ޕެރިސް (މެއި 29) - މި ސީޒަންގައި ރެއާލް މެޑްރިޑާ އެކު "ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފިން" ކަމަށާއި ބެލޮންޑިއޯ ހޯދަން ކްލަބާ އެކު ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ރެއާލްގެ ކެޕްޓަން، ކަރީމް ބެންޒެމާ ބުނެފި އެވެ.
ރެއާލް އިން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ. މީގެ އިތުުރުން މި ސީޒަންގެ ސްޕެނިޝް ލަ ލީގާގެ ޗެމްޕިއަންކަން ވެސް ހޯދީ ރެއާލުންނެވެ.
ފައިނަލްގައި ރޭ ބެންޒެމާ ،34، ލަނޑު ނުޖެހިޔަސް، މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޖުމްލަ 15 ލަނޑު ޖަހައި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ބެންޒެމާ އެވެ. މުބާރާތުގައި ބެންޒެމާ ޖެހި 15 ލަނޑުގެ ތެރެއިން، 10 ލަނޑު ޖަހާފައިވަނީ ނޮކްއައުޓް މެޗުތަކުގަ އެވެ. ނޮކައުޓް ބުރުގައި ޗެލްސީ އާއި ޕީއެސްޖީ ކޮޅަށް ހެޓްރިކެއް ހެދި އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ބެންޒެމާ ބުނީ ކާމިޔާބު ސީޒަނަކަށް ފަހު، ބެލޮންޑޯ އެވޯޑަށް އޭނާ އުންމީދުކުރާ ކަމަށެވެ.
"ކްލަބުގައި (ބެލޮންޑޯ ހޯދުމަށް) ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފިން. ކްލަބުގައި ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތް،" ބެންޒެމާ ބުންޏެވެ.
"ދެން ވާނެ ގޮތް ބަލަމާ ހިނގާ. ދެން އަހަރެން ދާނީ ގައުމީ ޓީމަށް. އެކަަމަކު ކޮންމެ ގޮތެއްވިޔަސް، މި ހޯދި ކާމިޔާބީއާމެދު ފަހުރުވެރިވަން."
މި ސީޒަންގައި ރެއާލަށް 44 ލަނޑު ޖެހި ބެންޒެމާ ކްލަބު ސީޒަން ނިންމާލުމަށް ފަހު ގުޅޭނީ ފްރާންސްގެ ގައުމީ ޓީމާ އެވެ. ޔުއެފާ ނޭޝަންސް ލީގުގައި ޖޫން މަހު ފްރާންސް މެޗުތަކެއް ކުޅޭނެ އެވެ.
ބެންޒެމާ ބުނީ ޗެމްޕިއަންސް ލީގުގައި ރެއާލަށް ކާމިޔާބު ލިބުނީ "ނަސީބު ރަނގަޅުވުމުން" ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަަމަށެވެ.
"ނަސީބު ރަނގަޅުވެގެން އެއް ފަހަރު ސަލާމަތްވެދާނެ. އެކަމަކު، ކޮންމެ ފަހަރަކު ކާމިޔާބު ލިބޭނީ ނަސީބަކުން ނޫން. މިއީ ރެއާލަށް ހައްގު ކާމިޔާބެއް،" ބެންޒެމާ ބުންޏެވެ.
ރެއާލާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބެންޒެމާ ބުނީ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުމަކީ ވެސް ހާއްސަ ކާމިޔާބެއް ކަމަށެވެ. -- އޭއެފްޕީ












