ރިޕޯޓުނޫސްވެރިންގެ ބައްދަލުވުމެއް ނެތްތާ 295 ދުވަސް: ރައީސްގެ ޖަވާބުތައް ބޭނުންވެފައި

ނޫސްވެރިންގެ ބައްދަލުވުމެއް ނެތްތާ 295 ދުވަސް: ރައީސްގެ ޖަވާބުތައް ބޭނުންވެފައި

އެމަނިކުފާނުގެ ދައުރަށް މިއަދު މިވީ 1،292 ދުވަސް. އެ ދުވަސްތަކުގެ ތެރޭގައި ރަސްމީ ސިފައެއްގައި ބޭއްވެވީ ނުވަ ޕްރެސް ކޮންފަރެންސް. އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ 295 މިވަނީ ވެފައި.

ނޫސްވެރިންގެ ބައްދަލުވުމެއް ނެތްތާ 295 ދުވަސް: ރައީސްގެ ޖަވާބުތައް ބޭނުންވެފައި

"ނޫސްވެރިންނާ ވަރަށް ކައިރިން މަސައްކަތް ކުރާ ސަރުކާރަކަށް އަޅުގަނޑުމެން ވާނަން،"

"މި ސަރުކާރު ވެގެން ދާނީ މައުލޫމާތު ހިއްސާކުރާ ސަރުކާރަކަށް. އިސްވެ އަޅުގަނޑުމެން ހާމަކުރާނަން،"

"ގާނޫނު އަސާސީގައި [ނޫސްވެރިކަމުގެ] ހައްގުތައް ލިބިދީފައި އޮތް އިރުގައި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު،"

މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އޭރުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އެކި ޕްލެޓްފޯމުތަކުގައި ރައްޔިތުންނާއި ނޫސްވެރިންނަށް ޔަގީން ކޮށްދެއްވި ކަންކަމެވެ.

އޭރު ވެރިކަމުގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ފެށުނީއްސުރެ ނޫސްވެރިންނާ ބީރައްޓެހި ސަރުކާރެކެވެ. ސިއްރު ކުރުމާއި ހާމަކަން ކުޑަ ސަރުކާރެކެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ލިބެނީ ހާލަކުން ފަހަރަކު އެވެ. ދައުލަތުގެ އެކި މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިކަމަށް ހުރަސްތައް އައިއިރު, ނޫސްވެރިކަން އޮތީ އަބުރުގެ ގާނޫނުން "އަނދަގޮނޑި"ގަ އެވެ.

އެތައް މިލިއަން ރުފިޔާއަކުން ޓީވީ ސްޓޭޝަންތައް ޖޫރިމަނާކުރި އެވެ. ނޫސްވެރިން ހައްޔަރުކޮށް ޖަލު ހުކުމް ވެސް އިއްވި އެވެ. ސަރުކާރުން ކުރާ ވައްކަމާއި ހިޔާނާތުގެ ވާހަކަ ދައްކާ ނޫސްވެރިންނަށް މަރުގެ އިންޒާރުތައް ދިޔައީ ދެމުންނެވެ. ރައީސް ޔާމީންގެ ވެރިކަން އެންމެ ބޮޑަށް ބަލިކަށިވެގެން ދިޔަ އެއް ސަބަބަކީ ވެސް ނޫސްވެރިކަމުގެ ކުރި މަރާލަން ދެމުންދިޔަ ހަމަލާތަކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ސޯލިހު ދެއްވި ޔަގީން ކަމަކީ އެކަންކަން ބަދަލުވެގެންދާނެ ކަމެވެ. އިސްވެ ރައްޔިތުންނަށް މައުލޫމާތު ހާމަކުރާނީ ސަރުކާރުން ކަމަށް ވިދާޅުވި އެވެ. ނޫސްވެރިންނާއި ކައިރިން މަސައްކަތްކޮށް މައުލޫމާތު ހިއްސާކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި، ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ހުޅުވިފައިވާ ސަރުކާރެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ދައުރަށް މިއަދު މިވީ 1،292 ދުވަހެވެ. އެ ދުވަސްތަކުގެ ތެރޭގައި ރަސްމީ ސިފައެއްގައި ބޭއްވެވީ ނުވަ ޕްރެސް ކޮންފަރެންސެވެ. އޭގެ ތެރޭގައި ގައުމުތަކުގެ އިސްވެރިންނާ އެކު ދެއްވެވި ހާއްސަ ސްޓޭޓުމަންޓުތައް ނުހިމެނެ އެވެ. އެހެންކަމުން، އެމަނިކުފާނުގެ ދައުރުގެ ކޮންމެ 143 ދުވަހަކުން މިހާތަނަށް ނޫސްވެރިންނާއި ބައްދަލުކުރައްވައިފި އެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ގާނޫނުގައިވާ ގޮތުގެ މަތިން މައުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެން،" މިއީ ކޮންމެ އަހަރެއްގެ ވެސް މެއި 3 ވަނަ ދުވަހު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން 2021 ވަނަ އަހަރު ދެއްވި ހިތާބުގައި ރައީސް ވިދާޅުވި ވާހަކަފުޅެކެވެ.

މިހެން ވިދާޅުވި ނަމަވެސް، އެމަނިކުފާނު ރައީސް އޮފީހުގައި ނޫސްވެރިންނާ އެންމެ ފަހުން ބައްދަލުކުރެއްވީ އޮގަސްޓް 11، 2021 ގަ އެވެ. ރައްޔިތުންގެ މެދުގައި އެތަކެއް ސުވާލުތަކެއް ގައުމުގެ ހާލަތާ ގުޅިގެން އުފެދިފައިވާއިރު އެ ސުވާލުތައް ރައީސްއާ އަމާޒުކުރުމުގެ ފުރުސަތު ނުލިބި މިއަދު މި ހޭދަވަނީ 295 ވަނަ ދުވަހެވެ.

