ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) އަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ބޭނުމުގައި އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން (އޭޓީޓީޔޫ)ގެ ރައީސް ހަލީލް އަލް-މުހައްނާދީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މަޝްވަރާކޮށްފި އެވެ.
އަލް-މުހައްނާދީ ރާއްޖެ ވަޑައިގެންނެވީ މި މަހު 9-11 އިން މާލޭގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022 ގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްނާދީ ވަނީ ރާއްޖޭގައި ޓީޓީ އަށް ފަހި މުސްތަގުބަލެއް އޮތްކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެ އަށް ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭޝިއާގެ ޓީޓީ ރައީސް، މުހައްނާދީއާ އެކު އޮލިމްޕިކް ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) އާއި ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫ އާއި ޓީީޓީ އެސޯސިއޭޝަންގެ ރައީސް އައްޔަ އަދި އޭޝިއާގެ ޓީޓީ ރައީސް މުހައްނާދީ ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ
އޮލިމްޕިކް ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މުހައްނާދީ ވަނީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިގައި މި ފަހަރު ރާއްޖޭން ހޯދި ކާމިޔާބީ އަށް މަރުހަބާ ކިއުމުގެ އިތުރުން، މުބާރާތުގެ އިންތިޒާމްތައް ރަނގަޅުކަން ފާހަަގަކޮށްފަ އެވެ.
ރާއްޖޭގައި މުސްތަގުބަލުގައި ޓީޓީގެ ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކެއް ބޭއްވުމުގެ މަޝްވަރާތައް ކުރެވުނުއިރު، މި ފަހަރުގެ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ސާބިތުވެގެންދިޔަ އެއް ކަމަކީ ރާއްޖެ އަށް ރަނގަޅު އިންފްރާސްޓްރަކްޗާ ބޭނުންކަމަށާއި އެއީ ކުޅިވަރު ޑިވެލޮޕްކުރެވޭނެ ވަރުގެ ހުނަރު އޮތުމެވެ.
މުހައްނާދީ ވަނީ ގަތަރުގެ ނެޝަނަލް އޮލިމްޕިކް ކޮމިޓީ އާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ގުުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ޓޭބަލް ޓެނިހަށް އިތުރު ފުރުސަތުތައް ލިބޭނެ ކަމަށް މުހައްނާދީ ގަބޫލުކުރައްވަ އެވެ.












