ރާދަފަތި، ދާއިންކަނބާ، އާމިނާރަނި އަދި ރެހެންދި މި ހަތަރު ނަމަކީ ހަމަ ގައިމުވެސް އަޅުގަނޑަށް ވަރަށް ފަރިތަ ހަތަރު ނަމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަމީނިއްޔާ ސްކޫލްގެ އިސްދަރިވަރަކަށް ވީތީއެވެ. ޢުމުރުން އެންމެ އެގާރަ އަހަރުގައި ގުރޭޑް ހަޔަކަށް ވަންއިރު، އެންމެ ބޮޑު އުއްމީދެއް އޮތީ ދޮންތަގެ ހައުސްގައި އަޅުގަނޑުވެސް ހިމެނުމެވެ. އޭރު، މި ނަންތައް ސިފަކުރެވިފައި އޮތީ، ކޮންމެ އަހަރަކު އެންމެ މޮޅު ހައުސް ހޮވާއިރު، އެ ނަންތައް ތަރުތީބުވެފައި އޮންނަ ގޮތުންނެވެ. މި ހައުސްތައް ނިސްބަތްވާ ރަނިންނާއި، އެ ރަނިންގެ ޚިދުމަތްތަކާއި ހައިބަތާއި ޤަދަރު ދަސްވާންފެށީ އަދި މާ ފަހުންނެވެ.
ތަފްޞީލަށް ދަމާތޯއެވެ. ހަވާލާ މި ދެނީ އެޗް.ސީ.ޕީ ބެލްގެ "ދަ މޯލްޑިވް އައިލެންޑްސް، މޮނޯގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ އެންޑް އެޕިގްރަފީ" އަދި މުޙައްމަދު އަމީން ދީދީގެ "ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު" މި ދެ ފޮތަށެވެ. ރެހެންދި، ރާދަފަތި އަދި ދާއިންކަނބާ އަކީ މާލޭ ދަރިކޮޅު ނުވަތަ ޢުމަރުވީރު ދަރިކޮޅުގެ ތިން ރަނިންނެވެ. އާމިނާރަނިންނަކީ އުތީމު ދަރިކޮޅުގެ ރާނީއެކެވެ.
އެންމެ ފުރަތަމަ އެންމެ މަޝްހޫރު ރާނީގެ ވާހަކައެވެ. ސުލްޠާނާ ޚަދީޖާ ރެހެންދި ކަބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާރެހެންދި އަކީ ތިން ފަހަރެއްގެ މަތީން ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ނުފޫޒުގަދަ ސުލްޠާނާއެކެވެ. ރެހެންދި ޚަދީޖާ އަކީ ސުލްޠާން ޖަލާލުއްދީން ޢުމަރުވީރު ސިރީ ލޯކަ އަބާރަނަ މަހާރަދުންގެ ދޮށީ ދަރިކަނބަލުންނެވެ. މިކަމަނާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ތެރޭގައި، އެކަމަނާއަކީ ދިވެހި ތާރީޚުގެ "ބްލެކް ވިޑޯ" ކަމަށާއި، އެކަމަނާއަކީ ނުޙައްޤުން ވެރިކަން ކުރެއްވި ބޭކަނބަލެއްކަމަށާއި، އެކަމަނާއަކީ އަނިޔާ އާއި ލޭއޮހޮރުވުން މެދުވެރިކޮށްގެން، އެއްބަފާ ކޮއްކޮ އާއި ފިރިމީހާ ޤަޠުލުކުރައްވައިގެންވެސް ތަޚުތު ހޯއްދެވި ބޭކަނބަލެއްކަމަށް ބުނެވެއެވެ. މިއީ ތުންތުންމަތިން ދެކެވޭ ބައެއް ވާހަކައެވެ. މަދު ފަހަރެއްގައި މެނުވީ މި ފަދަ ވާހަކަތަކާއި ތާރީޚުގެ ފަތްފުއްތަކާ އަޅާކިޔާލާނޭ ހިތްވަރެއް އަޅުގަނޑުމެންނަކަށް ނުލިބެއެވެ. މި ފަހަރު ތާރީޚު ބުނަނީ ކީކޭތޯ ބަލާލަމާތޯއެވެ.
"ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު"ގައި އަމީންދީދީ ވިދާޅުވާ ގޮތުން، މި ކަމަނާ ފުރަތަމަ ފަހަރަށް ވެރިކަމަށް އިސްވެވަޑައިގެންނެވީ ކޮއްކޮ ޝިހާބުއްދީން ރަދުން ޤުދުރަތީ ގޮތުން އަވަހާރަވުމުންކަމެއް ނުވަތަ ޤަޠުލުކުރައްވާފައިކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ. ވެރިކަމަށް އިސްވެވަޑައިގަތްއިރު ކައިވެނި ކުރައްވައިގެން ހުންނެވީ އަލްޚަޠީބު މުޙައްމަދު ޖަމީލެވެ. ނުވަތަ "ރީތި މުޙައްމަދެވެ". އޭރު، ސުލްޠާނާ ރެހެންދިއަށް އެނގިވަޑައިނުގަތް އޮތް ކަމަކީ، ރީތި މުޙައްމަދަކީ ވެރިކަމަށް ފައިވިއްދާފައި ހުންނެވި ބޭފުޅެއްކަމެވެ. އެހެންކަމުން ސުލްޠާނާއަށް ހެއްދެވުނު އެންމެ ބޮޑު ސިޔާސީ ގޯހަކީ، ފިރިކަލުންނަށް ގިނަ ބާރުތަކަކާއި ނުފޫޒު ދެއްވުމެވެ. ރެހެންދި ޚަދީޖާގެ ފުރަތަމަ ދައުރު ފެށުމާއެކު، ފިރިކަލުން ވަޒީރަކަށް ވެއްޖެއެވެ. އަމުރުވެރިއަކަށްވެއްޖެއެވެ. އޭނާގެ ދަރިއަކީ ޚަޠީބަކަށް ވެއްޖެއެވެ. އެކަނަމާގެ ނަމުގައި ވެރިކަން ހިންގަވާ ބޭފުޅާއަށް ވެއްޖެއެވެ. މިގޮތުގައި 22 އަހަރު ހޭދަވުމަށްފަހު، މި ދެންނެވި ރީތި މުޙައްމަދު، އަނބިކަނބަލުންގެ ތަޚުތު އަތުލައިގެންފިއެވެ.
ދެން އޮތީ ތާރީޚުގައި ޚިލާފު އުފެދިފައިވާ ހިސާބެވެ. މި ދެންނެވި އައްސުލްޠާން މުޙައްމަދު ޖަމީލު ސިރީ ބަވަނަ ސޫޖަ މަހާރަދުން "ނުޙައްޤު ގޮތުގައި" ވެރިކަން ކުރައްވާތާ އެއް އަހަރުފަހުން އޭނާ އަވަހަރާވެއެވެ. ދިވެހި ތާރީޚުގެ ބައްޕަ ޙަސަން ތާޖުއްދީން ވިދާޅުވަނީ ރެހެންދި ޚަދީޖާ، ރީތި މުޙައްމަދު ޤަޠުލުކުރައްވަނީ ކަމުގައެވެ. އެހެންނަމަވެސް ޞުލްޠާނާ ރެހެންދީގެ ވެރިކަމުގައި ރާއްޖޭގައި ހުންނެވި، އަދި ޝާހީ ޢާއިލާއާ ކައިވެނީގެ ގުޅުން އޮތް މަޝްހޫރު ސައްޔާޙު، އިބުނު ބަތޫތާ ވިދާޅުވަނީ ރީތި މުޙައްމަދު އަވަހާރަވީ ޤުދުރަތީ މަރަކުންކަމުގައެވެ. އަމީން ދީދީ ވިދާޅުވަނީ، އިބުނު ބަތޫތާ އަކީ އޭރު ރާއްޖޭގައި ހުންނެވި ބޭފުޅެއް ކަމުން، "އޭނާގެ ރިވާ ޤަބޫލުކުޅައުމަށް ކުޑަކޮށްވެސް ޖެހިލުމެއް ނުވަމު"ކަމުގައެވެ. އަޅުގަނޑަށް އެ ރިވާއާ މެދު ސުވާލު އުފެދެނީވެސް ހަމަ މި ސަބަބާހުރެއެވެ.
