މެންޗެސްޓާ (މެއި 15) - އަންނަ ސީޒަނުގައި ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައިވާ ނެދަލެންޑްސްގެ އެރިކް ޓެން ހާގާ އެކު ޔުނައިޓެޑުން ތަށި ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ، 37، އަންނަ ސީޒަނުގައި ޔުނައިޓެޑްގައި މަޑުނުކޮށްފާނެ ކަމަށް މީޑިއާގައި އަޑުފެތުރިފަ އެވެ. އެހެން ނަަމަވެސް، ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ޖާޒީތަކުގެ ޕްރޮމޯޝަނަލް ފޮޓޯތައް ނެގުމުގެ އިތުރުން ޓެން ހާގާ އެކު ޔުނައިޓެޑްގެ މުސްތަގުބަލާ ބެހޭގޮތުން އިންޓަވިއުއެއް ދީފަ އެވެ.
ޓެން ހާގަކީ މޮޅު ކޯޗެއް ކަމަށާއި ޔުނައިޓެޑްގައި ކާމިޔާބު ހޯދަން އޭނާ އަށް ވަގުތު ބޭނުންވާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
"ޓެން ހާގް ބޭނުންވާގޮތަށް ކަންކަން ބަދަލުވާން ޖެހޭ. އެ ގޮތަށް ކަންކަން ގޮސްފިނަމަ ޓެން ހާގަށް ކާމިޔާބު ހޯދޭނެ. ޔުނައިޓެޑުން ޓެން ހާގްގެ ކޯޗުކަމުގައި ތަށި ހޯދަން ޖެހޭ،" ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސް އާއި އަޔަކްސް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ޓެން ހާގް (ވ) އާއި ރޮނާލްޑޯ.
މި ސީޒަނުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް 24 ގޯލު ޖަހައިދީފަ އެވެ. ރޮނާލްޑޯ އަލުން ރެއާލް މެޑްރިޑަށް ގޮސްފާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ރޮނާލްޑޯ ވަނީ އަންނަ ސީޒަނުގައި ޔުނައިޓެޑުން ފެންނާނެ ކަމަށް ނުސީދާ ޖަވާބެއް ދީފަ އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ހޯދީ މީގެ ފަސް އަހަރު ކުރިންނެެވެ. އެއީ 2017 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ހޯދި ޔުއެފާ ޔޫރޮޕާ ލީގެވެ. އޭގެ ފަހުން ޔުނައިޓެޑަށް ކޯޗުކޮށްދިން އޮލެ ގުނަ ސޯލްޝެއާ އާއި ރަލްފް ރަންގްނިކްގެ ކޯޗުކަމުގައި ތަށްޓެއްގައި އަތްނުލެވި ކޮންމެ ސީޒަނެއް ނިންމާލަން ޖެހުނީ ހުސް އަތާ އެވެ.
މި ސީޒަނުގައި ޔުނައިޓެޑަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ނުލިބޭނެކަން ކަށަވަރުވެފައިވާއިރު، ގަދަ ހަޔަކުން ފުރުސަތު ނުލިބުމުގެ ޖާގަ ވެސް އެބައޮތެވެ. އެއީ ހަތް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް ބާކީ ދެ މެޗުން މޮޅުވެއްޖެނަމަ އެވެ.












