އިހު ޒަމާނުގައި ހުކުރަށް ދިއުމާއި، ހުކުރު އަޅައިފި ނަމަ ލިބޭ އަދަބު

އިހު ޒަމާނުގައި ހުކުރަށް ދިއުމާއި، ހުކުރު އަޅައިފި ނަމަ ލިބޭ އަދަބު

މުސްލިމުންނަށް އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ޒަމާނުންސުރެ ދިވެހިން ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެ ދުވަހަކަށް އެންމެ އިހުތިރާމް ކުރާ އެންމެ ބޮޑަށް ތައްޔާރުވާ އެއްދުވަހަކީވެސް ހުކުރު ދުވަހެވެ.

ދިވެހިންނަކީ ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރާ ކަނޑުމަތީގެ ބައެކެވެ. ދަތުރު ކުރުން ގިނަ، އަޅާ އޮޔަށާއި ޖެހޭ ވަޔަށް ބަލައިގެން ދަތުރުތައް ރާވާ ބައެކެވެ. މި ގޮތުން ގިނަ ދަތުރުތައް، ހުކުރަށް ރަށަށް އާދެވޭނޭ ގޮތަށް ކޮށްއުޅެ އެވެ. ފަހަރެއްގައި މުހުތާދަކު ޖެހުނަސް ހިކިފަސްތާކު ތިބެ ހުކުރު ދުވަހު ހުކުރު ކުރިއަކުން ނުފުރާނެ އެވެ. ހުކުރު ވިލޭރެ އާއި ހުކުރު ދުވަހު، ހުކުރު ކުރިން އަމުދުން މަހަށް ފަރަކަށް ނުފުރާނެ އެވެ.

ހުކުރު ދުވަހު ކުރާ މަސައްކަތްތައް ހުކުރަށް ދާން ތައްޔާރުމުގެ ގޮތުން ފުންމާ ސަންގު (ފެންސަންގު) ފުންމުމުގެ ކުރިން ނިންމަ އެވެ. މީގެ އިތުރުން ފިރިހެނުން ބޯކޮށައި ތުނބުޅިމަތިމަސް ބާލާ ތާހިރު ވެ އެވެ. އެއަށްފަހު ގޭގައި އުޅޭ ކުދިވެރިން ގޮވައިގެން ހުކުރަށް ދާން ފެންވަރަން މޫދަށްދެ އެވެ. ވެރިންގެ ފަރާތުން ހުކުރަށް ދާން ތައްޔާރު ވުމުގެ ގޮތުން ފުންމާ ސަންގު ފުންމުމުން އެއްގަމަށް އަރާ ގެއަށް އާދެ އެވެ.

އިހުގައި މިސްކިތް ހުންނަނީ އަވަށާ މާދުރު ހިސާބެއްގަ އެވެ. މިސްކިތަށް ހިނގާ މަގު ހަދާފައި އޮންނަނީ ނަންނުގަތި ދުވުމަށެވެ. މެންދުރު ގަޑިއަށް މަގުމަތީގައި ހުންނަ ހިމުން ވެލިތައް ހުންނާނީ ދޮންވެ، ފައި ޖައްސާލާން ނުކެރޭ ވަރު ވެފަ އެވެ. އެހެންކަމުން ހުކުރަށް ދާ ބައެއް މީހުން އެމީހުންގެ ފައިގައި ބަނބުކެޔޮ ފަތް އޮޅާ ވާ ކޮޅަކުން އައްސައިގެން ބޫޓެއް ފަދައިން ބޭނުން ކުރެއެވެ. އަނެއް ބަޔަކު ގަދަ އަވިން ސަލާމަތް ވުމަށްޓަކައި ކުޑައިގެ ގޮތުގައި ބޮޑެތި އަލަފަތް ބޭނުން ކުރެ އެވެ.

ކޮންމެ މީހަކުގެ ހުކުރު ހެދުމެއް އޮވެ އެވެ. މި ހެދުން ހުކުރު ދުވަހު ނޫނީ ފޮށިން ވެސް ނުނަގަ އެވެ. ހުކުރު ދުވަހު ފޮށިން ނަގާ އެ ހެދުމުގައި މީރުވަސް ދުއްވުމަށް މައު އަޅަ އެވެ. ނުވަތަ ކޮންމެވެސް ހުވަނދެއްލަ އެވެ. ހުކުރުން ފައިބައިގެން ގެއަށް އާދެވުމާއެކު އެންމެ އިސްކަމެއް ދޭނީ ހުކުރު ހެދުން ބޭލުމެވެ. ހެދުން ބޭލުމަށް ފަހު އަވީލާ ހިޔާ ޖެހުމުގެ ކުރިން ނަގާ ފަތްޖެހުމަށް ފަހު ފޮށްޓަށްލަ އެވެ. މިކަމަށް ނިސްބަތްކޮށް ބުނެއުޅޭ މިސާލު ބަހެއް އޮވެއެވެ. “އިރުވައި ވިއްސާރައެކޭ ހުކުރު ހެދުމެކޭ އެއްގޮތެވެ.”