ކޮންމެއަކަސް ރެހެންދި ޚަދީޖާގެ ދެވަނަ ދައުރު ފެށިއްޖެއެވެ. މި ދައުރުގައި ދިހަ އަހަރުދުވަހު ވެރިކަންކުރެއްވިއެވެ. މި ފަހަރުވެސް އެކަމަނާގެ ތަޚުތައް އަތްގަދަކުރެއްވީ ފިރިކަލުންނެވެ. އަލްވަޒީރު ޢަބްދުﷲ ބުނު މުޙައްމަދު ޙަޟްރަމީއެވެ. މިއީ ރެހެންދި ޚަދީޖާގެ ކޮއްކޮ ޝިހާބުއްދީން ރަދުންގެ ދޮންބައްޕައެވެ. އަލްވަޒީރު ޢަބްދުﷲ ތިން އަހަރުދުވަސް ވަންދެން ވެރިކަން ކުރެއްވިއެވެ. އެއަށްފަހު އަނެއްކާވެސް ތާރީޚީ ޚިލާފުތަކެކެވެ. އަލްވަޒީރު ޢަބްދުﷲ އަވަހާރަވީކަމެއް، އަވަހާރަކޮށްލީކަމެއް ނޭނގެއެވެ. އެނގޭކަމަކީ އެއަށްފަހު އަނެއްކާވެސް ސުލްޠާނާ ރެހެންދި ކަބައިދި ކިލެގެ ވެރިކަމަށް އިސްކުރެވުނު ކަމެވެ. މި ފަހަރު 3 އަހަރު ދުވަހު ވެރިކަން ކުރެއްވިއެވެ. ނިޔާވީ ވެރިކަމުގައި ހުންނަވަނިކޮށެވެ.
ރެހެންދި ޚަދީޖާއާމެދު މުޙައްމަދު އަމީން ވިދާޅުވެފައިވެއެވެ. "ރެހެންދި ޚަދީޖާއާއިމެދު އަޅުގަޑުމެންނަށް އެގިފައިވާއެގުންތަކާއި، އޭނާގެ މައްޗަށް އަޅުގަޑުމެންގެ ހިތުގައި އަރާފައިވާ ވަސްވާސްތަކުގެ ސަބަބުން، އޭނާއަކީ މާތް އަޚުލާޤެއްގެ ބޭފުޅެއްކަމަކަށް އަޅުގަޑުމެންނަކަށް ބަޔާންކުރެވޭކަށް ނެތެވެ. ނަމަވެސް، ޝައްކެއް ވަސްވާހެއްވެސް ނެތެވެ. އޭނާއަކީ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ. ދިވެހިރާއްޖޭގެ މާޒީގެ ބަޠަލާއިންގެ ތެރެއިން، އެންމެ ހަރުދަނާ، އެންމެ ކެރޭ އެއް ބަޠަލާއެވެ."
އިތުރު ރާނީއެއްގެ ތަފްޞީލަށް ދިއުމުގެ ކުރިން ތަޢައްޞަބެއް ނެތް ސިކުނޑިއަކުން ވިސްނާލަމާހެއްޔެވެ. ވެރިކަމަށް އަތްގަދަކުރުމަކީ ސިޔާސީ ގޮތުން މީހާގެ އަގުވެއްޓޭކަމަކަށް ވަނީ އަންހެނަކު ކުރީމާ އެކަނިތޯއެވެ؟ ކަޅު މުޙައްމަދު ރަސްގެފާނުވެސް އެހުންނެވީއެވެ. ވެރިކަން ހޯއްދެވީ ލޭއޮހޮރުވުމަށްފަހުގައެވެ. ނުޙައްޤުން ވެރިކަން ހޯދީ ރެހެންދި ކަބައިދި ކިލެގެ ގިނިކަންޏާތޯއެވެ. އެކަމަނާގެ ދެ ފިރިކަލުން އެ ކަމަނާގެ ތަޚުތައް އަތްގަދަ ވުމުން، އެ ދެ ބޭފުޅުން އެއީ ގައްދާރުން ކަމުގައި ނުވޭތޯއެވެ. އަމިއްލަ ވެރިކަމުގެ ދިފާޢުގައި ލޭއޮހޮރުވުމަކީ ތާރީޚުގައި ބައެއް މީހުންނަށް ބަޠަލުންގެ ލަޤަބު އަނެއްބައި މީހުންނަށް ޚާއިނުންގެ ލަޤަބު ލިބޭ ޢަމަލުތަކެވެ. ކޮންމެއަކަސް ރެހެންދި ޚަދީޖާގެ ޙަޔާތުނާމާއިން ޔަޤީންވަނީ އެއީ ވެރިކަން ކުރެއްވޭ ވަރުގެ ހިތްވަރާއި ފަންވަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމެވެ. ތިން ދައުރެއްގެ މަތިން ތިރީސް ފަސް އަހަރު ވެރިކަން ކުރައްވާފައިވެއެވެ. އެކަމަނާގެ ޚިދުމަތްތައް ސާފުވާން ނެތަސް، އެކަމަނާއަކީ މީހުން ޤަދަރުކުރި، ނުފޫޒާއި ބާރުގަދަ ރަންޏެއްކަން ސާބިތުވެއެވެ.
