މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން އިތުރު ބަޔަކު ފުލުހުން ހައްޔަރުކުރީ އިއްޔެ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފްލެޓަކުން ތޫނު ހަތިޔާރާއެކު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރަން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން އެގެއިން އެކި ސައިޒުގެ ހަ ވަޅިއާއި، މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ހަ ސެލޯފީން ކޮޅާއި ފިލްމް ހުސްކުރި ދެ ދަޅު ވެސް ފުލުހުން އަތުލައިގަތް ކަމަށެވެ.
ހައްޔަރުކުރި ހަތަރު މީހުންނަކީ އުމުރުން 19، 24، 25، އަދި 26 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންނަށް 15 ދުވަހުގެ ބަންދެއް ކޯޓުން ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 37 ގެ ފުރަތަމަ ފްލޯގައި ހުރި ގެޔަކުން ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހަކަށް ހަމަލާދިން މައްސަލަ ބަލަނީ
ފުލުހަކަށް ހަމަލާ ދިނީ ހުޅުމާލޭ ގެޔެއް ބަލާފާސްކުރަމުން ދަނިކޮށެވެ. ބައެއް މަސްދަރުތަކުން އެއީ ހުޅުމާލޭ ހިޔާ ފްލެޓެއްގެ ތެރޭގައި ހިނގި ކަމެއް ކަމަށް ބުނި ނަމަވެސް ފުލުހުން މީޑިއާ އޮފިޝަލް އެކަން އިއްޔެ ޔަގީންކޮށްނުދެ އެވެ.
މި ހާދިސާއާ ގުޅިގެން އޭނާ ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމުގެ އިތުރުން މިވަގުތަށް އެހެން މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. އެ ފުލުހަށް ހަމަލާދިނީ ކޯރާޑިއަކުން ކަމުގެ އަޑުފެތުރެމުންދާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން ވެސް ދެއްވީ ހަމަ މި ޖަވާބެވެ.
މާފުށީގައި ވަޅިން ހަމަލާ ދޭން އުޅުނު ދެ މީހަކު ހައްޔަރުކުރުން
މާފުށީގައި ދިވެއްސަކަށް ވަޅިން ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު އިއްޔެ ހެނދުނު މާލެއިން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން އިއްޔެ ބުނީ ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުން ހައްޔަރު ކުރީ އިއްޔެ ވަރަށް ހެނދުނު މާލެ އައި ތަނުންނެވެ.
އެ މީހުން ތޫނު އެއްޗަކުން ހަމަލާ ދޭން އުޅުނު މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ ރޭގައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުން ހަމަލާ ދޭން އުޅުނު މީހާގެ ސަލާމަތްވީ ދުވަމުން ގޮސް މާފުށީ ޕޮލިސް ސްޓޭޝަނަށް ވަނުމުންނެވެ. މައްސަލަ ހުށަހެޅީ އެ ވަގުތު ކަމަށް އެނގިފައިވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރީ ތަންތަން އިންޑިއާގެ އެހީތެރިކަމާއެކު މަރާމާތުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދޮގުކުރީ އިއްޔެ އެވެ.
- އެއް އާއިލާއަކަށް ނިސްބަތްވާ ގިނަ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ފިރިހެނެއްގެ މައްސަލަ ފުލުހުން ބަލަން ފެށީ އިއްޔެ އެވެ.
- މިފަހުން މާލޭގައި ހިނގި ގޭންގު މާރާމާރީތަކާ ގުޅިގެން ފުލުހުން ގެޔެއް ބަލާފާސްކުރަމުން ދަނިކޮށް އެ ގޭތެރެއިން ފުލުހަކަށް ހަމަލާދިން މައްސަލައެއް ތަހުގީގުކުރަން ފެށީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބާއްވަން ތާވަލުކުރި މި ފަހަރުގެ "އެމްޓީސީސީ ބައިބަލާ ޗެލެންޖް 2022"، ފުލުހުންގެ އެއްބާރުލުމާ އެކު ބޭއްވުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ހާމަކުރަމުން ބުނީ:
"މި މުބާރާތުގެ އިންތިޒާމްތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާ ގުޅިގެން ފުލުހުންގެ އިރުޝާދުގެ މަތިންކަން ފާހަަގަކޮށްލަމެވެ. އެ ގޮތުން ފުލުހުން އެދުނު ގޮތަށް ބައިބަލާ ކުޅެން ހަމަޖެހިފައިވާތަނާއި އެ ތަނުގައި ކެމެރާ ހަރުކުރުމާއި ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް މި އެސޯސިއޭޝަނުން ވަނީ ހަމަޖައްސާފައިކަން ފާހަގަކޮށްލަމެވެ،"
ދުވަހުގެ ފޮޓޯ

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ސައުތު އޭޝިއާން ޖޫނިއާ އެންޑް ކެޑޭޓު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމާ ބައްދަލުކޮށް ހިތްވަރު ދިނުން. މި އިވެންޓުގައި އެ މުބާރާތުގެ އޮފިޝަލް ލަވަ ވެސް ފަސްޓް ލޭޑީ ލޯންޗުކޮށްދެއްވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް












