ލަންޑަން (ޖޫން 17) - އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އާސެނަލުން ވަނީ ޕޯޓޯގެ މިޑްފީލްޑަރު ފަބިއޯ ވިއޭރާ ސޮއިކުރުމާ ގާތަށް ޖެހިލާފައިވާއިރު، އާސެނަލުން ފޯވާޑެއް ހޯދަން ކުރާ މަސައްކަތުގައި މެންޗެސްޓާ ސިޓީގެ ގަބްރިއެލް ޖީސޫސް އާއި ނަޕޯލީގެ ވިކްޓަ އޮސީމެއިން އަށް ފާރަލާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕޯޓޯ އަށް ކުޅެމުން އަންނަ 22 އަހަރުގެ ވިއޭރާ އާސެނަލަށް ވިއްކާލާނީ ފުރަތަމަ 32 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އާސެނަލްގައި އޭނާ ދައްކާ ކުޅުމަަށް ބެލުމަށް ފަހު އިތުުރު 15 މިލިއަން ޑޮލަރު ދައްކަން އާސެނަލުން އެއްބަސްވެފައިވާ ކަމަށް ވެސް ޕޯޗުގީސް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
އިނގިރޭސި ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ޕޯޓޯ މެދުތެރޭގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ވިއޭރާ އާސެނަލަށް ސޮއިކުރުމުގެ ކަންކަން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިމެނޭނެ އެވެ.
ޕޯޗުގަލްގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފައިވާ ވިއޭރާ އަކީ މިދިޔަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫރޯގެ މޮޅު ކުޅުންތެރިޔާ އެވެ.
އާސެނަލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔަގީނުން ވެސް ކުޅުންތެރިއަކު ހޯދަން ޖެހޭ މަގާމަކީ ފޯވާޑެވެ. އަލެކްސަންޑަ ލަކަޒޭޓް ވަނީ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި އާސެނަލް ދޫކޮށްލައިފަ އެވެ. އާސެނަލްގައި ދެން ހުރި ސީނިއާ ފޯވާޑް އެޑީ އެންކެޓިއޭ އަކީ ޒުވާން ކުޅުންތެރިއެއް ކަމަށްވާތީ، ޓީމުގެ މުޅި ފޯވާޑް ލައިން އޭނާ އަށް ބަރޯސާވެފައި ބާއްވަން އެ ކްލަބުން ބޭނުމެއް ނުވެ އެވެ.
އާ ފޯވާޑެއް ހޯދަން ކުރާ މަސައްކަތުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބޭނުންވަނީ އޭނާއާ އެކު ސިޓީގައި މަސައްކަތް ކުރި ޖީސޫސް ނޫނީ ނަޕޯލީގައި ތަފާތު ދައްކަމުން އަންނަ ނައިޖީރިއާ ގައުމީ ޓީމުގެ ވިކްޓަ އޮސީމެއިން ގަންނާށެވެ.
ސިޓީން ޖީސޫސް ވިއްކާ އަގު 55 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރާއިރު، ނަޕޯލީން އޮސީމެއިން ވިއްކާލަން ކިޔާ އަގު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އިޓަލީ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

އާސެނަލުން ހޯދަން މަސައްކަތްކުރާ ނަޕޯލީގެ އޮސީމެއިން (ކ) އާއި ސިޓީގެ ޖީސޫސް
ސިޓީން 62 މިލިއަން ޑޮލަރަށް އާލިން ބްރައުޓް ހާލަންޑްގެ ޑީލް ނިންމާފައިވާއިރު، އަންނަ ސީޒަނުގައި އެ ޓީމުގެ އެޓޭކްގައި ޖީސޫސްގެ ރޯލު ކުޑަވާނެ އެވެ. އެހެންވެ، އޭނާ ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވަރުގަދަ ޓީމެއްގެ އެޓޭކް ލީޑުކުރަން ދިއުމަށް ކަމަށް ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ފްރާންސްގެ ލިލް ދޫކޮށް، މީގެ ދެ އަހަރު ކުރިން ނަޕޯލީ އަށް އޮސީމެއިން، 23، ބަދަލުވިއިރު، 80 މިލިއަން ޑޮލަރުގެ ފީއެއް ދެއްކި އެވެ. އޮސީމެއިން ވަނީ މިހާތަނަށް ނަޕޯލީ އަށް އިޓާލިއަން ލީގުގައި ކުޅެދިން 51 މެޗުން 24 ގޯލު ޖަހައިފަ އެވެ.
އާސެނަލުން އަންނަނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގް، ކްރިސްޓޮފާ އެންކުންކޫ ގެންނަން ވެސް މަޝްވަރާ ކުރަމުންނެވެ. ލައިޕްޒިގުން އެންކުންކޫ ވިއްކާލަން ކިޔާ އަގު އުޅެނީ 120 މިލިއަން ޑޮލަރުގަ އެވެ.
ކުރިން ޕީއެސްޖީ އަށް ކުޅުނު އެންކުންކޫ، 24، މި ވަގުތު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގަ އެވެ. މިދިޔަ ސީޒަނުގައި ލައިޕްޒިގަށް ކުޅެދިން 50 މެޗުން 35 ގޯލު ޖަހައި، 19 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. އެންކުންކޫ ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ ދަނޑުގައި އެ ޓީމު ކޮޅަށް ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހަދައިފަ އެެވެ.












