މެޑްރިޑް (މެއި 15) - ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅެއް ނުލިބި ފަރުޖައްސާލަން ޖެހިއްޖެ އެވެ.
ރެލިގޭޝަނުގައި އޮތް ކަޑިޒާ ދެކޮޅަށް ލީގު ޗެމްޕިއަން ކަށަވަރުކޮށްފައިވާ ރެއާލް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގެޓަފޭ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި 0-0 އިންނެވެ.
ލީގު ޔަގީންވެފައިވާތީ، ގިނަ ބަދަލުތަކެއް ގެނެސްގެން މިރޭގެ މެޗުގައި ވެސް ރެއާލުން ކުޅުނުއިރު، އެ ޓީމުން މެޗު ފެށީ ރަނގަޅަށެވެ. އެ ގޮތުން ފަސް ވަނަ މިނިޓްގައި ރޮޑްރީގޯ ދިން ބޯޅައަކުން މަރިއާނޯ ޑިއާޒް ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަޑިޒް އިން ނަތީޖާ ހަމަަހަމަކުރި އެެވެ. ލީގުގެ 18 ވަނައިގައި އޮތް ކަޑިޒްގެ މި ގޯލު ޖެހީ މެޗުގެ 37 ވަނަ މިނިޓްގައި ރިއުބެން ސޮބްރީނޯ އެވެ.
ދެ ވަނަ ހާފުގައި ކަޑިޒަށް ވަނީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެކަމަކު، ކުރިން ސެވިއްޔާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ސްޕެއިންގެ ފޯވާޑް އަލްވާރޯ ނެގްރޭޑޯ ފޮނުވާލި ޕެނަލްޓީ ރެއާލްގެ ގޯލު ބެލެހެއްޓި އަންޑްރީ ލުނިން ވަނީ ވަނީ މަތަކޮށްފަ އެވެ.
ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ އިން ރަނގަޅުވެގެން އެނބުރި އައި ރެއާލްގެ މިޑްފީލްޑަރު، އެޑެން ހަޒާޑް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު 25 މިނިޓްގައި ކުޅެފަ އެވެ.
ގެޓަފޭ ދަނޑުގައި ބާސެލޯނާ އަށް މިރޭ މާގިނަ ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ބާސެލޯނާ އިން ގެޓަފޭގެ ގޯލަށް ޖެހި ހަމައެކަނި ޝޮޓް ފޮނުވާލީ ޖެނުއަރީ މަހު އެ ޓީމާ ގުޅުނު ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒް އެވެ.
ބާސެލޯނާގެ ޑިފެންސްލައިން ފޫއަޅުވާލައި ގޯލެއް ޖަހަން، ގެޓަފޭ އިން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ.
ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން ރަށުންބޭރުގައި އެ ޓީމު ލީގުގައި ބަލިނުވެ އެވެ. ފަނަރަ މެޗު ކުޅުނުއިރު، ނުވަ މެޗުން މޮޅުވެ، ހަ މެޗު ވަނީ އެއްވަރުކޮށްފަ އެވެ.
ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރެއްގައި އޮތް ސެވިއްޔާ މިރޭ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި ނަތީޖާއާ އެކު ބާސެލޯނާ އަށް ވަނީ ލީގުގެ ދެ ވަަނަ ކަށަވަރުވެފަ އެވެ.
ރެއާލް އެއް ވަނައިގައި އޮތީ 37 މެޗުން 85 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 37 މެޗުން 73 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ ތިން ވަނައިގައި އޮތީ 37 މެޗުން 68 ޕޮއިންޓާ އެކު އެވެ. އަދި ހަތަރެއްގައި އޮތް ސެވިއްޔާ އަށް ވަނީ 37 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ރެއާލް ބެޓިސްގެ އޮތީ 37 މެޗުން 64 ޕޮއިންޓެވެ.












