ލަންޑަން (ޖޫން 4) - އާސެނަލާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިންމާލުމަށް ފަހު އަލެކްސަންޑަ ލަކަޒޭޓް، އެ ކްލަބް، ދޫކޮށް ފްރާންސްގެ އޮލިމްޕިކް ލިޔޯނާ އަލުން ގުޅެން ނިންމައިފި އެވެ.
އާސެނަލްގެ މިހާރުގެ ކެޕްޓަން ލަކަޒޭޓް އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު ކޮންޓްރެކްޓް އާ ކުރުމުގެ ވިސްނުމެއް އާސެނަލްގެ ނެތެވެ. އަނެއްކޮޅުން އާސެނަލުން އަންނަނީ މިހާރު އާ ފޯވާޑެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ފޯމު ގެއްލި ލަކަޒޭޓް އަށް ފަހަކަށް އައިސް އާސެނަލްގެ ފުރަތަމަ އެގާރައިން ވެސް ޖާގަ ނުލިބޭއިރު ނިމިދިޔަ ސީޒަނުގައި ޕްރިމިއަ ލީގުގައި އޭނާ ޖެހީ އެންމެ ހަތަރު ގޯލެވެ. ސީޒަންގެ ފަހު ކޮޅަށް ދިޔައިރު ލަކަޒޭޓް ބަދަލުގައި ކޯޗު މިކޭލް އާޓެޓާ ފުރުސަތު ދިނީ ޒުވާން ފޯވާޑް އެޑީ އެންކެޓިއާ އަށެވެ.
މީގެ ފަސް އަހަރު ކުރިން 46 މިލިއަން ޕައުންޑް (55 މިލިއަން ޑޮލަރު) އަށް އާސެނަލުން ލަކަޒޭޓް ގަތީ ފްރާންސްގެ ލިޔޯނުންނެވެ. މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެސް ލަކަޒޭޓް އަނބުރާ ގެންދިޔުމަށް އެ ކުލަބުން މަސައްކަތްކުރި ނަމަވެސް އެ ފަހަރު ކާމިޔާބުވާ ގޮތެއް ނުވި އެވެ. މިދިޔަ ސީޒަން ނިމުމާ އެކު ލިޔޯނުން އަނެއްކާވެސް މަޝްވަރާތައް ފެށި އެވެ.
އާސެނަލް ދޫކޮށް ލިޔޯންއާ ގުޅޭކަން ލަކަޒޭޓް މިހާރު ކަށަވަރު ކޮށްދީފައިވާއިރު، އާސެނަލުން ވެސް ވަނީ މިދިޔަ ފަސް އަހަރު ލަކަޒެޓް އެ ކުލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. ލަކަޒޭޓް ވަނީ ސޯޝަލް މީޑިއާގައި އާސެނަލްގެ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކޮށް ޕޯސްޓެއް ކޮށްފަ އެވެ.
ލަކަޒޭޓް ކުލަބު ދޫކޮށްލުމާ އެކު އާ ސީޒަނަށް އާސެނަލުން ފޯވާޑެއް ގަންނާނެކަން ވަނީ ޔަގީންވެފަ އެވެ. އެ ގޮތުން އާސެނަލުން ފާރަލަމުން އަންނަ ފޯވާޑުންގެ ތެރޭގައި ހިމެނެނީ މެންޗެސްޓާ ސިޓީގެ ގަބްރިއެލް ޖީސޫސް އާއި ބެންފީކާގެ ޑާވިން ނޫނޭޒް އެވެ. މީގެ އިތުރުން އެވަޓަންގެ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން އަކީ ވެސް އާސެނަލުން ފާރަލަމު އަންނަ ކުޅުންތެރިއެކެވެ.
އާސެނަލަށް އާ ކުޅުންތެރިން ހޯދަން ބަލާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން އެ ޓީމަށް ފުރުސަތު ލިބިފައިނެތުމެވެ. ލީގުގެ ފަހުކޮޅާ ހަމައަށް ދިޔައިިރު އާސެނަލަށް ގަދަ ހަތަރެއްގެ ފުރުސަތު އޮތީ ބޮޑުކޮށެވެ. ނަމަވެސް ފަހު ފަސް މެޗުގައި ނެރުނު ނަތީޖާތައް ގޯސްވެ، އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުނީ އެވެ.
މި ވަގުތު އާސެނަލްގައި ސީނިއާ ޓީމުގެ ފޯވާޑަކަށް ހުރީ އެޑީ އެންކެޓިއާ އެވެ. އޭނާ ކުލަބު ދޫކޮށްލަން ބޭނުންވެގެން އުޅުނު ނަމަވެސް އާސެނަލުން އަންނަނީ އެންކެޓިއާގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. މި ވަގުތަށް ކޮންޓްރެކްޓްގެ ކަންކަން މަޑު ޖެހިފައި އޮތީ އެންކެޓިއާ ބޭނުންވާ މުސާރަ ބޮޑުވުމުންނެވެ. އެންކެޓިއާ ބޭނުންވަނީ ހަފްތާ އަކު 100،000 ޕައުންޑުގެ މުސާރަ އެކެވެ. އެއީ މި ވަގުތު އާސެނަލް ޓީމުގައި ތިބި ބައެއް ސީނިއާ ގިނަ ކުޅުންތެރިންނަށް ލިބޭވަރަށް ވުރެ ބޮޑު މުސާރަ އެކެވެ.












