މެޑްރިޑް (މެއި 6) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ހުއާން މަޓާ ހޯދަން ސްޕެއިންގެ ތިން ކްލަބަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި މަޓާ، 34، އެ ކްލަބާ އެކު އިތުރު އެއްބަސްވުމެއް ނުހަދާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. މަޓާ، ދެން ގުޅޭނީ ސްޕެއިނުގެ ކްލަބަކާ ކަމަށް އިނގިރޭސި ނޫސްތަކާއި ސްޕެއިނުގެ ގިނަަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މަޓާގެ ސޮއި ހޯދަން މަސައްކަތްކުރާ ކްލަބްތަކަކީ އޭނާ ކުރިން ކުޅުނު ވެލެންސިއާގެ އިތުރުން ރެއާލް ސޮސިއެޑާޑް އާއި ރެއާލް ބެޓިސް އެވެ.
ސޮސިއެޑާޑަށް މަޓާ ގެންދަން އެންމެ ބޮޑަށް ބާރު އަޅަނީ އެ ޓީމުގެ މުުހިންމު ތަރި، މެންޗެސްޓާ ސިޓީ އަށް ކުރިން ކުޅުނު ޑޭވިޑް ސިލްވާ އެވެ. މަޓާ ވަނީ ސިިލްވާއާ އެކު ވެލެންސިއާ އަށް ކުޅެފަ އެވެ. އަންނަ ސީޒަނުގެ ޔޫރަޕާ ލީގަށް ޓީމު ވަރުގަދަ ކުރަން ރެއާލް ބެޓިސްގެ ކޯޗު މެނުއަލް ޕެލެގްރީނީ އެންމެ ބޭނުންވާ އެއް ކުޅުންތެރިއަކީ މަޓާ އެވެ.
މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ ސީޒަނުގެ ފަހު މެޗަށް ފަހު ކަމަށް މަޓާ ވަނީ ބުނެފަ އެވެ.
ވެލެންސިއާ ދޫކޮށް 2011 ވަނަ އަހަރު، މަޓާ ޗެލްސީ އަށް ބަދަލުވީ 28 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މަޓާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
މަޓާ، 2014 ވަނަ އަހަރު ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 46 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. ޔުނައިޓެޑާ އެކު މަޓާ ވަނީ އެފްއޭ ކަޕާއި ލީގު ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ދެ ސީޒަނުގައި މަޓާ އަށް ޔުނައިޓެޑް ޓީމުން ފުރުސަތު ލިބުނީ މަދު މެޗެެއްގަ އެވެ. އެ ގޮތުން މި ސީޒަނުގެ މިހާތަނަށް ވެސް މަޓާ ފެނިފައިވަނީ ޔުނައިޓެޑްގެ 10 މެޗުންނެވެ. އެއީ ޕްރިމިއާ ލީގުގެ ފަސް މެޗާއި ޗެމްޕިއަންސް ލީގުގެ ތިން މެޗާއި އެފްއޭ ކަޕްގެ އެއް މެޗާއި ލީގު ކަޕްގެ މެޗުންނެވެ.
ސްޕެއިން ގައުމީ ޓީމާ އެކު 2010 ގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި މަޓާ ދެން ބަދަލުވާ ކްލަބެއްގައި ކުޅުމުގެ ފުރުސަތު ގިނައިން ލިބޭތޯ ކަށަވަރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި އަހަރު ފަހު ކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅެން ފުރުސަތު ހޯދުމަކީ މަޓާގެ ޓާގެޓެކެވެ.












