ލަންޑަން (މެއި 7) - އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ އުފައްދާފައިވާ ގްރޫޕުން ޗެލްސީ ގަންނަން ހުށަހަޅާފައިވާ 5.2 ބިލިއަން ޑޮލަރުގެ ބިޑް ބަލައިގަންނަން އެ ކްލަބުން ނިންމައިފި އެވެ.
ރަޝިއާ އިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އިނގިރޭސި ސަރުކާރުން ރަޝިއާގެ ވިޔަފާރިތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް، އެ ޓީމު ވިއްކާލަން ނިންމީ މާޗް މަހު ދެ ވަނަ ދުވަހު އެވެ.
ތަފާތު ފިއްތުންތަކާ ހުރެ، އަބްރަމޮވިޗަށް ޗެލްސީ ވިއްކާލުމުގެ ކަންކަން އެއްކޮށް ކުރިއަށް ނުގެންދެވި މިދިޔަ މުއްދަތުގައި، ޗެލްސީގެ އޮޕަރޭޝަންތައް ހިންގީ އިނގިރޭސި ސަރުކާރުން ދީފައިވާ ވަގުތީ ލައިސަންސެއްގެ ދަށުންނެވެ. އެކަމަކު، ޓޮޑް ބޯލީ ގްރޫޕަށް ޗެލްސީ ވިއްކާލުމުގެ ކަންކަން އަވަހަށް ނިމިއްޖެނަމަ އެ ކްލަބަށް އޮތް ފިއްތުންތަކުން ހައްލެއް ލިބޭނެ އެވެ.
ޗެލްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޮޑް ބޯލީގެ ގްރޫޕަށް އެ ކްލަބް ވިއްކާލަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށާއި މި މަހު ފަހު ކޮޅު ލަސްވެގެން އެ ކްލަބް ވިއްކާލުމުގެ ހުރިހާ ކަމެއް ނިމިގެންދާނެ ކަމަށެވެ.
ބޯލީ ގްރޫޕްގައި ހިމެނެނީ އެމެރިކަން ފުޓްބޯޅަ (އެންއެފްއެލް) ކްލަބް، ލޮސް އެންޖެލެންސް ޑޮޖާސްގެ އެއް ވެރިޔާ މާކް ވޯލްޓާ، ސްވިޒަލެންޑްގެ ބިލިއަނަރު ހަންސްޔޯގް ވިސް އަދި އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި، ކްލިއާލޭކް ކެޕިޓަލް އެވެ.
"ލިބިފައިވާ ބިޑްގެ 2.5 ބިލިއަން ޕައުންޑް (3 މިލިއަން ޑޮލަރު) ހަރަދުކުރާނީ ހިއްސާ ގަތުމަށް ފަހު ކްލަބްގެ ފްރީޒް ކޮށްފައިވާ އެކައުންޓަށް ޑިޕޮސިޓް ކުރުމަށް. މީގެ ބޭނުމަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެއްބަސްވެފައިވާ ގޮތަށް ޗެރިޓީ އަށް ހަދިޔާކުރަން ކުރެވޭ ކަމެއް،" ޗެލްސީން ބުނެފައިވެ އެވެ.
އަބްރަމޮވިޗް ވަނީ ޗެލްސީ ވިއްކާލައިގެން ލިބޭ ފައިދާއެއް އޭނާ ބޭނުންނުވާ ކަމަށާއި ޔޫކްރެއިން ހަނގުރާމައިގެ ޗެރިޓީ އަށް އެ ފައިސާ ދޭނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ބިޑްގައި ހިމެނޭ ބާކީ ފައިސާ އަކީ ކްލަބްގެ އެކި ޕްލޭންތަކަށް އިންވެސްޓްކުރެވޭނެ ފައިސާ ކަމަށް ޗެލްސީން ވަނީ ބުނެފަ އެވެ.
ޗެލްސީ ގަންނަން މީގެ ކުރިން ގިނަ ބިޑްތަކެއް ވަނީ ލިބިފަ އެވެ. އެކަމަކު، އެ ކްލަބް އެންމެ ގަޔާވާ ހުށަހެޅުމެއް ލިބުމާއި އިނގިރޭސި ސަރުކާރު ގަބޫލުކުރާ އުސޫލެއްގެ ތެރެއިން ޗެލްސީގެ ޑީލް ކުރިއަށް ގެންދިއުމަށް ދިމާވި ގޮންޖެހުންތަކާ ހެދި ކަންތައްތައް ދިގުލައިދިޔައީ އެވެ.
ޗެލްސީ ގަންނަން ލިވަޕޫލްގެ ކުރީގެ ޗެއާމަން މާޓިން ބްރޯޓަންގެ ކޮންސޯޓިއަމް އިން ކުރި ބިޑްގައި މަޝްހޫރު ދެ ކުޅިވަރު ތަރިން ކަމަށްވާ ސެެރީނާ ވިލިއަމްސް އާއި ލެވިސް ހެމިލްޓަން ބައިވެރިވި އެވެ. ހެމިލްޓަން އާއި ސެރީނާގެ އަމިއްލަ މިލްކިއްޔާތުން 20 މިލިއަން ޑޮލަރު އިންވެސްޓްކުރީ މާޓިން ބްރޯޓަން ކޮންސޯޓިއަމް އިން ކުރި 400 އެއްހާ މިިލިއަން ޑޮލަރުގެ ބިޑަށެވެ.












