ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރު ކުރުމަށާއި ގަސްކަރަ ހިމާޔަތް ކުރަން އެންވަޔަރަމެންޓް މިނިސްޓްރީން އާ ގަވާއިދެއް ނެރެފި އެވެ.
އަންނަ މަހުން ފެށިގެން އަމަލު ކުރަން ޖެހޭ ގޮތަށް އިއްޔެ ގެޒެޓްގައި ޝާއިއުކުރި ގަވާއިދުގައިގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފެހިކަން ހިމާޔަތްކުރުމުގެ އިތުރަށް ރުއްގަސް އިތުރަށް އިންދަން ހިތްވަރު ދިނުމެވެ.
ރުއްގަސް ކެނޑުމާއި އުފުރުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ އެ ނޫން ގޮތެއް ނެތިގެން ކޮންމެެހެން މުޖުތަމައުގެ ޒަރޫރީ ބޭނުމަކަށް ކަން ކަށަވަރު ކުރުމަކީ ވެސް އެ ގަވާއިދުގެ ބޭނުމެކެވެ.
ރާއްޖޭގެ ހުރި ދުވަސްވީ ރުއްގަސްތައް ހިމާޔަތް ކުރުމުގެ އިތުރަށް ލާމަރުކަޒީ އުސޫލަކުން ރުއްގަސް ކެނޑުމާއި އުފުރުމާއި ގެންދިއުން ބެލެހެއްޓުމަކީ ވެސް ގަވާއިދުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރުއްގަސް ކެނޑުމާއި އުފުރުން ހަރުކަށި ކުރުން
އެއްވެސް ރަށަކުން އާންމު ތަނެއްގައި ހެދިފައި ހުންނަ ރުއްގަސް ކެނޑޭނީ އަދި އުފުރައިގެން ގެންދެވޭނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ލިބިގެންނެވެ.

އެޗްޕީއޭގެ ހުއްދަ ހޯދުމަށް ފަހުގައި އެ ރުއްގަސް ކެނޑެނީ ވެސް ރުއްގަސް ހިމެނޭ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ މުވައްޒަފެއްގެ ހާޒިރުގައި އޭނާގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.
ފަޅުރަށަކުން ނުވަތަ އިގްތިސޯދީ, އިޖްތިމާއީ ބޭނުމަކަށް ދޫކޮށްފައިވާ ރަށަކުން ރުއްގަސް ކަނޑާނަމަ، ކެނޑޭނީ ގާނޫނީ ގޮތުން އެ ރަށެއް ހަވާލުކޮށްފައިވާ ފަރާތާއި އެ ރަށެއް ހިމެނޭ އަތޮޅު ކައުންސިލްގެ މުވައްޒަފެއްގެ ހާޒިރުގައި ކަމަށް ގަވާއިދުގައިވެ އެވެ.
މި ގޮތަށް ރުއްގަސް ކަނޑަން ވެސް ހުއްދަ ދެވޭނީ ކޮންމެހެން އެ ކަމެއް ކުރަން ޖެހޭ ނަމަ އެވެ. މިގޮތުން ގަހެއްގެ ގޮފިތަކާއި މޫތައް ބޮޑުވެ ދިގުވުމުގެ ސަބަބުން ކައިރި ގޯތިތަކާއި އިމާރާތްތަކަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ ހާލަތުގައި ރުއްގަސް ކެނޑުމުގެ ހުއްދަ ދޫކުރެވެ އެވެ.
ދަރުގެ ބޭނުމަށް ރުއްގަސް ކެނޑުމުގެ ހުއްދަ ދޫކުރަން ކައުންސިލްތަކަށް އެ ބާރު ވެސް ދީފައިވެ އެވެ. އެކަމަކު އެ ގޮތަށް ދޫކުރެވޭ ހުއްދަތައް ދަފުތަރުކޮށް ކޮންމެ އަހަރަކު ވެސް ދަފުތަރުގެ މައުލޫމާތު އީޕީއޭއަށް ފޮނުވަން ޖެހޭނެ އެވެ.
ދަރުގެ ބޭނުމަށް ވެސް ވަކިވަރަކަށް ދިގު މިން ހުންނަ ރުއްގަސް ކެނޑުން މަނާކޮށްފައިވެ އެވެ.
މިގޮތުން ކެނޑެނީ ރުކުގެ ބުޑުން ބިމާ ހަމައިން ފެށިގެން ރުކުގެ އެންމެ ތިރިއަށް ހުރި ފަނު ބުޑާ ހަމައަށް ހަ ފޫޓު ހުންނަ ނުވަތަ އެއަށް ވުރެ ދިގު ރުއް ކެނޑުން މަނަ އެވެ. އަދި ގަހުގެ ބުޑުގެ އެންމެ ތިރިން ފެށިގެން އެއް ފޫޓު އުސްމިނުގައި، ގަހުގެ ވަށަމިނުގައި 18 އިންޗި ހަމަވާ ގަސްގަސް ވެސް ކެނޑުން މަނަ އެވެ.

