މުދާ ބަރުކޮށްގެން މިއަދު ދަތުރުކުރަމުން ދިޔަ ދޯންޏަކާ ސަފާރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، މުދާ އުފުލާ ދޯނި ޓީޖެޓީ ސަރަހައްދަށް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެކްސިޑެންޓު ހިނގާފައިވަނީ މާލޭ ހުޅަނގު ފަރާތު ކަނޑުމަތިން ކަމަށާއި އެކްސިޑެންޓުގައި މުދާ އުފުލާ ދޯނި ފަޅައިގެން ދިއުމުގެ ސަބަބުން ޕަމްޕު ބޭނުން ކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި، އަޑިއަށް ދިޔަ "ހުވަނދުމާ-2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ދަތުރު ކުރަމުން ދިޔައީ ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްގެންނެވެ. އެ ދޯނި އެކްސިޑެންޓު ވެފައިވަނީ "ޔަސަވާ ޕްރިންސެސް" ނަމަކަށް ކިޔާ ސަފާރީއަކާ އެވެ.
ދޯނި އަޑިއަށް ގޮސްފައިވަނީ ޓީ-ޖެޓީ ސަރަހައްދަށް ވަތް ފަހުންނެވެ. ކެރޭނެއްގައި އެހީގައި އަޑިއަށް ދިޔަ އުޅަނދު ފެންމަތި ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު އަންނަނީ ކުރަމުންނެވެ.