ދެން މި ދަންނަވަނީ އެކަމަނާގެ ކޮއްކޯފުޅު، ސުލްޠާނާ ރާދަފަތި ކިލެގެ ސިރީސުވަމަ އަބާރަނަ މަހާރެހެންދިގެ ވާހަކައެވެ. މިއީވެސް ސުލްޠާން ޖަލާލުއްދީން ޢުމަރުވީރުގެ ދަރިކަނބަލެކެވެ. އެކަމަނާ ރަސްކަން ކުރެއްވީ އެންމެ ހަތަރު މަސް ދުވަހުއެވެ. އެހާ ހިސާބުން އެކަމަނާ ރަސްކަމުން ދުރުވާން ޖެހިވަޑައިގަތެވެ. ކަންދިމާކުރިގޮތުން މި ކަމަނާ ވެރިކަމުން ދުރުކުރެއްވީ އެކަމަނާގެ ފިރިކަލުން ކުރަދު ދަންނަ މުޙައްމަދުކަލޭގެފާނު (ފަހުން ޞުލްޠާން މުޙައްމަދުލް މާކުރަތީ ސިރީ ސުންދު އަބާރަނަ މަހާރަދުން)ނެވެ. ސުލްޠާން ޢުމަރުވީރުގެ ދަރިކަނބަލުންނަށް މި ލިބެނީ ހާދަހާވާ ދަހިވެތި ފިރީންނޭ ހިތަށް އަރާ ދެއްތޯއެވެ.
ދެން ސުލްޠާނާ ދާއިންކަބައިދި ކިލެގެގެ ވާހަކައެވެ. މި ކަމަނާއަކީ ސުލްޠާން މުޙައްމަދުލް މާކުރަތީގެ ދަރިކަނބަލުންނެވެ. މަންމާފުޅަކީ ކޮބައިކަމެއް ލިޔެކިޔުންތަކުން ޔަޤީނެއް ނުވެއެވެ. އެހެންނަމަވެސް "ދިވެހިރާއްޖޭހެ ރަހުންނާއި ރަނިން" މި ފޮތުގައި ނަސީމާ މުޙައްމަދު އަންދާޒާކުރައްވަނީ އެއީ ޞުލްޠާނާ ރާދަފަތި ކަބައިދި ކިލެގެގެ ދަރިކަނބަލަކަށް ވެދާނޭ ކަމުގައެވެ. މިކަމަނާއަށް ވެސް ޖެހިވަޑައިގަތީ އެކަމަނާގެ މަންމާފުޅާއި ބޮޑުދައިތާފުޅަށް ޖެހިވަޑައިގެން ޙާލުކޮޅެވެ. ވެރިކަމުގައި ހަތަރު އަހަރު ދުވަސް ހޭދަކުރެއްވިތަނާ، ފިރިކަލުން ޢަބްދުﷲ ތަޚުތައް ވެރިވެވަޑައިގަތެވެ.
ޢުމަރުވީރު ދަރިކޮޅުގެ ރަނިންނަށް މި ޖެހުނު ޙާލު އެނގުމުން، އަމީނިއްޔާ ސްކޫލްގެ ހައުސްތަކަށް ނަން ދެވިފައި އެވަނީ އެންމެ ޙިކުމަތްތެރިގޮތުގައިތޯ ސުވާލު އުފެދުނެވެ. އެ ތިން ބޭފުޅުން ކުރެ ރެހެންދި ޚަދީޖާ ފިޔަވައި، ވެރިކަމުގައި ދެމި ހުންނެވުނު ރަންޏެއް ނެތެވެ. ފަހަރުގައި އަބަދުވެސް އަމީނިއްޔާގެ "ފޯކްލޯރުގައި" ރެހެންދި ހައުސްގެ ކުދިން މި ދައްކާ ހިތްވަރާ ގުޅިފައިވަނީ ސުލްޠާނާ ރެހެންދިގެ ހިތްވަރުކަމަށް ވުން އެކަށީގެންނުވޭތޯވެސް ސުވާލުކުރެވެއެވެ.
