ސްޕެނިޝް ލަލީގާގެ ކްލަބްތަކުގެ މެޗުތަކެއް އަންނަ އަހަރު އިންޑިއާގައި ކުޅުމަށް މަޝްވަރާކޮށްފި އެވެ.
އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އާއި ސްޕެނިޝް ލަލީގާގެ ގުޅުން ވަރުގަދަކުރުމަށާއި އެކި ކަންކަން ކުރިއަށް ގެންދިއުމަށް ދާދި ފަހުން ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.
އިންޑިއަން ސުޕަ ލީގު ހިންގާ، ފުޓްބޯލް ސްޕޯޓްސް ޑިވެލޮޕްމަންޓް ލިމިޓެޑް (އެފްޑީއެސްއެލް)ގެ ސީއީއޯ މާޓިން ބެއިން އާއި ސްޕެނިޝް ލަލީގާގެ އިންޑިއާގެ ޑިރެކްޓަރު، ހޯސޭ އެންޓޯނިއޯ ކަޗާޒާ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމާ ބެހޭގޮތުން ސްޕެއިނާއި އިންޑިއާގެ ނޫސްތަކަށް ކަޗާޒާ ދިން އިންޓަވިއުއެއްގައި ބުނީ އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާއި އެފްޑީއެސްއެލްއާ ގުޅިގެން ލަލީގާގެ ބްރޭންޑް އިންޑިއާގައި ފުޅާކުރަން ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ.
"ލަލީގާ އިންޑިއާ އަށް ފަސް އަހަރު މި ވަނީ. އެހެންވެ، މި ގުޅުން އަހަރެމެން އަނެއް ލެވަލަށް ގެންދަން ކުރެވޭނެ ކަންކަން އެބަޖެހޭ ރާވަން. އިންޑިއާގައި އަހަރެމެންގެ ފޭންބޭސް ވަރަށް ރަނގަޅު މި ވަގުތު ވެސް. އެކަމަކު، ދެން މި ގުޅުން އިތުރަށް ފުރިހަމަކުރެވެން އޮތީ ކުޅުންތެރިން ވީހާވެސް ކައިރިއަށް ގެނެވިގެން، އެކަން ކުރެވެން އޮތީ މެޗުތަކެއް އިންޑިއާގައި ކުޅެގެން،" ކަޗާޒާ ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން މިދިޔަ ދެ އަހަރެއްހާ ދުވަސް ދިޔައީ ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުކުރެވި ކަމަށާއި މިހާރު މަޑުމަޑުން ކުރީގެ ހާލަތަށް ކަންކަން ބަދަލުވަމުން އަންނައިރު، ލަލީގާ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ޕްލޭންތައް ކުރިއަށް ގެންދަން ވަނީ އަމާޒުހިފައިފަ އެވެ.
"އަންނަ ސީޒަނުގައި، މި ބުނަނީ 2023 ވަނަ އަހަރުގައި އަހަރެމެންގެ ދެ ކްލަބް، ލަލީގާގެ ދެ ޓީމެއްގެ ޕްރީ ސީޒަން މެޗެއް ނޫނީ މެޗުތަކެއް އިންޑިއާގައި ކުޅުމަކީ މި ވަގުތު މަސައްކަތް ކުރަމުން އަންނަ އެއް ވިސްނުން. ވީހާ ވެސް ގިނަ ސަޕޯޓަރުންނަށް މެޗު ބަލަން ދެވޭނެ ހާލަތަކަށް ބަލާފައި އަހަރެމެން އިންޑިއާ އަށް މެޗުތަކެއް ގެންނާނަން،" ކަޗާޒާ ބުންޏެވެ.
ސްޕެނިޝް ލީގުގެ ބްރޭންޑް ވަރުގަދަ ކުރުމުގެ ބޭނުމުގައި މި ވަގުތު ކުރެވެމުން އަންނަ އެންމެ ބޮޑު އެއް ކަމަކީ ސްޕެނިޝް ސުޕަ ކަޕްގެ ގޮތުގައި މިނީ ޓޯނަމެންޓެއް (ހަތަރު ޓީމުގެ މުބާރާތެއް) އަހަރުގެ ކުރީކޮޅުގައި ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދިއުމެވެ. ސްޕެއިނުގެ އެންމެ ވަރުގަދަ ހަތަރު ކްލަބް، ސައުދީ އަރަބިއްޔާގައި ކުޅޭ މުބާރާތުން މާލީ ގޮތުން ވެސް ކްލަބްތަކަށް ބޮޑު ފައިދާއެއް ކުރެ އެވެ. ލަލީގާގެ ވިސްނުމަކީ އިންޑިއާ ފަދަ އާބާދީ ބޮޑު ގައުމެއްގައި އެ ލީގުގެ ގިނަ ހަރަކާތްތަކެއް ބާއްވައި، ލީގުގެ ބްރޭންޑް ވަރުގަދަ ކުރުމެވެ.