ހުކުރު ވަގުތު ވުމުން ސަންގު ފުންމުމުގެ ކުރިން ގިނަ މީހުން ހުކުރަށް ދެއެވެ. މިސްކިތަށް ގޮސް ހުތުބާ ފެށެންދެން، ކަހުފު ސޫރަތް ނުވަތަ ކޮންމެވެސް ޒިކުރެއް ކިޔުމުގައި ދެމިތިބެ އެވެ. މިސްކިތަށް މީހުން ވަންނަ ވަރުން ސާޅީސް ހަމަ ވޭތޯ މުދިމު ގުނަ އެވެ. ޖަމާއަތުގައި ސާޅީސް ހަމަނުވަނީސް ހުކުރެއް ނުކުރެވޭނެ އެވެ. ސާޅީސް ފިރިހެނުން ހަމަނުވެއްޖެނަމަ މުދިންމީހާ އަވަށަށް އައިސް ގޭގެއަށް ވަދެ މީހުން ހޯދަ އެވެ. މި ގޮތަށް މީހުން ގެންގޮސްގެން ވެސް ހުކުރު ކުރެ އެވެ.

ހުކުރުކޮށް ނިމުމުން ސުންނަތްކޮށް ޞަލަވާތް ކިޔެވުމަށްފަހު ނޫނީ ކުޑަކުއްޖަކު ވެސް މިސްކިތަކުން ނުފައިބާނެ އެވެ. ހުކުރުން ފޭބުމާއެކު ނައިބުގެއިން ފޮނުވާ މީހަކު ދުއްރަ ހިފައިގެން ހުކުރު ހެދުމުގައި ރަށުގައި ހިނގަ އެވެ. ހުކުރަށް ނުދާ މީހަކު ފެނިއްޖެނަމަ އެމީހަކާ ސުވާލުކޮށް ނުދިޔަ ސަބަބު ބަލާ ފަސް އެތިފަހަރުން ތަޢުޒީރު ކުރެ އެވެ.

މިސްކިތުގައި މީހުން އަރައިތިބޭއިރު ދޮރުން ފެށިގެން ވަދެގެން ދެވޭ ގޮތަށް މެދުގައި މަގެއް ބާއްވަ އެވެ. ސާޅީސް މީހުން ހަމަވުމުން، މުދިމުކަލޭގެ ޚަޠީބު މީހާގެ ގޭދޮށަށް ގޮސް މީހުން ހަމަވި ކަމުގައި ދަންނަވަ އެވެ. ދެން ޚަޠީބު މިސްކިތަށް ދުރުވުމުން މުދިމު ސަލާމް ގޮވާލައްވައި، މުދިމުގެ ފަހަތުގައި ހުންނަވާ ކުރިޔަށް ހިންގަވައި މިންބަރަށް އެރުއްވުމުން މުދިމު ބަންގި ގޮވާލައްވަ އެވެ. އެއަށްފަހު މީސްތަކުންނާ ކުރިމަތިލައްވާ ކަނާއަތް މޭގައި އަޅުއްވާ ހުކުރު ހަދީސް ކިޔުއްވާ، ލިޔެލާޖަހާފައި އޮތް އަސައެއް ދެއްވަ އެވެ. ހުތުބާ ކިޔުއްވަނީ މި އަސާ ހިއްޕަވައިގެން ހުންނަވަ އެވެ.

އެންމެ އިހުގައި ހުތުބާތައް ހުރީ އަރަބީންނެވެ. އެހެން ގައުމަތަކުގައި ލިޔެފައި ހުރި ހުތުބާތައް ވެސް ކިޔާ ކަމުގައިވެ އެވެ. ޒަމާންތަކާ އެކު ހުތުބާތައް ބަދަލުވަމުން އައިސް ލެޓިނުން ލިޔެފައިވާ ހުތުބާވެސް ކީ ޒަމާނެއް އައެވެ. މި ހުތުބާތައް ކިޔުނީ ވަރަށް ކޮށިކޮށް ވަރަށް ހާލުންނެވެ.

ހުކުރަށް ނުދެވިގެން ދުއްރައިން ފަސް އެތިފަހަރުން ތައުޒީރު ކުރެވުނު މީހަކާ އަޅުގަނޑާ ބައްދަލުވި އެވެ. އޭނާ ބުނުއްވި ގޮތުގައި ބުރާސްފަތި ދުވަހު މަކުނުދޫ އުތުރުން ނުލާހިކު ރަނގަޅަށް މަސް ބޭނުނެވެ. މަސް ބާނައިގެން ރަށަށް އަންނަން މިސްރާބު ޖެހިއިރު ވިއްސާރަ ހަދައިފި އެވެ. ވައި ގަދަވެ ވިދާގުގުރަން ފަށައިފި އެވެ. ވިއްސާރައިގައިޖެހި އެގޮތް މިގޮތުން މަކުނުދޫ އަތުވި އެވެ. ވިއްސާރަ މައިތިރި ވުމުން ދަތުރުކޮށް ރަށަށް އާދެވުނީ ހުކުރު ދުވަހު މެންދުރު ފަހު އެވެ. އެ ދުވަހު ރަށަށް އައުމުން ހުކުރަށް ރަށަށް ނާދެވިގެން ފަސް އެތިފަހަރުން ތައުޒީރު ކުރި އެވެ.

އެ ދުވަހަކީ މައުލޫދަށް ހަރުގެވެސް އެޅި ދުވަހެކެވެ. ހުކުރަށް ރަށަށް ނާދެވުމުން، ކޭން ކެއްކުމަށް ކާޑުގެއިން ދީއުޅޭ ބައިވެސް ނުދިނެވެ. ނައިބު އޮޑީގެ ކެޔޮޅެއް ކަމުގައިވާ، ކެނެރީގެ އަލީ އިބުރާހިމް މި ވާހަކަ ކިޔާދިނީ އަޅުގަނޑު ރަށްކޮޅު ފެންވަޅު ހޯދަން ދިއަ ދުވަހަކު އެ ހިސާބުން އެ ދެމަފިރިންނާ ބައްދަލުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox