ގދ. މަޑަވެލި އަދި ހޯޑެއްދޫއަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން ސެލްފްސާވިސް ބޭންކިން ހިދުމަތް ދިނުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ވިދާޅުވީ މިއީ ރައްޔިތުން އެދިއެދި ތިބި ހިދުމަތެއް ކަމަށާއި މިކަމަށްޓަކައި އެމްއައިބީ އަށް ޝުކުރު ދަންނަވާކަމަށެވެ.
މަޑަވެލީގައި އެމްއައިބީއިން ގާއިމްކުރާ ސެލްފް ސާވިސް ހިދުމަތާ އެކު ރަށުގައި ތިބެ ފައިސާ ޖަމާކޮށް ނެގުމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެ އެވެ. އަދި މިހާރު ފައިސާ ނެގުމަށް އުފުލަން ޖެހޭ ތަކުލީފު ނިމުމަކަށް އައިސް ޖަމާނުކުރެވި ހުރި ފައިސާ ރައްކާތެރިކަމާ އެކު ބޭންކަށް ޖަމާކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
މަޑަވެލީގައި އެމްއައިބީ އިން ގާއިމް ކުރާ ސެލްފްސާވިސް ހިދުމަތް މަޑަވެއްޔާއި ކޯޒްވޭއަކުން ގުޅުވާފައިވާ ހޯޑެއްދޫގެ ރައްޔިތުންނަށް ވެސް ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ އެވެ. މީގެ ކުރިން މި ދެ ރަށުގައި އެއްވެސް ބޭންކަކުން ހިދުމަތެއް ނުދެ އެވެ.
"އަދަދު" ނޫހާ މަޑަވެލިން ވާހަކަ ދެއްކެވި ރައްޔިތުން ވަނީ މި ހިދުމަތް ޝުކުރުވެރި ކަމާ އެކު ބަލައިގަންނަ ކަމަށް ބުނެފަ އެވެ. އަދި މި ހިދުމަތް ފެށުމުން ގިނަ ދަތިތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
އެމްއައިބީ އިން އަންނަނީ އެ ބޭންކުގެ ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ބޭންކުން ވަނީ ދާދި ފަހުން ވަނީ ބ. އޭދަފުށީގައި ވެސް ފައިސާ ޖަމާކޮށް ނެގޭ އޭޓީއެމްއެއް ބަހައްޓާފަ އެވެ.









