މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ލާރި ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
އެމްޓީޑީސީން މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި މިގޮތަށް ނިންމި ނަމަވެސް ހިއްސާގެ ފައިދާ ބެހުމާ މެދު ގޮތެއް ނިންމައި ފާސްކުރާނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.
އެ ކުންފުނިން 11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ހިއްސާ ބަހަން ފަށާފައިވަނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާއަކަށް ބެހީ 50 ލާރި އެވެ. އަދި، ޖެހިގެން އައި އަހަރު ކުންފުންޏަށް ލިބުނު ފައިދާ އިތުރުވުމާއެކު، ހިއްސާއަކަށް 70 ލާރި ބަހާފައިވެ އެވެ.
ފާއިތުވީ ތިން އަހަރު ތެރޭގައި އެ ކުންފުންޏަށް ފައިދާވާ މިންވަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރަކީ އެ ކުންފުންޏަށް ރެކޯޑު އަދަދަކަށް ފައިދާވި އަހަރެކެވެ.
މިދިޔަ އަހަރު ނިމުނު އިރު އެ ކުންފުނީގައި ނަގުދު ފައިސާގެ ގޮތުގައި 4.8 މިލިއަން ޑޮލަރު ހުރި ކަމަށް އެ ކުންފުނިން ނެރުނު މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކަ އެވެ.
އަދި، 6.4 މިލިއަން ޑޮލަރުގެ ޓީބިލް ފަދަ ޝޯޓް ޓާމް އިންވެސްޓްމަންޓްތައް އެ ކުންފުނީގައި ހުރި އިރު، އެހެން އިންވެސްޓްމަންޓުތަކާއި ހަރުމުދަލުގެ އަގު 98 މިލިއަން ޑޮލަރާއެކު ކުންފުނީގެ ޖުމްލަ އަގު 110 މިލިއަން ޑޮލަރަށް އަރަ އެވެ.








