ފިތުރު އީދާ ދިމާކޮށް މާލެ ސަރަހައްދުން އަތޮޅުތަކަށް ދަތުރުކުރާ ކަނޑު އުޅަނދުފަހަރުގެ ސަލަމަތީ ކަންކަން ހުރިނެތް ގޮތް ބަލަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ތިން ދުވަހު އަދި އަންނަ މަހުގެ ހަވަނަ އަދި ހަތް ވަނަ ދުވަހު ކުރިޔަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އެ ދުވަސްތަކަކީ އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ އަދި އެނބުރި މާލެއަށް ދަތުރުކުރާ ދުވަސްތަކެވެ.
އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބަލައި، ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަވޭތޯ އަދި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތަކެއް އެ އޮޕަރޭޝަނުގައި ބަލާނެ އެވެ. އެމްއެންޑީއެފުން ބުނީ މާލެ ބަނދަރަށް ވަންނަ އަދި ނިކުންނަ އުޅަނދުފަހަރު އެ އޮޕަރޭޝަނުގައި ހަރަކާތެރިވާ ސިފައިން ޗެކްކުރާނެ ކަމަށެވެ.
ކަނޑު އުޅަނދުފަހަރުގެ ސަލަމަތީ ކަންކަން ބެލުމުގެ އޮޕަރޭޝަނެއް ފުލުހުން ވެސް އަންނަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހިންގަމުންނެވެ. އެ އޮޕަރޭޝަން ނިންމާލާނީ އަންނަ ހޯމަ ދުވަހު އެވެ.
ރަށްރަށަށް ދަތުރުކުރާ އުޅަނދުތަކާއި މާލޭގެ އުތުރުބަނދަރާއި ޓީ ޖެޓީ ސަރަހައްދު ގައި އަޅާފައިވާ އޮޑިދޯނިފަހަރަށް ޒިޔާރަތްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ފުލުުހުންގެ އޮޕަރޭޝަނުގައި ވެސް ބަލާނެ އެވެ.