މަސައްކަތްޕުޅު ހުންނަވާ ގޮތުން ފަހަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވަން އެމަނިކުފާނަށް ވަގުތު ލިބިވަޑައިނުގަންނަވަނީ އެވެ. އެހެނަސް، ކޮވިޑް-19 ގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައި ވާޗުއަލްކޮށް ވެސް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ. ފިޔަވަޅުތަކަށް ލުއި ދިނުމުން ގައިދުރުކަމާ އެކު ރައީސް އޮފީހުގައި ވެސް ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ.

"މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން، ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ، ދެފުށް ފެންނަ ގޮތަށް ކަމަށާއި، ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު [ހަމަޖައްސައިދޭނަން]،" އެއީ މެއި 3، 2019 ގައި އެމަނިކުފާނު ދެއްވި ހިތާބުގެ ބައެކެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާގެ އަމަލުތަކަކީ ދައުލަތެއްގެ މޫނު ބަލާ ލޯގަނޑު ކަމާ މެދު ދެބަސްވެވެން ނެތެވެ. ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނޫސްވެރިންނާއި ދުރުން ރައީސް އުޅުއްވާނަމަ ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުން ވެސް އަމަލުކުރާނީ އެހެންނެވެ.

"ނޫސްވެރިންގެ ފާޑުކިޔުންތަކަކީ މި ސަރުކާރުގެ ދިރުން. މި ސަރުކާރުގެ އައިބުތައް ދެނެގަނެވޭނީ، ނޫސްވެރިންގެ ލޯގަނޑުން މި ސަރުކާރުގެ ފަސްބައި ބެލިވަރަކުން. އެކަމަށް މި ސަރުކާރު އިޖާބަ ދޭނަން،" މިނިވަން ނޫސްވެރިކަމަށް ފަހި ފުރުސަތުތަކެއް އޮންނަން ޖެހޭ ކަމަށް ހާމަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ފާޅުކުރާ ހިޔާލަކުން ނޫސްވެރިޔާ ހިފާ ހައްޔަރުކުރާ ދުވަސް މާޒީވެއްޖެ އެވެ. ކުރާ ޓްވީޓަކުން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް މިހާރަކު ނެތެވެ. ނޫސްވެރިންގެ ކަރަށް ބާރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކެއް ފާހެއް ނުކުރެ އެވެ.

އެފަދަ ހެޔޮ ބަދަލުތަކުގެ ނަތީޖާ މިދިޔަ ހަތަރު އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސް އިން އޮތީ ފެންނާށެވެ. ރައީސް ސޯލިހުގެ ދައުރު ފެށުނުއިރު ރާއްޖެ އޮތީ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގެ 120 ވަނައިގަ އެވެ.

ރައީސް ސޯލިހުގެ ފުރަތަމަ އަހަރު ނެރުނު ރިޕޯޓުގައި ރާއްޖެ އޮތީ 98 ވަނައިގަ އެވެ. އެއީ އޭގެ ކުރީ އަހަރާ ބަލާއިރު 22 ދަރަޖައިގެ ކުރިއެރުމެކެވެ. ދެވަނަ އަހަރު ޕެންޑަމިކާ ކުރިމަތިލިއިރު އޮތީ 79 ވަނައިގަ އެވެ. އަދި، މިދިޔަ އަހަރު އޮތީ 72 ވަނައިގަ އެވެ.

އެހެނަސް، އިސްވެ މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ނެތުމުގެ ހެއްކަކީ މިއަހަރު ނެރުނު އިންޑެކްސްގައި 15 ދަރަޖަ ރާއްޖެ ވެއްޓުމެވެ. މިއަހަރުގެ ލިސްޓުގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 87 ވަނައިގަ އެވެ. މިއީ ސަރުކާރުން ވިސްނަން ޖެހޭނެ ކަމެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަން ނޫސްވެރިކަމަކީ، މި ސަރުކާރު ދެމިއޮތުމުގެ މައިބަދަ،"

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް އިސްވެ މައުލޫމާތު ހާމަކުރުމުގައި ރައީސް ސޯލިހުގެ ސަރުކާރު މިހާރު ފެންނަނީ ފަހަތު ފަޔަށް ބުރަވާ މަންޒަރެވެ. ރައްޔިތުންގެ ބައިވަރު ސުވާލުތައް އެބަ ހުއްޓެވެ. އެކަމަށް ޖަވާބު ދޭނެ މީހަކު ނެތުމަކީ ކަންބޮޑުވުމެކެވެ.

ބޯމަތިވަމުންދާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ ސިޔާސަތުގެ ވާހަކަ އެވެ. ކެމްޕޭނުގައި ގެންގުޅުއްވި ވައުދު ނާމާގެ ވާހަކަ އެވެ. ހާރިޖީ ގުޅުންތަކުގެ ވާހަކަ އެވެ. ދައުލަތުން ހިންގާ ކަމަށް ބެލެވޭ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތަކެވެ. ގާނޫނުން ލިއްބައިދީފައިވާ ހައްގުތައް ހަނިކުރާ ކަމުގެ ތުހުމަތުތަކާއި ގުޅޭ ޖަވާބުތަކެވެ.

މިއީ ހައްތަހާ ވެސް ރައީސްގެ ޖަވާބުތައް ބޭނުންވާ މުހިންމު ކަންކަމެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox