ޕެރިސް (ޖޫން 5) - އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތް ކުރިކަމަށް ފްރާންސް އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ނުކުރަން ނިންމައިފި އެވެ.
އަންހެނަކާއި ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުން ކޮށްގެން އޭނާ އަށް ބިރު ދައްކައި ލާރި ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތު އެންމެ ފުރަތަމަ ބެންޒެމާ އާއި އިތުރު ފަސް މީހެއްގެ މައްޗަށް ކުރީ 2015 ވަނަ އަހަރު އެވެ. އޭރު ވަރަށް ގަދަޔަށް އެ ވާހަކަތައް ދެކެވި ބެންޒެމާ ފްރާންސް ގައުމީ ޓީމުން ބާކީކުރި ނަަމަވެސް ރަސްމީ ހައިސިއްޔަތަކުން މައްސަލަ އެންމެ ފުރަތަމަ ނުބަލަ އެވެ.
އެ މައްސަލަ ހަ އަހަރު ފަހުން ބަލައި، މިދިޔަ އަހަރު ނޮވެމްބަރު މަހު ނިންމީ ބެންޒެމާ، 34، އަށް އެއް އަހަރުގެ ޖަލު ހުުކުމެއް އިއްވައި، އޭނާ 84000 ޑޮލަރުން ޖޫރިމަނާ ކުރުމަށެެވެ. މި މައްސަލައިގައި ޖަލު ހުކުމް ތަންފީޒްކުރަން ޖެހޭނީ އެ ކުށް ދެ ވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ އެވެ. އެހެން ނޫން ނަމަ ޖޫރިމަނާ ދައްކައިގެން ސަލާމަތްވާނެ އެވެ.
ބެންޒެމާގެ ވަކީލު ހިއުގުއޭސް ވިގިއޭ، ފްރާންސްގެ ނޫހަކަަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކޯޓުން އިއްވާފައިވާ ހުކުމްގެ މައްސަލަ އިސްތިއުނާފަށް ނުލާނެ ކަމަށެވެ. ސަބަބަކީ މިހާ ތަނަށް ވެސް އެ މައްސަލަ ދިގުލައި ގޮސް ބެންޒެމާގެ ގިނަ ހައްގުތަކެއް ގެއްލިފައިވާއިރު، ދެން މި މައްސަލަ އިތުރަށް ދިގުދައްމައިގެން، ވަގުތުތަކެއް ބޭކާރުކޮށްލަން ބޭނުންނުވާތީ އެވެ.
ވަލްބުއޭނާ އަށް ބްލެކްމެއިލް ކުރި މައްސަލައިގައި ހައެއްކަ އަހަރުގެ މުއްދަތަށް ފްރާންސް ގައުމީ ޓީމުން ބެންޒެމާ ބާކީކުރި އެވެ. އޭނާ ފްރާންސް ޓީމަށް އެނބުރި އައީ މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އޭގެ ފަހުން ގަވާއިދުން ފްރާންސް ޓީމަށް ކުޅެމުން އަންނަ ބެންޒެމާ އަކީ މި އަހަރު ފްރާންސް ފުޓްބޯލް އިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދާނެ ކަމަށް ބެލެވޭ ކުޅުންތެރިޔާ އެެވެ.
ބެންޒެމާ ވަނީ މި ސީޒަނުގައި ރެއާލް މެޑްރިޑާއި ފްރާންސަށް ޖުމްލަ 50 ގޯލު ޖަހައިދީފަ އެވެ. ފްރާންސާ އެކު މިދިޔަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކުރި ބެންޒެމާ ވަނީ މި ފަހަރު ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވެފަ އެވެ.