ދެން ބާކީ އޮތީ އާމިނާ ރަނިންގެ ވާހަކައެކެވެ. މުޅީން އެހެން ޒަމާނެކެވެ. އެހެން ދަރިކޮޅެކެވެ. މުޅިން އެހެން ޒަމާނެކެވެ. އާމިނާ ރަނިކިލެގެފާނަކީ ޞުލްޠާން މުކައްރަމް މުޙައްމަދު އިމާދުއްދީން (ތިންވަނަ) އާއި މަރިޔަމް ކަނބާފާނުގެ ހަމައެކަނި ދަރިކަނބަލުންނެވެ. އެކަމަނާ ރަނިކަން ކުރެއްވީ ދިވެހި ރާއްޖެ ދުއް ސިޔާސި ހުސްކަމެއްގެ ތެރޭގައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) މަލާބާރީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވުމަށްފަހު ދިވެހި ތަޚުތާ ހަވާލުވެޑައި ނުގަނެ، އަސްކަރިއްޔާގެ އެހީގައި ވެރިކަން ހިންގަވަމުން ގެންދެވީ އިމާދުއްދީން ރަދުން އެނބުރި ވަޑައިގަންނަވާތޯއެވެ. އެ ދަނޑިވަޅުގައި އެންމެ ފުރަތަމަ ވެރިކަމަށް އިސްކުރެއްވީ އާމިނާ ކަނބާފާނެވެ. އެހެންނަމަވެސް އާމިނާ ކަނބާފާނު ވެރިކަން ދޫކުރައްވާ ވަޑައިގަތުމުން، ދެން ވެރިކަމަށް އިސްކުރެއްވި އާމިނާ ރަނިކިލެގެފާނެވެ. އެހެންނަމަވެސް ޤައުމުގެ މިނިވަންކަމާ ތޮޅެން އިރު އިރުކޮޅުން މަލާބާރީންގެ އޮޑިތައް އައި ހިނދު، އެ ބިރުވެރިކަމުން ޤައުމު ހިމާޔަތްކޮށްދެއްވަމުން ގެންދެވީ "ކެޕްޓަން ދޮން ހަސަން މަނިކުފާނު"ކަމަށް ވީ ހިނދު، އެ މަނިކުފާނަށް ރައްޔިތުންގެ ހިތުގައި ލޯތްބާއި ތާއީދު ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އޭރުވެސް އެ މަނިކުފާނު މަސައްކަތްކުރައްވަމުން ގެންދެވީ އިމާދުއްދީން ރަދުން ހޮޅިންގެ އަތުން މިނިވަންކުރުމަށެވެ. މިކަން ކާމިޔާބެއް ނުކުރެވުނެވެ. އެހާތަނަށް ކަންކަން ދިޔައިރު، ތަޚުތުގެ ޙައްޤުވެރިކަމާމެދު ފިތުނަ އުފެދެން ފަށައިފިއެވެ. ޙައްލެއްކަމުގައި އެންމެންނަށްވެސް ފެނުނީ ޣާޒީ ދޮންބަންޑާރައިން ވެރިކަމާ ހަވާލުވެވަޑައިގަތުމެވެ. އާމިނާރަނިކިލެގެފާނުގެ ވެރިކަން ނިމުނީ ޣާޒީ ދޮންބަންޑާރައިންގެ ރަސްކަމާއެކު ހުރާގޭ ދަރިކޮޅުގެ ރަސްކަން ފެށުމާއެކުގައެވެ.
ރާއްޖޭގެ އިސްލާމީ ތާރީޚު ދުށް ހަތަރު ރަނިންނަކީ މިއީ ކަމުގައިވެދާނެއެވެ. އެހެންނަމަވެސް ރާއްޖެ އިސްލާމްވުމުގެ ކުރީގައި ދިވެހިރާއްޖޭގައި އަންހެނުން ވެރިކަން ކުރިކަން ތާރީޚު ހެކިވެއެވެ. ރާއްޖޭގެ އިސްލާމީ ތާރީޚުގައި ރަނިން މަދުކަމުގައިވިޔަސް، ރަނިންނެކޭ އެއްފަދައިން ނުވަތަ އެއަށްވުރެވެސް ބޮޑަށް ވެރިކަމަށް ނުފޫޒު ފޯރުވި އަންހެނުން ދިވެހި ތާރީޚު ފާހަގަކުރެއެވެ. ބުރަކި ރަނިން، ކަނބާ ޢާއިޝާ ފަދަ ބޭކަނބަލުންނަކީ ދިވެހި ވެރިކަމުގެ ތާރީޚަށް ބޮޑެތި ބަދަލުތައް ގެނެސްދެއްވި ސިޔާސީ ޝަޚުޞިއްޔަތުތަކެވެ. އެކަމަކު ދެން މި ލީޑަރުންގެ ވާހަކަ، އެހެން ފަހަރަކުންނެވެ.







