ރޯމް (ޖޫން 15) - އިޓަލީގެ ރޯމާ އަށް ސޮއިކޮށް، ސާބިއާގެ މިޑްފީލްޑަރު ނަމާންޏާ މަޓިޗް، ތިން ވަނަ ކްލަބެއްގައި ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ކުޅެން ނިންމައިފި އެވެ.
މީގެ ކުރިިން މަޓިޗް، 33، ވަނީ މޮރީނިއޯގެ ކޯޗުކަމުގައި ކުޅެމުން އައި ޗެލްސީ އަށް 2014 ވަނަ އަހަރު ބަދަލުވެފަ އެވެ. އޭގެ ތިން އަހަރު ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ހުރެ، މޮރީނިއޯ ވަނީ މަޓިޗް އެ ޓީމަށް ގެނެސްފަ އެވެ. މަޓިޗް، އިއްޔެ ވަނީ މޮރީނިއޯ މިހާރު އިރުޝާދުދެމުން އަންނަ ރޯމާ އަށް އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
މަޓިޗް، އެންމެ ފުރަތަަމަ 2011 ވަނަ އަހަރު ޗެލްސީން ބެންފީކާ އަށް ދޫކޮށްލީ ޑޭވިޑް ލުއިޒް ގަތް ޑީލްގެ ތެރެއިންނެވެ. އެކަމަކު، 2014 ވަނަ އަހަރު މޮރީނިއޯ ވަނީ ބެންފީކާ އަށް 27 މިލިއަން ޑޮލަރު ދީފައި މަޓިޗް އަލުން ޗެލްސީ އަށް ގަނެފަ އެވެ. މޮރީނިއޯ ޔުނައިޓެޑްގައި ހުރެ، އެ ޓީމަށް 2017 ވަނަ އަަހަރު މަޓިޗް ގަތީ، ޖުމްލަ އެކު 40 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެކަމަކު، މޮރީނިއޯގެ ރޯމާ އިން މި ފަހަރު މަޓިޗް ގެނައީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ރޯމާ އަށް ސޮއިކުރުމަށް ފަހު މަޓިޗް އެ ޓީމުގެ ޖޯޒީ ދައްކާލަނީ
"މޮރީނިއޯއާ އެކު މިއީ އަހަރެން މަސައްކަތް ކުރާ ތިން ވަނަ ކްލަބް. މޮރީނިއޯއާ އެކު މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު، އަހަރެން އަބަދުވެސް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކަންތައްތަކެއް ދަސްކޮށް ކާމިޔާބު ހޯދަން ބަލާއިރު، މޮރީނިއޯގެ ހިއްސާ ވަރަށް ބޮޑު. އެއީ ރޯމާ އަށް ވެސް ބަދަލުވި ސަބަބަކީ،" މަޓިޗް ބުންޏެވެ.
މަޓިޗާ އެކު މެންޗެސްޓާ ޔުނައިޓެޑްގައި ކުޅުނު އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އާއި އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިންގެ އިތުރުން މަޓިޗް ޗެލްސީއަށް ކުޅުނުއިރު، އޭރު އެ ކްލަބްގެ ޔޫތު ޓީމުގައި ހުރި ފޯވާޑް ޓެމީ އަބްރަހަމް ކުޅެމުން އަންނަނީ ރޯމާ އަށެވެ.
އެކަމަކު، މީގެ ތެރެއިން މިކިތާރްޔަން ހިލޭ ޓްރާންސްފާއެއްގައި އިންޓަ މިލާނަށް ބަދަލުވުމާ ގާތުގައި ހުރިއިރު، ޓެމީ އަބްރަހަމް ހޯދަން އިނގިރޭސި ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.މ












