މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ފުލުހުންނާ ގުޅިގެން މަގުމަތީގެ ރައްކާތެރި ކަމުގެ އެއްބަސް ވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
ޝީޝާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ހުޝާމެވެ. އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖާ އިބްރާހީމް ފިރުޝާނެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ގަވާއިދާ ހިލާފަށް މަގުމަތީގައި ސައިކަލު ދުއްވުމުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ދުއްވާ މީހާއަށް ނޫން ކަމަށާއި ގަވާއިދާ އެއްގޮތަށް ދުއްވާ މީހާއަށްވެސް އެކަމުގެ ގެއްލުންވާ ކަމަށެވެ.
"މީގެކުރިން ޓްރެފިކް ފުލުހުން މަގުމަތިން ހުއްޓުވި ކޮންމެ ތިން ސައިކަލަކުން އެއް ސައިކަލަކީ ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ކަމަށް،" މަންނާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މުޅި ރާއްޖެއަށް ރައްކާގެ ޕްރޮގްރާމްތައް ހުޅުވާލާނެ ކަމަށާއި އެކްސިޑެންޓްތައް ސުމަކަށް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

"ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ގަވާއިދުތަކާ އެއްގޮތަށް ގިނަ މީހުން މަގުމަތި ބޭނުން ކުރާ ނަމަވެސް މަގުމަތީގެ ރައްކާތެރިކަމަށް ގިނަމީހުން ސަމާލުކަން ނުދޭ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި މަގުތަކުގައި ގިނަ އަދަދެއްގެ ބަސް ދުއްވާނެ. އަދި މަގުތަކުގައި ބަސް ދުއްވާ ވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެ. އެކަމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ މަގުތައް ބްލޮކްވެ އެތައް ބައެއްގެ އަގުހުރި ވަގުތުތަކެއް ގެއްލިގެންދާނެ،" އާޒިމް ވިދާޅުވި އެވެ.
އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާން ވިދާޅުވީ ރައްކާ ރޯޑް ސޭފްޓީ ޕްރޮގްރާމްގައި އެލައިޑުން ފާއިތުވި ހަ އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކޮންމެ މީހަކުވެސް ކަށަވަރު ކުރަންޖެހޭ ކަމަށާއި، އެއީ ފުރާނައާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.

އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ފުލުހުންނާއެކު ސޮއި ކުރަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
"ބަލަންވާ ވަރަށް ނުބަލައި މަގުމަތީގައި ދުއްވުމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބިފަ އެބަހުރި. އެހެން ކަމުން އެންމެން ރައްކާތެރިވާންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ރޯޑް ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒްހާން، އެމްޓީސީސީ، ޝީޝާ، އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސް މުވައްޒަފުންނާ އަދި ރޯޑް ޕޮލސްގެ މުވައްޒަފުން ބައިވެރިވި އެވެ.












