އޮގަސްޓް މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ރާއްޖޭގައި ފިޓްނަސް އިންޑަސްޓްރީގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ، ހީޓްގެ ސީއީއޯ އައިޝަތު ޝިފާނާ ވަޖީހު ހަމަޖައްސައިފި އެވެ.
ޝިފާނާ އަކީ ބައިނަލްއަގުވާމީ މި ލެވަލްގެ ގޭމްސްއެއްގައި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަންކަން ޒިންމާ އުފުލާނެ ފުރަތަމަ އަންހެން މެމްބަރެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އޮތީ އޮގަސްޓް 8-18 އަށް ތުރުކީގެ ކޮންޏާގަ އެވެ. މިއީ ރާއްޖޭން މި ގޭމްސްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ.
ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް އެކި ފޯރަމްތަކުގައި އިސް މަސައްކަތްތަކެއް ކޮށްފައިވާ ޝިފާނާގެ ފަރާތުން ރާއްޖޭގެ އެތުލީޓުންނަށް އެކި ގޮތްގޮތުން މީގެ ކުރިން ވެސް ފައިދާތަކެއް ކޮށްފައިވެ އެވެ. މި ފަހަރު ބައިނަލްއަގުވާމީ ގޭމްސްއެއްްގައި ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ހުރެ، ޝިފާނާ އަމިއްލަ ތަޖުރިބާގައި ވެސް އެތުލީޓުންނަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެފައިވެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސް މެމްބަރުންނާއި ޝިފާނާ ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ޝިފާނާގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ހުރިހާ އެތުލީޓުންނަށް މި ގޭމްސްގައި ބޭނުންވާ ކަންކަން ހަމަޖެއްސުމެވެ. އެ ގޮތުން ހުރުމުގެ އިންތިޒާމްތަކާއި، ދަތުރުކުރުމުގެ ކަންކަން ބަލަހައްޓައި އެކަންކަން ހަމަޖެއްސުމުގައި މުބާރާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނެ އެކަކަކީ ޝިފާނާ އެވެ.
ފިޓްނަސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ޝިފާނާގެ ފިޓްނަސް ކަންކަމަށް ހާއްސަ ބްރޭންޑް، ހީޓް އެމްވީ ހުޅުވީ 2002 ވަނަ އަހަރު އެވެ. ފާއިތުވި 20 ވަރަކަށް އަހަރު ތެރޭ ޝިފާނާ ވަނީ ކަސްރަތުގެ ކަންކަމުގެ ތެރެއިން މީހުން ބިނާކުރުމުގެ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އޮލިމްޕިކް ކޮމިޓީން އިއުލާނުކޮށްފައިވާ ގޮތުގައި ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވަނީ ހަތަރު ކުޅިވަރުގަ އެވެ. އެއީ ބާސްކެޓްބޯޅަ، ސްވިމިން، އެތުލެޓިކްސް އަދި ޓޭބަލް ޓެނިސް (ޓީޓީ) އެވެ. މިއީ ރާއްޖޭން ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު އަޒަރުބައިޖާންގެ ބަކޫގައި ހޯސްޓް ކުރި ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ބައިވެރިވި އެވެ.
ރާއްޖޭން މި އަހަރު ބައިވެރިވާ ގޮތަށް ޝެޑިއުލްގައި އޮތް ފަސް ގޭމްސްގެ ތެރެއިން ތިން ގޭމްސްއެއް ވަނީ މި އަހަރުގެ ތާވަލުން އުނިވެފަ އެވެ. އެ ގޮތުން ރަޝިއާގެ ވްލަޑިވޮސްޓޯކްގައި އޮތް ޗިލްޑްރެން އޮފް އޭޝިއަން ގޭމްސްގައި ބައިވެރިނުވާއިރު، ސެޕްޓެމްބަރު މަހު ޗައިނާގައި ބާއްވަން އޮތް އޭޝިއަން ގޭމްސް ފަސްކޮށްފައިވާއިރު، ޑިސެމްބަރު މަހު ޗައިނާ އިން ހޯސްޓްކުރާ ގޮތަށް އޮތް އޭޝިއަން ޔޫތު ގޭމްސް ވަނީ ކެންސަލްކޮށްފަ އެވެ.
މި އަހަރު ރާއްޖޭން ބައިވެރިވާނެ އަނެއް ގޭމްސް އަކީ އަންނަ މަހު 28 އިން އޮގަސްޓް އަށް ވަނަ ދުވަހާ ހަމައަށް އިންގްލެންޑްގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް އެވެ. މެދުކެނޑުމަކަށް ފަހު ރާއްޖޭން ވާދަކުރާ ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ހަމަޖައްސާފައިވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ.












