ސޯލާ ސިސްޓަމްގެ އިރުން މި ދުނިޔެއަށް 173،000 ޓެރަވަޓުގެ ހަކަތަ ލިއްބައިދެ އެވެ. އެއީ ދުނިޔޭގެ ހަތް ބިލިއަނެއްހާ މީހުންގެ އާބާދީ ބޭނުންކުރާ ހަކަތައިގެ ނިސްބަތަށްވުރެ 10،000 ގުނަ އިތުރު އަދަދެކެވެ. އެ އަދަދުތައް އެއް ފަރާތްކޮށްލުމަށްފަހު، އިރުގެ ހަކަތައިން ދެން އެންމެ މުހިންމު ސިފައަކީ އެއި އެއްވެސް ހައްދެއް ނެތް މިންވަރަށް އިންސާނުންނަށް ގުދުރަތީގޮތުން ލިބެން ހުރި ހަކަތައެއް ކަމެވެ. އަދި، އޭގެ ސަބަބުން ތިމާވެއްޓަށް އަދި އެހެން ކަންކަމަށް ވެސް ކުރާ ނޭދެވޭ އަސަރު ދަށް ކަމެވެ.
އިރުގެ ހަކަތައިގެ މި ހުރިހާ ކަމެއް ހުރިއިރު ވެސް އެ ހަކަތަ އަދިވެސް އިންސާނުން އެންމެ ފުރިހަމައަށް ބޭނުމެއް ނުކުރެ އެވެ. އެކަމަކު އެކަން ކޮންމެ ވެސް އެއް ދުވަހަކުން ބަދަލުވެ، އިންސާނުންގެ ދުވަހުގެ ދިރިއުޅުމަށް ބޭނުންކުރާ ހަކަތައިގެ 100 ޕަސަންޓަށް އިރުގެ ހަކަތަ ބޭނުންކުރަން ފެށިދާނެބާ؟
އެ ސުވާލަށް ޖަވާބު ދޭނަމަ، އިންސާނުން އިރުގެ ހަކަތަ ހޯދުމަށް ބޭނުންކުރާ ސޯލާ ޕެނަލްތައް މަސައްކަތްކުރާ ގޮތް ދެނެގަތުން މުހިންމެވެ. ސޯލާ ޕެނަލަކުން ސޮލާ ހަކަތަ، ކަރަންޓު ހަކަތައަށް ބަދަލުކުރަނީ ކިހިނެތްހެއްޔެވެ؟
ކޮންމެ ސޯލާ ޕެނަލެއް ވެސް އުފައްދަނީ ކުދިކުދި ސޯލާ ސެލްއޭ ކިޔާ ޔުނިޓްތަކަކުންނެވެ. މި ބުނާ ސޯލާ ސެލް އެންމެ އާންމުކޮށް އުފައްދަނީ ސިލިކޯނުންނެވެ. ސިލިކޯނަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނައިން ލިބެން ހުންނަ އެއް މައުދަނެވެ. އެއީ ސެމިކޮންޑަކްޓަރެއް ވެސް މެ އެވެ.
ދެން ސޯލާ ސެލްއެއްގެ އެތެރެއަށް އިތުރަށް ބަލާލާއިރު، ކްރިސްޓަލައިޒްކޮށްފައިވާ ސިލިކޯން ކޮންޑަކްޓިވް ދެ ލޭޔަރެއްގެ ދެމެދަށް އަޅާފައި ހުންނަ ތަން ފެނިދާނެ އެވެ. ކޮންމެ ސިލިކޯން އެޓޮމެއް އެކަތި އަނެއްކަޗާއި ގުޅުވާފައި ހުންނަނީ ވަރުގަދަ ހަތަރު ބޮންޑަކުންނެވެ. އެ ބޮންޑުތަކުގެ ސަބަބުން އިލެކްޓްރޯންތައް ހުންނަންޖެހޭ ތަނުން ލުހިނުލެވި އެއްތަނެއްގައި ތިބެ އެވެ. އޭގެ ސަބަބުން އެއްވެސް ކަރަންޓެއް ދަތުރުކުރުން ވެސް ހުއްޓުވައިދެ އެވެ.
