މެޑްރިޑް (ޖޫން 7) - މޮނާކޯ އަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު، އައުރެލިން ޗުއަމެނީ، 105 މިލިއަން ޑޮލަރުގެ ފީއެއް ދިނުމަށް ފަހު ގަންނަން ރެއާލް މެޑްރިޑުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޗުއަމެނީ، 22، ގެ ސޮއި ހޯދަން ލިވަޕޫލާއި ޔުވެންޓަސް އިން މަސައްކަތް ކުރި އެވެ. އެކަމަކު، ޗުއަމެނީގެ ވިސްނުމަކީ އެންމެ ފުރަތަމަ ވެސް ޔޫރަޕްގެ ޗެމްޕިއަން، ރެއާލާ ގުޅޭށެވެ. ރިޕޯޓްތައް ބުނާގޮތުން ޗުއަމެނީ އަށް ރެއާލުން ފުރަތަމަ 105 މިލިއަން ޑޮލަރު ދިނުމަށް ފަހު، އޭނާ އެ ޓީމުގައި ދައްކާ ކުޅުމަށް ބެލުމަށް ފަހު، އިތުރު 30 މިލިއަން ޑޮލަރު ދޭން ރެއާލުން ކޮންޓްރެކްޓްގައި ހިމަނާނެ އެވެ.
ރެއާލުން ޗުއަމެނީ ގަންނަން ނިންމިއިރު، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ޕައުލް ޕޮގްބާ، އެ ކްލަބްގެ ކޮންޓްރެކްޓް ފުރިހަމަކޮށް އެ ޓީމު ދޫކޮށްލައި، ރެއާލާ ގުޅެން ބޭނުންވި އެވެ. އެކަމަކު، ރެއާލުން ޕޮގްބާގެ ބަދަލުގައި މުސްތަގުބަލަށް ކުރާ އިންވެސްޓެއްގެ ގޮތުގައި ގަތީ ޗުއަމެނީ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ހޯދާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުުތު އެމްބާޕޭ ނިންމީ ޕީއެސްޖީގައި މަޑުކުރާށެވެ.

ފްރާންސް ގައުމީ ޓީމުގެ ކޭމްޕްގެ ތެރެއިން އެމްބާޕޭ (ކ) ޗުއަމެނީ (މ) އަދި ބެންޒެމާ.--- ފޮޓޯ: އޭއެފްޕީ
ރެއާލްގެ ދުވަސްވީ މިޑްފީލްޑް ލައިން ޒުވާން ކުރަން ކުރާ މަސައްކަތުގައި އެ ކްލަބުން މީގެ ކުރިން ވެސް ވަނީ ފްރާންސްގެ ހުނަރުވެެރި މިޑްފީލްޑަރު، އެޑޮއާޑޯ ކަމަވިންގާގެ ސޮއި ހޯދައިފަ އެވެ.
މި ފަހަރު ޗުއަމެނީ ގެންނަން ރެއާލުން ނިންމިއިރު، މިއީ ރެއާލްގެ މުސްތަގުބަލަށް ކުރާއިރު، ކުރެވޭ ރަނގަޅު އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. މިދިޔަ ސީޒަނުގައި ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު، ޗުއަމެނީ ކުޅޭ މަގާމުގައި އެންމެ ރަނގަޅަށް ކުޅުނު ފަސް ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ.
ފްރާންސްގެ ކްލަބް، ބޯޑޯ ދޫކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު މޮނާކޯ އަށް ބަދަލުވި ޗުއަމެނީ ވަނީ ފްރާންސްގެ ހަ އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި ފަހަކަށް އައިސް ރެއާލްގެ ސީނިއާ ގައުމީ ޓީމުގެ މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ޗުއަމެނީ ކުޅެމުން އަންނަ މެޗުތަކުގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.












