އެކި ދާއިރާތަކުން ދިރާސާ ހެދުމަށް ވިލާ ކޮލެޖާއި ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީ އިން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށްޓަކައި އެއްބާރުލުން ދިނުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީން ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި އެމްޑަބްލިޔޫއެސްސީއާ ގުޅުންހުރި ދާއިރާތައް ޝައުގުވެރިވާ ދަރިވަނުންނަށް ފުޅާ ދާއިރާއެއްގައި ދިރާސާއްކޮށް، ހޭލުންތެރިކޮށް އެކަމުގެ މައުލޫމާތު ބޭނުންވާ ފަރާތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ އެވެ.
ދިރާސާތައް ހެދުމަށް މާލީ އެހީތެރިކަން ވެސް އެމްޑަބްލިޔޫއެސްއީސް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ފާހަގަކޮށްލެވޭ ރަނގަޅު ދިރާސާތައް އެ ކުންފުނީގެ ރިސާޗް ކޮންފަރެންސްއަށް ހުށަހެޅުމުގެ ފުރުސަތު ދަރިވަރުންނަށް ދޭނެ ދޭނެ ކަމަށް އެމްޑަބްލިޔޫއެސްސީ އިން ބުންޏެވެ.
ވިލާ ކޮލެޖްގެ ރެކްޓަ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ދިރާސާކުރުމުގެ ދާއިރާގައި ވިލާ ކޮލެޖް އެންމެ ކުރީގައި އަބަދުވެސް އޮތުމަށް ބޭނުންވާ ކަމަށާއި އެމްޑަބްލިޔޫއެސްސީއާއެކު ވެވުނު އެއްބަސްވުމަކީ އެކަމަށް ހުޅުވުނު އިތުރު ފުރުސަތެއް ކަމަށެވެ.
އެމްޑަބްލިޔޫއެސްއީ ބުނި ގޮތުގައި އެ ކުންފުނީގެ އުއްމީދަކީ ރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާ އިތުރަށް ފުޅާވެ، ތަރައްގީވެ، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، އިލްމީ ހޯދުންތައް ހޯދުމުގައި އާ ގޮތްތައް ތައާރަފުވުމެވެ.