ސޯލާ ޕެނަލެއް މަސައްކަތްކުރާ ގޮތުގެ އެންމެ މުހިންމު ބައި ދެން މި ކިޔައިދެނީ އެވެ. ސިލިކޯން ސޯލާ ސެލްއެއް އާންމުކޮށް ބޭނުންކުރަނީ ދެ ބާވަތެއްގެ ލޭޔަރެއްގެ ސިލިކޯން އެވެ. އެއް ބާވަތަށް ސައިންސްވެރިން ނަން ދީފައިވާ "N" ސިލިކޯނެވެ. އެ ބާވަތުގައި އިތުރު އިލެކްޓްރޯންތަކެއް ހުރެ އެވެ. އަނެއް ބާވަތަށް ނަން ދީފައިވަނީ "P" ސިލިކޯން އެވެ. އެއީ އިލެކްޓްރޯންތަކަށް އިތުރު ލޯވަޅުތައް ހުންނަ ބާވަތެއްގެ ސިލިކޯނެކެވެ. އެ ދެ ބާވަތުގެ ސިލިކޯން އެކަތި އަނެކައްޗާއި ދިމާވާ ހިސާބަށް ކިޔަނީ "P/N Junction" އެވެ.
އެ ޖަންކްޝަންގެ ސަބަބުން އިލެކްޓްރޯންތަކަށް ދެ ލޭޔަރުގެ ދެމެދުގައި ދަތުރުކުރެވެ އެވެ. އޭރުން އެއް ފަޅީގައި ހުންނާނީ ސައިންސްވެރިން ކިޔާ ޕޮޒިޓިވް ޗާޖެކެވެ. އަނެއް ފަޅީގައި ހުންނަނީ ނެގެޓިވް ޗާޖެކެވެ.
އިރުން ހަކަތަ ލިބޭ އައްޔަކީ ފޯޓޮންސް ނަމަކަށް ކިޔާ ކުދިކުދި ޕާޓިކަލްތައް އޭގައި ހިމެނޭ އައްޔެކެވެ. އޭގެ ފޯޓޮންއަކުން ކުރިން ބުނި ކަހަލަ ސިލިކޯން ސެލްއެއްގައި ޖެހެން އޮންނަ ބާރުމިނުގައި ޖެހިއްޖެ ނަމަ އިލެކްޓްރޯންއެއް އޭގެ ބޮންޑުން ލުއްސައިލެވިދާނެ އެވެ.
އެ ހިސާބުން އެ އިލެކްޓްރޯން ހުރި ތަނުގައި ހުންނާނީ ބާގަނޑެކެވެ. އެއްކަލަ ނެގެޓިވްކޮށް ޗާޖުވި އިލެކްޓްރޯނާއި ޕޮޒިޓިވްކޮށް ޗާޖުވި ލޯވަޅުން މިހާރު މިނިވަންކަމާއެކު ދަތުރުކުރެވޭނެ އެވެ. އެކަމަކު އެއްކަލަ ޖަންކްޝަނުގައި ހުންނަ ކަރަންޓު ފީލްޑެއްގެ ސަބަބުން އެ ދޭއްޗަށް ވެސް ދަތުރުކުރެވޭނީ އެއް ކޮޅަށެވެ. އިލެކްޓްރޯން ދަމައިގަންނަނީ "N" ސިލިކޯން ހުރި ފަޅިއަށެވެ. ލޯވަޅު ދަމައިގަންނަނީ "P" ސިލިކޯން ހުރި ފަޅިއަށެވެ.
