މެންޗެސްޓާ (ޖޫން 1) - ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާގެ ފުޓްބޯޅަ ކެރިއަރުގައި ދެ ވަނަ ފަހަރަށް ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލައިފި އެވެ.
ޔުނައިޓެޑްގެ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ޕޮގްބާ 2012 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވި ނަމަވެސް އެ އަހަރު ވަނީ ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.
ޕޮގްބާ، 29، ޔުނައިޓެޑާ އަލުން ގުޅުނީ 2016 ވަނަ އަހަރު، އޭރު ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. އެ އަގުގައި ޔުނައިޓެޑަށް ބަދަލުވެ، ޕޮގްބާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭތީ އިނގިރޭސި މީޑިއާގެ ފާޑުކިޔުން އަންނަނީ ކޮންމެ ސީޒަނަކު ޕޮގްބާ އަށް އަމާޒުވަމުންނެވެ. ޔުނައިޓެޑާ އެކު ޕޮގްބާ އަށް ހޯދުނީ 2017 ވަނަ އަހަރުގެ ލީގު ކަޕާއި ޔޫރޮޕާ ލީގެވެ.
މި މަހުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން މި ފަހަރު ވެސް އޭނާ ޔުނައިޓެޑް ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޔުނައިޓެޑުން މިއަދު ރަސްމީކޮށް ވަނީ ޕޮގްބާ އެ ޓީމާ އެކު ދެން ނުހުންނާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ޕޮގްބާ، މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ 27 މެޗެއްގައި ކުޅެފައިވާއިރު، އެންމެ ފަހު މެޗަކީ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގެ 10 ވަނަ މިނިޓްގައި އަނިޔާވެގެން ޕޮގްބާ ވަނީ ބަދަލުކޮށްފަ އެެވެ.
ޕޮގްބާ އަލުން ޔުވެންޓަސް އަށް
ޕޮގްބާ ހިލޭ ޓްރާންސްފާއެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އެ ޑީލް ކުރިއަށް ނުދިޔަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ ފުރަތަމަ ބޭނުންވީ ސިޓީގެ ހުށަހެޅުމަށް ފުރަގަސްދީ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ.
އެކަމަކު، ރެއާލްގެ ވިސްނުން ހުރީ ޕޮގްބާގެ ބަދަލުގައި، ޒުވާން މިޑްފީލްޑަރެއް ހޯދުމަށެެވެ. އެ ގޮތުން ރެއާލުން ވަނީ 100 މިިލިއަން ޑޮލަރަށް، މޮނާކޯގެ ޒުވާން މިޑްފީލްޑަރު، އައުރޭލިއަން ޗުއަމެނީގެ ޑީލް ނިންމަން މަޝްވަރާ ފަށައިފަ އެވެ.
އިޓަލީ އާއި އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ ދެން ފެންނާނީ ޔުވެންޓަސް އިންނެވެ. ޕޮގްބާ މިހާރު ވަނީ ޔުވެންޓަސްއާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ނިންމާފައި ކަމަށް އިޓަލީގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ކްލަބަށް ކުރިން ކުޅުނު މިޑްފީލްޑަރެއް ވަރަށް އަވަހަށް އެ ޓީމާ ގުޅޭނެ ކަމަށެވެ. އެއީ ޕޮގްބާ ތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަލެގްރީ ބުނީ ވަގުތު ޖެހުމުން މީޑިއާތަކަށް އެ ކުޅުންތެރިއަކުގެ ނަން އެނގޭނެ ކަމަށެވެ.
ޒުވާން އުމުރުގައި ޔުނައިޓެޑް ދޫކޮށްލައި މީގެ ކުރިން، ޔުވެންޓަސްއާ އެކު ކެރިއަރުގައި އާ އުސްމިނަކަށް ދިޔަ ޕޮގްބާ ވަނީ އެ ޓީމާ އެކު ޖެހިޖެހިގެން ހަތަރު ފަހަރު އިޓާލިއަން ލީގާއި އިޓާލިއަން ކަޕް (ކޮޕަ އިޓާލިއާ) ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.