ފަސް ބާވަތެއްގެ ރުއްގަސް ކެނޑުން މަނާ
- ރަށުގެ ހޭޅިފަށުން އެންމެ ގޮނޑުދޮށުގައާއި ގޮނޑުދޮށުން އެއްގަމަށް 20 މީޓަރު ފުޅާ މިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުންނަ ގަސްތައް
- ހިމާޔަތް ކޮށްފައިވާ ރަށްރަށުގައި ހެދިފައިވާ ހުރިހާ ބާވަތެއްގެ ރުއްގަސް
- ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގައާއި އޭގެ ވަށައިގެންވާ 20 މީޓަރުގެ ފުޅާ މިނުގައި ހެދިފައި ހުރި ރުއްގަސްތައް
- ދިރޭތަކެތި ހިމާޔަތް ކުރުމުގެ ބޭނުމުގައި ގާނޫނީ ގޮތުން ހިމާޔަތް ކޮށްފައިވާ ހުރިހާ ބާވަތެއްގެ ގަސް
- ރާއްޖޭގައި ހުރި ނެތި ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި
50 އަހަރުވީ ގަސްތައް ހިމާޔަތް ކުރުން
މި އާ ގަވާއިދުގެ ދަށުން 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ކޮންމެ ގަހަކީ ހިމާޔަތްކޮށްފައިވާ ގަހެކެވެ. އެ ގަސްތައް ބެލެހެއްޓުމުގެ ޒިންމާ ވަނީ ކައުންސިލްތަކަށް މަތިކޮށްފަ އެވެ.
ދުވަސްވީ ގަސްގަހުގެ ދަފްތަރެއް ކައުންސިލްތަކުން އެކުލަވާލައި ބަލަހައްޓަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި ކޮންމެ އަހަރެއްގެ ޖެނުއަރީ 31 ގައި އެ ދަފްތަރު އީޕީއޭއަށް ފޮނުވަން ޖެހެ އެވެ.
ރިސޯޓްތަކާއި ސިނާއީ ރަށްރަށުން ވެސް އެ މައުލޫމާތު ކޮންމެ އަހަރެއްގެ ޖެނުއަރީ 31 ގައި އީޕީއޭއަށް ފޮނުވަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ކޮންމެ އަހަރެއްގެ މާޗު 1 ގެ ކުރިން އެ މައުލޫމާތުތައް އެއްކޮށް އީޕީއޭއިން ޝާއިއު ކުރަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ. ކައުންސިލްތަކާއި އީޕީއޭއިން އަބަދުވެސް އެ ދަފްތަރު އަދާ ހަމަކުރަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ގަވާއިދާ ހިލާފުވާނަމަ ބޮޑެތި ޖޫރިމަނާތަކެއް
1. ގަވާއިދުގައި ހުއްދަ ހޯދަން ޖެހޭ ކަމެއް ހުއްދަ ނުހޯދާ ކޮށްފި ނަމަ
- ފުރަތަމަ ފަހަރު 50،000 ރ. އިން ޖޫރިމަނާ
- ދެވަނަ ފަހަރު 100،000 ރ. އިން ޖޫރިމަނާ
- ތިންވަނަ ފަހަރުން ފެށިގެން 150،000 ރ. އިން ޖޫރިމަނާ
2. ވެއްޔާއެކު ރުއްގަސް ގެންގޮސްފިނަމަ އަދި ކޮންނަ ވަޅުގަނޑަށް ކުނި ލޮނު ވެލި އަޅައިފިނަމަ
- ފުރަތަމަ ފަހަރު 15،000 ރ. އިން ޖޫރިމަނާ
- ދެވަނަ ފަހަރު 50،000 ރ. އިން ޖޫރިމަނާ
- ތިންވަނަ ފަހަރުން ފެށިގެން 100،000 ރ. އިން ޖޫރިމަނާ
3. ގަވާއިދުގައި ބުނާ މައުލޫމާތުތައް މުއްދަތަށް ނުފޮނުވާނަމަ
- ފުރަތަމަ ފަހަރު 5،000 ރ. އިން ޖޫރިމަނާ
- ދެވަަނަ ފަހަރު 10،000 ރ. އިން ޖޫރިމަނާ
- ތިންވަނަ ފަހަރުން ފެށިގެން 15،000 ރ. އިން ޖޫރިމަނާ
4. ގަވާއިދާ ހިލާފަށް ކަނޑައިގެން ގެންދާ ރުއްގަސް ބަލައިގެންފިނަމަ
- ފުރަތަމަ ފަހަރު 50،000 ރ. އިން ޖޫރިމަނާ
- ދެވަނަ ފަހަރު 100،000 ރ. އިން ޖޫރިމަނާ
- ތިންވަނަ ފަހަރުން ފެށިގެން 150،000 ރ. އިން ޖޫރިމަނާ
މި ގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު ކުރިން އަމަލު ކުރަމުން ދިޔަ ދެ ގަވާއިދެއް އުވިގެން ދެ އެވެ. އެއީ ރުއްގަސް ކެނޑުމާއި އުފުރުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި 2006 އިން ފެށިގެން އަމަލު ކުރަމުން ދިޔަ ގަވާއިދާއި، ދުވަސްވީ ގަސްގަސް ހިމާޔަތް ކުރުމުގައި 2007 އިން ފެށިގެން އަމަލު ކުރަމުން ދިޔަ ގަވާއިދެވެ.













