"ހުރިހާ ބޭފުޅުން ވެސް ވަޑައިގަންނަވާނީ ޖިއްދާ މަގުން. ޖިއްދާއިން މައްކާއަށް. މައްކާގައި ތިއްބަވާފައި، ހައްޖުގެ އަޅުކަން ނިންމާފައި، ދެން މަދީނާއަށް ޒިޔާރަތް ކުރާ ގޮތަށް. މަދީނާއިން ޖިއްދާއަށް އައިސް ރާއްޖެއަށް ފުރައިގެން އަންނާނީ،" އިސްމާއީލް ހަމީދު ތަފްސީލްކޮށްދެއްވި އެވެ.

އިސްމާއީލް ހަމީދު ވިދާޅުވި ގޮތުގައި ސައުދީގެ އެތެރޭގެ ދަތުރުތަކާއި ދިވެހިން ތިބޭނެ ހޮޓެލާއި، ކެއިންބުއިންތަކުގެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ.
"މީގެ ކުރީ އަހަރުތަކުގައި ވެސް ހަމަޖެއްސީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުން ހިނގާފައި މައްކާގެ ހަރަމްފުޅަށް ދެވޭހާ ކައިރި ހޮޓަލެއް، މި ފަހަރު އެއަށް ވުރެ ވެސް ކައިރި ވާނެ،" އިންތިޒާމުތަކާ ގުޅޭ ގޮތުން އިސްމާއީލް ހަމީދު ވިދާޅުވި އެވެ.
ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. އަނެއް 100 ކޯޓާ އާންމުކޮށް ހުޅުވާލީ އެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީ ވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. އަމިއްލަ ކުންފުނިތަކަށް އެހެން ފަހަރުތަކުގައި ފުރުސަތު ދިނަސް މި ފަހަރު ފުރުސަތެއް ނުދެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރު އެ ކަމަށް ހުޅުވާލައި ފުރުސަތު ދޭން ވަގުތު ނުލިބޭ ކަމަށެވެ. ކޯޓާ ކަނޑައެޅުމަށް ފަހު ސައުދީ ސަރުކާރުން އެންގީ ހައްޖުގެ އަޅުކަމަށް ގާތްގަނޑަކަށް މަސް ދުވަސް ވެފައިވަނިކޮށެވެ.