އެއްކަލަ ދަތުރުކުރާ އިލެކްޓްރޯންތައް ދެން އަތުލައިގަންނަނީ ސެލްގެ މައްޗަށް ވާ ގޮތަށް ހުންނަ ދަގަނޑު އިނގިލިތަކަކުންނެވެ. އެ ހިސާބުން ދެން އެ އެއްޗިހި ދަތުރުކުރަން ފަށަނީ އެކްސްޓާނަލް ސާކިޓެއްގަ އެވެ. އެ ހިސާބުން ކަރަންޓު ދޭން ފެށޭ ވަރުވެ އެވެ. އެ ހިސާބުން ބޮކި އަދި އެހެން ކަރަންޓު ސާމާނު ވެސް މަސައްކަތް ކުރަން ފަށަ އެވެ.
އެ ސާކިޓްގެ ތެރެއިން ނިކުމެގެން ގޮސް، ކޮންޑަކްޓިވް އެލުމިނިއަމް ޝީޓެއް މެދުވެރިކޮށް އެ އިލެކްޓްރޯންތައް "ފްލޯ" ވެގެން އެނބުރި ދެ އެވެ. ކޮންމެ ސިލިކޯން ސެލްއެއްގައި ހުންނަނީ ބައި ވޯލްޓެވެ. އެކަމަކު މޮޑިއުލްއެއްގޮތަށް ބަރިބަރިއަށް ކޮންމެ ސެލްއެއް ޖަހައިގެން އިތުރު ހަކަތަ ނެގިދާނެ އެވެ.
ސޯލާ ސެލްއެއްގެ ހަމައެކަނި ދަތުރުކުރާ އެއްޗަކީ އެ އިލެކްޓްރޯންތަކެވެ. އެ ހުރިހާ އިލެކްޓްރޯންއެއް ވެސް އެނބުރި ދަނީ އެ އައި ތަނަށެވެ. ބޭނުންކޮށްކޮށް ހުސްވާން ނުވަތަ ބާވާނެ އެއްވެސް އެއްޗެއް އޭގައި ނުހިމެނެ އެވެ. މާނައަކީ ސޯލާ ސެލްއެއް އެތައް އެތައް އަހަރުތަކަކަށް ބޭނުންކުރެވިދާނެ ކަމެވެ. އެފަދަ 12 ފޮޓޯވޮލްޓެއިކް ސެލްއަކުން ފޯނެއް ޗާޖު ކޮށްލެވޭނެ އެވެ. އެކަމަކު އޭގެ ގެޔެއްގެ ކަރަންޓު ހަކަތަ ފުރިހަމަކޮށްދޭން އެޔަށްވުރެ ގިނަ މޮޑިއުލްތަކެއް ބޭނުންވާނެ އެވެ.
އެހެންވީމާ ސޯލާ ޕެނަލްގެ އީޖާދު ބޭނުންކޮށްގެން މުޅިންހެން ހަކަތަ އެ ގޮތަށް އުފައްދަން ނޫޅެނީ ކީއްވެހެއްޔެވެ؟
އޭގެ ފަހަތުގައި ގައިމު ވެސް ސިޔާސީ ކަންކަމާއި ވިޔަފާރީގެ ކަންކަން އެބަ ހުއްޓެވެ. އެކަމަކު އޭގައި އެހެން ގޮންޖެހުންތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް އިރުގެ އަލި އެއްވަރަކަށް ނުލިބޭ ކަމެވެ.
ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް އިރުގެ އަލި ލިބޭއިރު، އިނގިރޭސިވިލާތް، ނޯވޭ، ރަޝިޔާ އަދި ކެނެޑާ ފަދަ ބައެއް ގައުމުތަކުގައި އިރުގެ އަލި އެތައް ދުވަހެއް ވަންދެން ނުލިބޭ ސަރަހައްދުތައް ވެސް އެބަ ހުއްޓެވެ. ހަމައެއާއެކު ވިއްސާރަ ސަރަހައްދުތަކާއި ވިލާ ގިނަ ސަރަހައްދުތަކަށް ވެސް އިރުގެ އަލި ލިބުމުގައި ދަތިތަކެއް ހުރެ އެވެ. އެހެންވީމާ 100 ޕަސަންޓު އިރުގެ އަލިން ހަކަތަ ހޯދާނަމަ، އެތަންތަނަށް ވެސް އިރުގެ އަލި ލިބޭނެ ގޮތެއް ހޯދަން އެބަ ޖެހެ އެވެ.
ހަކަތަ ރައްކާކުރާނެ ގޮތްތަކެއް ވެސް ހޯދަން ޖެހޭނެ އެވެ. ސޯލާ ޕެނަލްތައް ބަހައްޓަން ޖާގަ ހަދައި، ފައިސާއާއި އިންފްރާސްޓްރަކްޗާތައް ވެސް ގާއިމުކުރަން ޖެހޭނެ އެވެ. ދުނިޔެއަށް އިރުގެ އަލިން ހަކަތަ ހޯދަން ބައެއް ސައިންސްވެރިން ބުނަނީ އެތައް އެތައް ހާސް ކިލޯމީޓަރެއްގެ ޖާގައިގައި ސޯލާ ޕެނަލް ހަރުކުރަން ޖެހޭނެ ކަމަށެވެ.
އެކަމަކު އެއީ ދުނިޔެއިން ލިބެން ހުރި ޖާގަ އެވެ. އެފްރިކާގެ ސަހާރާ ޑެޒާޓްގައި އެކަނި ވެސް ތިން މިލިއަން ކިލޯމީޓަރު ހުރިއިރު، އެއީ އަވިގަދަކަމުން އެފަދަ މަޝްރޫއަކަށް ރަނގަޅު ސަރަހައްދެއްކަމަށް ސައިންސްވެރިން ބުނެ އެވެ.
ސޯލާ ސެލްތައް ރަނގަޅަށް މަސައްކަތްކުރުން ވެސް އެއީ އެކަމަށް އޮތް ހުރަހެކެވެ. އެގޮތުން އިރުގެ އަލި ރިފްލެކްޓްވެއްޖެނަމަ، ނުވަތަ އިލެކްޓްރޯނެއް ނުބައިކޮށް ލުހިގެން ހިނގައްޖެނަމަ އެ ގެއްލުނީ ވެސް ހަކަތަ އެވެ. އެންމެ ރަނގަޅު ސޯލާ ސެލްތަކަށް އަދިވެސް ހަކަތަ އުފެއްދެނީ ލިބޭ އަލީގެ 46 ޕަސަންޓުންނެވެ. އާންމުކޮށް ވިއްކާ ސެލްތަކުގެ އެ އަދަދު އުޅެނީ 15-20 ޕަސަންޓުގަ އެވެ.
އެކަމަކު މިއީ ވެސް ކުރެވިދާނެ ކަންކަމެވެ. އެ ޓެކްނޮލޮޖީ އަދިވެސް އިތުރަށް ކުރިއެރުވިދާނެ އެވެ. މިހާރު ވެސް އެ މަސައްކަތް އެބަ ކުރިއަށް ދެ އެވެ. ސޯލާ ސެލްތައް ރަނގަޅުވެ، އަގުހެޔޮވުމުގެ ނަތީޖާއަކީ، އާންމުކޮށް ކަރަންޓު އުފައްދާ ގޮތްތަކާއި މިހާރު ވެސް ސޯލާ ހަކަތަ ވާދަކުރަމުންދާ ކަމެވެ.
އެހެންކަމުން ކޮންމެ ވެސް އެއް ދުވަހަކުން މުޅި ދުނިޔެ، އިރުގެ އަލިން ހަކަތަ ނަގާ ދުވަހެއް ވެސް ގެނެވިދާނެ އެވެ.








